ނ. މަނަދޫގައި މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މަނަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އަފާމީއާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 365 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ. މި މަޝްރޫއުގެ އަގަކީ 15.7 މިލިއަން ރުފިޔާއެވެ.

ދައުލަތުން ހަރަދު ކޮށްގެން އެއް ފަންގިފިލާއަށް އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު މަނަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މިސްކިތުގައި ފާހާނާ، ވުޟޫކުރާބައި، ގުދަން އަދި މުންނާރެއް ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.