ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކޮށްދޭން ޑްރައިވަރުން ހުށަހެޅި ހުށަހެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބު ނުދިނުމުން، ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލައި ހުޅުމާލެ ރުއްގަނޑު ދޭއްގައި މުޒާހަރާކުރަން ފަށައިފިއެވެ.
ރުއްގަނޑު ދޭއްގައި ހުރި ޓެކްސީ ޑްރައިވަރަކު މިއަދު ހަވީރު "ވަން" އަށް ބުނީ، ޑްރައިވަރުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުންތަކާ ގުޅޭގޮތުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި އެ ހުށަހެޅުންތަކަކީ ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށް ދިނުން ނުވަތަ ތެލުން ޓެކްސީތަކަށް ސަބްސިޑީއެއް ދިނުން ކަމަށެވެ. އަދި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް މިނިސްޓްރީއަށް ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މުއްދަތުގައި އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓެކްސީ ސެންޓަރުތަކުގެ އިސްވެރިން ވެސް ބައިވެރިވާ އެ މުޒާހަރާއާ ގުޅޭ އިތުރު މައުލޫމާތުދެމުން އެ ޑްރައިވަރު ބުނީ، ރުއްގަނޑު ދޭއްގައި މިވަގުތު ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަމުންދާ ކަމަށާއި މުޒާހަރާ ކުރަނީ ޑްރައިވަރުންގެ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓްރީން ޖަވާބެއް ދިނުމަށް އެދި ކަމަށެވެ. އަދި މުޒާހަރާ ހުއްޓާލާނީ ޑްރައިވަރުން އެދުނު ކަންތަކަށް މިނިސްޓްރީން އިޖާބަ ދިނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮންމެ ސެންޓަރަކުން ވެސް ދެ ޓެކްސީއެއް ދަތުރު ކުރަމުން އަންނަ ކަމަށާއި އެއީ އެމަޖެންސީ ދަތުރުތައް ކަމަށް ވެސް އޭނާ ބުންޏެވެ.
ޓެކްސީ ޑްރައިވަރުންގެ މައްސަލައިގައި މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމާނީ ސްޓޭކް ހޮލްޑަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އިއްޔެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޓެކްސީ ޑްރައިވަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއިން ވެސް ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެހެންވެ ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ކޮށްދޭ އަގުތައް ބޮޑުކުރަން ނިންމައިފައެވެ. ނަމަވެސް މިނިސްޓްރީންނާއި ފުލުހުން ބުނެފައިވަނީ ގަވާއިދުގައިވާ އަގަށްވުރެ ބޮޑުކޮށް ދަތުރުކޮށްދޭ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ވަނީ މިދިޔަ އަންގާރު ދުވަހު އެއާޕޯޓު ކިޔުލައިނުގައި ތިބި ބައެއް ޓެކްސީތައް އަގުބޮޑުކޮށް ދަތުރުކޮށްދޭތީ ކިޔުލައިނުން ފޮނުވާލައިފައެވެ. އަދި އަގުބޮޑުކޮށް ދަތުރުތައް ކުރާނަމަ، އެކަން ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.