ޚަބަރު

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލެވޭނީ އެ ކޯޓަށް އައްޔަންކުރެވިފައިވާ އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ކަމަށެވެ.

ފެމިލީ ކޯޓްގެ އިސް ގާޒީގެ މުސާރައަކީ 31,000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,375 ރުފިޔާ ލިބޭނެއެވެ.

މަގާމަށް ޝައުގުވެރިވާ ފަނޑިޔާރުން މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކޮމިޝަނުގެ ރަސްމީ އީމެއިލް ([email protected] ) އަށް ސިޓީ ފޮނުވުމަށް ވަނީ އެދިފައެވެ.

ޖޭއެސްސީން ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބޭނެއެވެ.

މީގެ ކުރިން ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވީ ކުރީގެ ފަނޑިޔާރު ހަސަން ސައީދެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ކުރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން އެ ކޯޓަށް އިސް ގާޒީއަކު އައްޔަންކޮށްފައެއް ނުވެއެވެ.

ހަސަން ސައީދުގެ ފަހުން އިސް ގާޒީގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ކުރީގެ ފަނޑިޔާރު އަބްދުﷲ އަދީބެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރިޓަޔާވެވަޑައިގެންފައެވެ. އެހެންވެ މިހާރު ފެމިލީ ކޯޓް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ގާޒީ ހުޒައިފާ މުހައްމަދެވެ.

ފެމިލީ ކޯޓުގައި މިހާރު ތިއްބެވީ ނުވަ ގާޒީންނެވެ. ގާޒީ ހުޒައިފާގެ އިތުރުން ދެން ތިއްބަވަނީ ގާޒީ އަހުމަދު މުސްތަފާ، ގާޒީ އިބްރާހީމް މާހިރު، ގާޒީ އަބްދުﷲ މުހައްމަދު، ގާޒީ އަބްދުﷲ ނަޝީދު، ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް، ގާޒީ ޒައީމާ ނަޝީދު އަބޫބަކުރު އަދި މައީޝާ ޔޫސުފް ސަމީރެވެ.