ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އިސްލާހުކުރަން އޭސީސީއަށް އަންގައިފިއެވެ.

އުމަރު ނަސީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ 2015 ވަނަ އަހަރު ތެރޭގައި ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ. ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ ބާވާތުގެ މައްސަލަތަކުގައި ދައުވާކުރުމާމެދު 90 ދުވަސް ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ގޮތެއް ކަނޑައަޅަން ޖެހެއެވެ. އެ މުއްދަތު ހަމަވާ ދުވަހަކީ މިއަދެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޖެނެރަލް ޝަފީއު އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ، އުމަރުގެ މައްސަލައިގައި ބައެއް ކަންކަން އިސްލާހުކުރަން ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޭސީސީއަށް މަޝްވަރާ އަރުވާފައިވާ ކަމަށެވެ. އެގޮތަށް އޭސީސީއަށް އަންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

"ބައެއް ކަންކަން އިސްލާހުކުރަން (އޭސީސީ) އަށް ދަންނަވާފަ ވަނީ، ފެބްރުއަރީ ކުރީކޮޅު،" ޝަފީއު ވިދާޅުވިއެވެ.

އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށްފަހު އޭނާ ޖަލަށްލާން ޖެހޭނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މެމްބަރު އެގޮތަށް ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު މަޖިލިސް މެމްބަރުން ދޭން ފެށުމުން އޭސީސީން އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ.

އުމަރު ވިދާޅުވީ އޭސީސީން އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން 90 ދުވަހަށް އޭނާގެ ރިޔާސީ ކެމްޕޭން މަޑުޖައްސާލުމަށްފަހު ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވި ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް ކުށް ސާބިތުކޮށްދެވިފައި ނުވުމުން އަލުން ރިޔާސީ އިންތިހާބުގެ ކެމްޕޭނު މިއަދު ފެށުމަށް ނިންމާފައިވާ ކަމަށެވެ

"މިކަމާ ގުޅިގެން ދައުލަތަށް އިހުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އަޅުގަނޑުގެ ރިޔާސީ ކެމްޕޭން މެދުކަނޑާލައި، ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވިން. މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނު،" އުމަރު ވިދާޅުވިއެވެ.

އުމަރު މައްސަލައިގައި އޭސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބެލުމުގެ ދަށުން އަދި އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީވެސް އުމަރު ނަސީރާ ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށެވެ. އަދި އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވެސް އޭސީސީން ބުންޏެވެ.

"އެހެންކަމުން ސްޓެލްވާޓަކީ އުމަރު ނަސީރާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް. އެހެންނަމަވެސް ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވޭ،" އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައިވީ ނަމަވެސް މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާ ކަމަށެވެ. އަދި ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަން ވާނީ އަންދާސީ ހިސާބު ބަލައި ކޮމިޓީން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށާއި ނަމަވެސް މި މަސައްކަތް މިނިސްޓްރީން އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމިޓީއަށް ހުށަހަޅާފައިނުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.