ރަޝިޔާގެ ހަމަލާތަކުން ޔުކްރޭނުގެ ރައްޔިތުން ރައްކާތެރިކޮށްދިނުމަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިއްމު ކަމަކީ މުޅި ޔުކްރޭނު އުދުހުން މަނާ ސަރަހައްދަކަށް ހަދައި އެ ނިންމުން ބާރުގެ އެހީގައި ތަންފީޒު ކުރުން ކަމަށް ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ ވިދާޅުވަމުންނެވެ. މިކަމަށް އެދި ނޭޓޯގައި ޔުކްރޭނު ގެންދަނީ ތަކުރާރުކޮށް އިލްތިމާސްވެސް ކުރަމުންނެވެ. ހުޅަނގުގެ ގައުމުތަކުގެ ވަރަށް ގިނަ އާއްމުންވެސް މިކަމަށް ތާއީދުކުރާ ކަމަށް ފެނެއެވެ. އެހެންނަމަވެސް ނޭޓޯއާއި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ވަނީ މިއީ ނުކުރެވޭނޭ ކަމެއްކަމަށް އަދި ކުރަން ހެޔޮވެސް ނުވާނޭ ކަހަލަ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެފައެވެ. އުދުހުން މަނާ ސަރަހައްދަކީ ކޮބައިބާވައެވެ. ޔުކްރޭނުގައި އެކަން ނުކުރެވެންވީ ސަބަބަކީ ކޮބައިބާވައެވެ. އެކަންކަމަށް ބަލައިލަމާބަހީއެވެ.
ޔުކްރޭނުގައި އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރުމަށް ޔުކްރޭނުން ތަކުރާރުކޮށް އެދެމުންދާ ދިޔުމާމެދު އެމެރިކާ ސަރުކާރުން ބުނެފައިވަނީ އެފަދަ ސަރަހައްދެއް ގާއިމުކޮށްފިއްޔާ ތަންފީޒުވެސް ކުރަން ޖެހޭނޭ ކަމުގައެވެ. ތަންފީޒުކުރުމުގެ މާނަޔަކީ ރަޝިޔާގެ ބޯޓުފަހަރަށް ހަމަލާދީ ވައްޓައިލުން ކަމުގައެވެ. މިކަމަކީ އެމެރިކާއިން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށްވެސް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. މިމައްސަލައިގައި ނޭޓޯ ޖަމާއަތުންވެސް ބުނެފައިވަނީ ހަމަ މިހެންނެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެފައިވަނީ ޔުކްރޭނުގައި ނޭޓޯއިން އުދުހުން މަނާ ސަރަހައްދެއް ހަދައި ތަންފީޒު ކުރުމަކީ ރަޝިޔާއާ ދެކޮޅަށް ސީދާގޮތެއްގައި ހަނގުރާމައިގެ ތެރެއަށް ވަނުން ކަމުގައެވެ. ދެން ވާންހުރި ކަންކަމުގެ ޒިންމާ ރޫސީން ނުއުފުލާނޭ ކަމުގައެވެ.
އުދުހުން މަނާ ސަރަހައްދަކީ ވަކިބާވަތެއްގެ މަތިންދާބޯޓުފަހަރަށް އުދުހުން މަނާކުރެވޭ ސަރަހައްދުތަކެވެ. ޚާއްސަކޮށް ހަނގުރާމަމަތީ ބޯޓުފަހަރަށާއި ހަނގުރާމައެއްގައި ބޭނުންކުރެވޭޒާތުގެ ބޯޓުފަހަރަށެވެ. ޔުކްރޭނުގައި އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރަންޏާ އެކަން ކުރަން އޮތީ ދެގޮތެކެވެ. އެއްގޮތަކީ މުޅި ޔުކްރޭނު އެފަދަ ސަރަހައްދަކަށް ހެދުމެވެ. އަނެއްގޮތަކީ ޔުކްރޭނުގެ ތެރެއިން ވަކި ސަރަހައްދުތަކެއް އެކަމަށް ޚާއްސަކުރުމެވެ. މިއިން ކޮންމެ ގޮތެއް އިޚުތިޔާރުކުރިއަސް ނޭޓޯގެ ގައުމުތަކާއި ރަޝިޔާ ސީދާގޮތެއްގައި މުޑިއަރާގޮތްވާނެއެވެ. އެއީ މިހަނގުރާމަ އިތުރަށް ފުޅާވެގެން ނުރައްކާތެރިވެގެން ހިނގައިދާނެ ގޮތެކެވެ. ރޫސީ ޖެޓުތަކަށް ނޭޓޯއިން ހުރަސްއަޅަން ފެށީމާ ރަޝިޔާއިން އެކަން ނަގާނީ ހަނގުރާމަ އިއުލާން ކުރުމަކަށެވެ.
