އާއްމުކޮށް އިއުލާންކޮށް، އިންޓަވިއު ޕްރޮސެސް އަށްފަހު ނޫނީ ވަޒީފާ ނުދެވޭގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާކޮށް ކޮމިޓީން އެކުލަވައި ރިޕޯޓްގައި ހިމަނައިގެންނެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންތައްތަކާ ގުޅިގެން މަޖިލީހުން ކުންފުންޏަށް އަންގަން ޖެހޭ ކަންކަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހަޅުއްވަމުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، އާއްމުކޮށް އިއުލާނު ނުކޮށް މުވައްޒަފުން ނެގޭނެގޮތަށް، ކުންފުންޏަށް މުވައްޒަފުން ހޯދުމުގެ ގަވާއިދުގައި، ކަނޑައަޅާފައި އޮތުމުން ކުންފުނީގެ މެނޭޖުމަންޓްގައި ތިބޭ ފަރާތްތަކުގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން ވަޒީފާތައް އެކި ފަރާތްތަަކަށް ދިނުމަށް މަގުފަހި ކޮށްދޭ ކަމަށެވެ.
އެހެންކަމުން އާއްމުކޮށް އިއުލާން ނުކޮށް ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު ނުލިބޭގޮތަށް ގަވާއިދު އިސްލާހުކޮށް މަޖިލީހުން ކޮމިޓީ ރިޕޯޓް ފާސްކުރާތާ ތިން މަސް ދުވަސް ތެރޭގައި ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަަމަށް ވަނީ ފާސްކޮށްފައެވެ.
ވަޒީފާއަށް އެންމެ ގާބިލް ފަރާތް ކަނޑައެެޅުމަށްޓަކައި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސްކްރީން ކުރުމަށްފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ މީހުންގެ ތެރެއިން އެކަށީގެންވާ ހަމަތަކުގެ މަތިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ވަޒީފާގެ އިންޓަވިއު ޕްރޮސެސް ފުރިހަމަ ކުރުމަށްފަހު އިންޓަވިއުއަށް ރިއާޔަތް ކުރުމަށްފަހު ނޫނީ ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނުނެގުމަށް އަންގަންވެސް ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް