ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ މަސައްކަތްތަކުގެ ތެރެއަށް ކަމާބެހޭ މިނިސްޓްރީން ނުވަދެ، އެ އޮތޯރިޓީއަށް ލިބިދޭންޖެހޭ ގާނޫނީ ބާރުތައް ފުރިހަމައަށް ދިނުމަށް ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމު ގޮވާލައްވައިފިއެވެ.
މެންބަރު ނަސީމު މިކަމަށް ގޮވާލެއްވީ ޔޫއާރުއޭގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޔޫއާރުއޭއަކީ މިނިވަންކަމާއެކު ރެގިއުލޭޓް ކުރުމުގެ ބާރު އޮތް ތަނަކަށް ވާންޖެހޭ ކަމަށެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަލާއިރު، ވަކިން ޗީފް އެކްޒެކްޓިވްއެއް ޔޫއާރުއޭއަށް އައްޔަންކޮށް އެތަން ހިންގާ ގޮތަށް ހެދުމަކީ ރަނގަޅު ބަދަލެއްކަން ފާހަގަކުރައްވަމުން ނަސީމު ވިދާޅުވީ، ޔޫއާރުއޭއިން ޔުޓިލިޓީ ހިދުމަތްތައް ރެގިއުލޭޓް ކުރަމުން ދާއިރު، ހަމަ އެއްވަގުތެއްގައި އޭގެ ތެރެއަށް މިނިސްޓްރީން ވަންނަމުންދާ ކަމަށެވެ.
"ވަރަށް ގިނަ ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުން ފާހަގަކުރޭ ޔޫއާރުއޭއިން ހަމަ ކުރާ ކަންކަން އެންވަޔަރަންމަންޓް މިނިސްޓްރީން ވެސް އެބަކުރެއޭ. ކޮންމެ ސާވިސް ޕްރޮވައިޑަރަކާއެކު އެބަޖެހޭ މިނިސްޓްރީއަށް ވެސް މައުލޫމާތުތައް ފޮނުވަން، ޔޫއާރުއޭއަށް ވެސް މައުލޫމާތުތައް ފޮނުވަން. އެހެންވީމަ ޔޫއާރުއޭގެ އަސްލު ބޭނުމެއް އޮތްކަމަކަށް ބައެއް ފަހަރު އިހުސާސެއް ނުވޭ،" ނަސީމު ވިދާޅުވިއެވެ.
ނަސީމު އިތުރަށް ވިދާޅުވީ، މި ބިލުން ގެންނަ ބަދަލާއެކު ޔުޓިލިޓީސް ރެގިއުލޭޓްކުރާ ހަގީގީ ބާރުވެރި ތަނަކަށް އެ އޮތޯރިޓީ ވާންޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީން އޭގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިނިސްޓްރީން ކުރަންޖެހޭނެ ކަމަކީ ގަވާއިދުތައް އެންޑޯޒް ކުރުމަށްފަހު، އެ ގަވާއިދުތަކާ އެއްގޮތަށް ޔޫއާރުއޭއިން ކަންތައްތައް ކުރިއަށްގެންދޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ."
ޔޫއާރުއޭ ބައިޕާސްކޮށްފަ މިނިސްޓްރީން އަނެއްކާ އެބަ ސާވިސް ޕްރޮވައިޑާއާ މުއާމަލާތް ކުރޭ. އެހެންވީމަ ވާގޮތަކީ ހިދުމަތްދޭ ފަރާތްތައް މިތިބެނީ ކޮންފިއުސް ވެފަ، އޮޅުމެއްގެ ތެރޭގައި. އެހެންވީމަ އޮތޯރިޓީއެއް އޮންނަކަމަށް ވަންޏާ އެ އޮތޯރިޓީއަށް ފުރިހަމަ ބާރު މިނިސްޓްރީން ދޭންޖެހޭ. އެއަށްފަހު އެ އޮތޯރިޓީއަށް މިނިސްޓްރީން ޖެހޭނީ ފާރަވެރިވާން،" ނަސީމް ވިދާޅުވިއެވެ.
ޔުޓިލިޓީ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއްތޯ ބެލުމަކީ ޔޫއާރުއޭގެ ޒިންމާއެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ބޭނުންވާ ބަޖެޓާއި ގާނޫނީ ބާރުވެރިކަން ފޯރުކޮށްދީ، މިނިސްޓްރީގެ ނުފޫޒުން އެތަން އެއްކިބާކުރަންޖެެހޭކަމަށް ނަސީމް ވިދާޅުވިއެވެ
އިބްރާހިމް ޒަކީ
ތުލުސްްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ތުލުސްްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ކޮމެންޓް