ފާއިތުވި ތިރީސް އަހަރުގެ މާޒީއަށް ބަލާއިރު އެމެރިކާ އާއި ނޭޓޯއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހުން މަނާ ސަރަހައްދުތައް ގާއިމުކޮށް އެ ނިންމުން ތަންފީޒުކޮށްފައިވެއެވެ. މި ލިސްޓަށް ބަލާއިރު އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ 1992 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަޔަށް އިރާގުގައި ގާއިމުކުރި އުދުހުން މަނާ ސަރަހައްދެވެ. އެންމެ ފުރަތަމަ ރައީސް ސައްދާމު ހުސައިންގެ އެއަރފޯސްގެ ހަމަލާތަކުން އިރާގުގެ ޝިޔައީން ސަލާމަތް ކުރުމުގެ ނަމުގައި އިރާގުގެ ދެކުނުގައެވެ. އޭގެފަހުން ކުރުދީންނަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި އިރާގުގެ އުތުރުގައެވެ. މި ދެސަރަހައްދުގައި އުދުހުން މަނާކުރީމާ ސައްދާމު ހުސައިނުގެ ބޯޓުފަހަރަށް އުދުހެވެނީ އިރާގުގެ މެދުތެރެއިން ދާދި ހަނި ރޮނގެއްގައި އެކަންޏެވެ.
ޔޫގޯސްލާވިޔާ ރޫޅިގެންގޮސް އައު ޖުމްހޫރިއްޔާތަކެއް މިނިވަންވީއިރު އެތަނުން އެއްގައުމަކީ ބޮސްނިޔާއެވެ. އޭރު ޔޫގޯސްލާވިޔާގެ ވެރިކަންކުރަމުންދިޔަ ސާރބުންގެ ފަރާތުން ވަރަށް ނޭއްގާނީ އަމަލުތަކެއް ބޮސްނިޔާގައި ދިޔައީ ހިންގަމުންނެވެ. އެފަދަ ކަންކަން ހުއްޓުވައި ބޮސްނިޔާއަށް ރައްކާތެރިކަން ދިނުމަށް 1993 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމަޔަށް ބޮސްނިޔާއަކީ ޔޫގޯސްލާވިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އުދުހުން މަނާ ސަރަހައްދަކަށް ހެދިއެވެ. އެފަހަރު މިކަންކުރީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން މުޅި ދުނިޔެއިން ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަކު މި ނިންމުންވެސް ތަންފީޒުކުރީ އެމެރިކާޔާއި ނޭޓޯއިންނެވެ. ޚާއްސަގޮތެއްގައި އެމެރިކާޔާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ.
އެންމެފަހުން އުދުހުން މަނާ ސަރަހައްދެއް ހުޅަނގުގެ ބާރުގައި ގާއިމުކުރެވުނީ 2011 ވަނަ އަހަރު ލީބިޔާގައެވެ. މިކަމެއް ކުރީ ލީބިޔާގެ ލީޑަރު ކާނަލް ގައްޒާފީއާ ދެކޮޅަށް ހަނގުރާމަވެރިން ތެދުވެގަތުމުން އެމީހުންނަށް ވައިގެ ހަމަލާ ދިނުމަށް ލީބިޔާގެ ސިފައިންނަށް ލިބިފައި އޮތް ފުރުސަތު ބަންދު ކުރުމުގެ ބޭނުމުގައެވެ. ލީބިޔާގެ ވައިގެ ބާރު ކަނޑުވައިލުމުގެ ބޭނުމުގަައެވެ. ހަގީގަތުގައި ގައްޒާފީގެ ސަރުކާރު ވެއްޓުމުގެ ސަބަބަކީވެސް މިއީއެވެ. ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީނުދީފައި އަދި ވައިގެ މަގުން އެމީހުންނަށް ރައްކާތެރިކަން ދިނީވެސް ނޭޓޯއިންނެވެ. އިސާހިތަކު ހަނގުރާމަވެރިން ކުރިއަރައި ހަނގުރާމަ ކާމިޔާބުކޮށް އެންމެފަހުން ކާނަލް ގައްޒާފީވެސް އަތުލައިގަނެ ވަރަށް އިހާނެތިކޮށް އޭނާވެސް ވަނީ އަވަހާރަކޮށްލައިފައެވެ.