އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން ގްރީން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރީނުން ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، ތާވަލުގެ ހަވަނައަށް ވެއްޓި ގްރީނަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވި ޓީސީއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ގްރީންގެ މަތިން ފަސްވަނައަށް ޖެހިލައިފައެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޓީސީން ވަނީ 11 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެޓީމުން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. ޓީސީއަށް ޕެނަލްޓީ ލިބުނީ ގްރީންގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މުހައްމަދު ފަރުހާން (ފަރުއްކޮ)، ޓީސީއާ އަލަށް ގުޅުނު ފޯވަޑް އޮމަރް ހޮސަމް ސަލާހަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދީ ޓީސީއަށް ގޯލު ޖަހައިދިނީވެސް ސަލާހެވެ.

އޭގެ ފަހުން ގްރީނުން ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކުރިކަން ފާހަގަވެގެން ގޮސްފައިވާ އިރު، ޑިފެންޑަރު މުހައްމަދު ސާއިފަށް ލިބުނު ފުރުސަތާއި ހަސަން ނަޒީމް (ޗޯޓު) އަށް ލިބުނު ދެ ފުރުސަތެއްވެސް ފާހަގަވިއެވެ. އެއްވެސް ފުރުސަތެއްގައި ރަނގަޅު ހަމަލާއެއް ގްރީނަށް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައިވެސް ގްރީންގެ ހަމަލާތައް ފެނުނެވެ. ލީގެލްސް ޖޯޑީ ބާޓް ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވެ ދިޔަ އިރު، އަރިމަތިން ވަދެ އަލީ ސާމިސް (ތޮއްޕެ) ޖެހި ބާރު ބޯޅަ މަތަކުރީ މެޗުގައި މޮޅަށް ކުޅުނު ޓީސީގެ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

ދެވަނަ ހާފުގައިވެސް ވަރުގަދަކޮށް ކުޅެ، ކުރިއަށް ހަމަލާތައް އުފެއްދީ ގްރީނުންނެވެ. ޓީސީން ބޮޑަށް ޑިފެންސަށް ސަމާލުކަން ދީގެން ކުޅުނު އިރު، ފަހު ހާފުގައިވެސް ސުޖަންގެ ސޭވްތަކެއް ފެނިގެން ދިޔައެވެ. ގްރީންގެ ކުރިއަށް ކުޅުނު އަހުމަދު ނާހިލް ޖެހި ބާރު ދެ ބޯޅައެއްގެ އިތުރުން އަންސަރު އިބްރާހީމް (އަންކޮ) ޖެހި ހިލޭ ޖެހުމެއްވެސް ޕަންޗު ކޮށް ބޭރުކޮށްލީ ސުޖަންއެވެ.

އަނެއްކޮޅުން ޓީސީއަށް ލީޑު ފުޅާކުރަން ދެވަނަ ހާފުގައި ނިޝާމް މުހައްމަދަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާއިން ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ކްލަބު އީގަލްސް ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.