ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އާރުއޯއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުއީދެވެ.
އެޗްޑީސީން މިއަދު ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، މިވަގުތު ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ހިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބިގެން ދާނެ ކަމަށެވެ.
އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގައެވެ.
އެޗްޑީސީން ބުނީ މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއް ވިއުގައަކުން އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވި އަދި މިކަންކަމަށް ދާ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ. ހަމަ މިއާއެކު މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އެއް ވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތައް ލިބިގެން ދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ހިދުމަތްދޭ ފަރާތްތަކަށް ފުރިހަމަކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު