ޓެކްސީ ޑްރައިވަރުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ގޮތް ނިންމާނީ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްރީން ބުނެފިއެވެ.

މާލޭގެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދޭން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާތީ އެކަމާ ގުޅިގެން މިނިސްޓްރީން މިއަދު ބުނީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާނީ ކަމާބެހޭ ރަސްމީ އަދި ފަންނީ ފަރާތްތަކުގެ އިތުރުން އާއްމުންގެ ވެސް މަޝްވަރާ ހޯދުމަށް ފަހުގައި ކަމަށެވެ.

މިއަދުގެ ނިޔަލަށް ޓެކްސީ ކުރުމުގެ އަގުތައް ބޮޑު ނުކޮށްދީފިނަމަ ޓެކްސީ ކުރުން ހުއްޓާލާނެ ކަމަށް ބުނެ ސެންޓަރުތަކާއި ޑްރައިވަރުންގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައި ވާއިރު އަގު ބޮޑު ނުކޮށްފި ނަމަ ދަތުރު ކުރާނީ ޑްރައިވަރުންނަށް ފެންނަ އަގެއްގައި ކަމަށް ޑްރައިވަރުން އަންނަނީ ބުނަމުންނެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާ ކޮށްދިނުމަށް އެދި ސެންޓަރުތަކުގެ ވެރިން ފޮނުވި ސިޓީއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ އިއްޔެ އެ ސެންޓަރުތަކުގެ ވެރިންނާ ބައްދަލުވެސް ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ޓެކްސީ ތަކުގައި މީޓަރު ހަރުކުރުން ފަދަ ގިނަ ކަންބޮޑުވުންތަކެއް ޑްރައިވަރުން ވަނީ ހުށަހަޅައިފައެވެ. އެ ހުށަހެޅުންތަކަށް މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަތައް ބަލައި އެކަމަށް ހޯދަން ޖެހޭ ހައްލު ހޯދައި ގޮތް ނިންމާނީ "ސްޓޭކް ހޯލްޑަރުން" ނާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

  • މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
  • ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
  • ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ
  • މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
  • މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
  • ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭކުން މާލެއަށް | މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
  • މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭކުން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
  • ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި 5 ރުފިޔާ
  • ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ

ޓެކްސީ ކުރުމުގެ ގަވާއިދުވާ ގޮތުން މިހާރު ކަނޑައަޅާފައިވާ އަގުތަކާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތާއި އިންޒާރު ދޭންޖެހޭނެއެވެ. އަދި ގަވާއިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. އެ ފަދަ ކުށެއް ކުރާ މީހުންނާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ ފުރަތަމަ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރު ނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފެށުމާ އެކު ގިނަ ޓެކްސީ ޑްރައިވަރުން ވަނީ އެކަމުން އެމީހުންނަށް ގެއްލުންވާ ކަމަށް ބުނެފައެވެ. ގިނަ ޑްރައިވަރުން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. އެކަމަށް މީގެ ކުރިންވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރި ނަމަވެސް އެކަން އަދި ތަންފީޒު ކޮށްފައެއް ނުވެއެވެ