ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި އާލިއާ ބަޓް ހޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
އާލިއާއަށް މިދުވަސްވަރަކީ އިންޑަސްޓްރީގައި ވަރަށް ކާމިޔާބު ދުވަސްވަރެކެވެ. އޭނާ އެންމެފަހުން ކުޅެފައިވާ ސަންޖޭލީލާ ބަންސާލީގެ ފިލްމު ''ގަންގޫބައި ކަތިޔަވަޑީ''ގެ ކާމިޔާބީއާއެކު އާލިއާ ހުށަހަޅައިދިން ރޯލަށް ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ބޮލީވުޑްގެ އިތުރުން އާލިއާ ބަޓް ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ހޮލީވުޑް ފިލްމުގެ ވާހަކަ ނެޓްފްލިކްސް އިންޑިއާއިން ވަނީ އިއުލާން ކޮށްފައެވެ.
އާލިއާ ބަޓް ކުޅެން ހަމަޖެހިފައިވަނީ ނެޓްފްލިކްސްގައި ޕްރިމިއާކުރަން ހަމަޖެހިފައިވާ ހޮލީވުޑް ފިލްމު ''ހާޓް އޮފް ސްޓޯން'' އެވެ. ''ވޮންޑާ ވުމަން'' ''ރެޑް ނޯޓިސް'' ފަދަ މަޝްހޫރު ފިލްމުތައް ހުށަހަޅައިދީފައިވާ ހޮލީވުޑް ތަރި ގަލް ގަޑޮޓް އާއެކު އާލިއާ ކުޅެން ހަމަޖެހިފައިވާ މި ފިލްމަކީ ސްޕައި ތުރިލާއެކެވެ. ޓޮމް ހާޕާ ޑައިރެކްޓު ކުރާ ''ހާޓް އޮފް ސްޓޯން'' ގައި ގަލް ގަޑޮޓްގެ އިތުރުން ޖޭމީ ޑޮނަން އާއެކު އާލިއާ ފެނިގެންދާނެއެވެ.
ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ، އައިޝްވަރިޔާ ރާއި، ދީޕިކާ ޕަދުކޯން، އަނިލް ކަޕޫރު، އަލީ ފަޒަލްގެ އިތުރުން މިހާރު ދުނިޔެ ދޫކޮށްފައިވާ އިރްފާން ހާނަކީވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނުންނެވެ.
ކުރިއަށްވެސް އާލިއާ ބަޓްގެ ގިނަ ފިލްމުތަކެއްގެ މަސައްކަތް އެބަހުއްޓެވެ. އޭގެ ތެރޭގައި އެސް އެސް ރާޖަމޯލީގެ ''އާރްއާރްއާރް'' ކަރަން ޖޯހަރްގެ ''ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'' އަދި އާލިއާ އަލަށް ޕްރޮޑިއުސްކުރާ ފިލްމު ''ޑާލިންގްސް''ގެ މަސައްކަތްތަކުގެ އިތުރުން ފަރްހާން އަހްތަރު އުފައްދާ ''ޖީ ލޭ ޒަރާ'' ގައި ކެޓްރިނާ ކެއިފް އަދި ޕްރިޔަންކާ ޗޯޕްރާ އާއެކު އާލިއާ ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.