Close
ޚަބަރު

އެމްޑީޕީ ޕީޖީގެ ޑެޕިއުޓީ ލީޑަރަކަށް އަނދުން ހުސެއިން

މުހައްމަދު އިޝާން

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިންތިހާބުވެވަޑައިގެންފިއެވެ.

އަންދުން އެ މަގާމަށް އިންތިހާބުވެޑައިގެންފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 25 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި 65 މެމްބަރުން ތިއްބެވި ނަމަވެސް އިންތިހާބުގައި ވޯޓުލާފައިވަނީ 63 މެމްބަރުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާއިރު މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ ތިން ބޭފުޅުންނެވެ. އިލްޔާސް އާއި އަނދުން ހުސެއިންގެ އިތުރުން ދެން ވާދަކުރެއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭ އެ މަގާމަށް 49 މެމްބަރުންގެ ވޯޓުން އިންތިހާބުވެވަޑައިގެންނެވިއިރު އަނދުން ހުސެއިނާއި އިލްޔާސް ލަބީބުގެ ވޯޓް އެއްވަރުވުމުން އަލުން ވަނީ ވޯޓް ނަގާފައިވަނީ މިއަދެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ އާ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ކުރިން ހުންނެވީ އަލީ އާޒިމެވެ. އަސްލަމް ޕީޖީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެޑައިގަތީ 40 މެމްބަރުންގެ ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ އިންތިހާބުވެވަޑައިގެންފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އަދި ޑެޕިޔުޓީ އަމީންއާންމުގެ މަގާމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުވެޑައިގަތީ 35 ވޯޓުންނެވެ. ނިހާދުއާ ވާދަކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒުއަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

މީގެ އިތުރުން 34 މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ ވަނީ އިންތިހާބުވެޑައިގެންފައެވެ. ޗީޕް ވިޕްގެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

އެމްޑީޕީ ވިޕުންނަށް އިންހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުން ވެސް އޮންނާނެއެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ކޮމިޓީގެ ރައީސްގެ އިންތިހާބުވެސް އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ވުމެން އިން ޑިމޮކްރަސީ (ވީއައިއެމް)ގެ ޖަމިއްޔާގެ ފައުންޑާ ސަފާތު އަހުމަދު ޒާހިރު އެވެ.