ދިވެހި އަންހެނުންގެ ތެރޭގައި ޒަމާން ނުދެކޭފަދަ ހިތްވަރުގަދަ ބުރަކަމާއެކު، މަސައްކަތްކުރަމުން އަންނަ ކަނބަލުން އެބަތިބިކަން ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހެއެވެ. އަމިއްލަ ނަފުސު ނުރައްކަލަށް ލައިގެން ގައުމާއި ދީނުގެ ދިފާއުގައި މަސައްކަތްކުރާ އަންހެނުން އެބަތިއްބެވެ. ހަމަމިގޮތަށް އަންހެނުންނަށް މިވެނި ކަމެއް ބުނެ ތަތްގަނޑު ޖެހިފައިވާ މަސައްކަތްތައްވެސް މިއަދު އަންހެނުން އެދަނީ ނުހަނު ކެރިތިބެ އެހާމެ ކާމިޔާބުކަމާއެކު ކުރަމުންނެވެ.
އަންހެނުންނާއި ފިރިހެނުން ހަމަހަމައޭ ބުނާ މުހާވިރާގައި އެހެން އެބުނަނީ ކޮންމެހެން ހުރިހާކަމެއްގައި އަންހެނުން ފިރިހެނުންނާ ހަމަހަމަ ވާންޖެހޭ ނުވަތަ ވާނޭތީ ނޫނެވެ. އޭގެ މާނައަކީ ދިރިއުޅުމުގެ ކަންތައްތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި އެއްސަފެއްގައި އަންހެނުންނަށްވެސް ތިބެވޭނެ ވާހަކައެވެ. ވިހެއުމާއި ވަރި މިއީ މި ސަފުގައި ހަމަހަމަ ވުމުގެ ތެރެއަށް ލެވެން ޖެހޭ ކަމަކަށް ނުވަނީ މިއީ ފިތުރީ ކަންތަކަށް ވާތީއެވެ. އެކަންކަމަށް އެއްވެސް މަހުލޫގަކަށް ބާރެއް ނުފޯރުވޭނެ ކަންތައްތަކަކަށް ވާތީއެވެ. އެހެންނަމަވެސް އަމިއްލައަށް ބާރުފޯރުވޭނެ ކަންތައްތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ނުވާންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ.
އައްޑޫސިޓީގެ، ހިތަދޫ، ދިވަރަ، އަބްދުﷲ ނާފިޒާއި ހަމަ އެރަށު ފުއްޓަރުވިލާ ފާތިމަތު ވަލީދާއަށް ލިބިފައިވާ ހަތް ކުދިންގެ ތެރެއިން ތިންވަނަ ދަރިފުޅު އާމިނަތު ގުލްފިޝާމަކީ އެންމެ ކުޑައިރުއްސުރެވެސް އަމިއްލަ އަތޮޅާއި ރަށް ދެކެ އިންތިހާއަށް ލޯބިވާ އަންހެންދަރިއެކެވެ. ގައުމަށް ހިދުމަތް ކޮށްދިނުމަށް ފަށަން ޖެހެނީ އަމިއްލަ އާއިލާއިން، އުފަން އަތޮޅާއި ރަށުންކަމަށް ގަބޫލުކުރާ ގުލްފިޝާމަކީ ހިދުމަތްތެރި ނަމޫނާ އަންހެނެކެވެ. ތަފާތު އެކި ދާއިރާތަކުން ގައުމަށް ހިދުމަތްކޮށްދިނުމުގައި ކުރިއަރަމުން އަންނަ ގުލްފިޝާމުގެ އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމެވެ.
އާއިލާގެ މާލީހާލަތު ހުރި ގޮތުން ރަންވަނަތަކެއް ހިމެނޭ ނަތީޖާއެއް އޮތަސް އޭލެވެލްއަށް ކިޔަވާނެ ފުރުސަތެއް ނުލިބުނު ނަމަވެސް ގުލްފިޝާމު އަޒުމެއް ދޫކޮށެއްނުލައެވެ. ކިޔަވާހިތްވުމާއި އުނގެނޭހިތްވުމުގެ ޝައުގުވެރިކަން އޮތްވަރުން މީހަކާ އިނދެ ދަރިން ލިބި ތަފާތު ތަޖުރިބާތައް ކުރަން ޖެހުމާއެކުވެސް ހިތްވަރުއެލުވައެއް ނުލައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މަޑުމަޑުން އެހެނަސް ހިންމަތާއެކު ތައުލީމު ހޯދުމަށް މަސައްކަތް ކުރަމުން ގޮސް މިހާރު އޭނާގެ މާސްޓާސްދަނީ ކުރިއަށެވެ. ލިބިފައި ހުރި ކާމިޔާބީތަކާއި ސެޓްފިކެޓްތައް ގިނައެވެ. އަދާކުރެވުނު ވަޒީފާތައް މަދެއް ނޫނެވެ. ހަމައެހެންމެ ފެންނަން ހުރި ކަންތައްތަކާއި ނުފެނި ހުރި ކަންތައްތަކާއެކު ގުނައި އަދަދު ނުކުރެވޭވަރަށް ތަފާތު މަސައްކަތްތައް ކުރެވިފައިވެއެވެ. ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރި ވެއެވެ.
އެހެންކަމުން ގުލްފިޝާމަށް މީހުން ގުލްފިޓް ކިޔަނީ ވަރަށް ބޮޑަށް އެނަމާ ގުޅޭ ސަބަބެއް އޮންނާތީކަން ގަބޫލުކުރެވެއެވެ. އެހެނީ ގުލްފިޝާމަށް ނުކުރެވޭ މަސައްކަތެއް ނޯވެއެވެ. ކުރިމަތިނުލެވޭ ކަމެއް ނޯވެއެވެ. ނުފެންނަ ދާއިރާއެއް މަދެވެ. މޮޅު ނެށުންތެރިއެވެ. ޑުރާމާފަދަ ތަކެތީގައި ހަރަކާތްތެރިވެއެވެ. ކުދިންނަށް އުނގަންނައިދެއެވެ. ސުކޫލުތަކުގެ އިސްމަގާމުތަކުގައި މަސައްކަތް ކުރިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެއެވެ. ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެއެވެ. މިހުރިހާ ކަމަކާއެކުވެސް އާއިލާއަށް ވަގުތު ދެއެވެ. ހަމައެހެންމެ މިހުރިހާ ކަމެއް ކުރުމުގެ ގާބިލުކަން ހުރުމާއެކު ގުލްފިޝާމަކީ އުމުރާ އަޅައިބަލާއިރު ވަރަށް ޒުވާން ސިއްހަތު ރަނގަޅު ހަށިގަނޑެއްގެ ވެރިއެކެވެ.
އަންހެނުންގެ ދުވަހުގެ ހާއްސަކަމާ ގުޅިގެން، އެކިހިސާބުތަކުން ކާމިޔާބީހާސިލުކޮށްފައި ތިބި ދިވެހި އަންހެންކަނބަލުންގެ ވާހަކަ ހޯދައި އެމީހުންނާ ސުވާލުތަކެއްކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ވަންގެ ޓީމުން ގުލްފިޝާމާ ހަމަޔަށް ވެސް ވާސިލު ވެވުނެވެ. އެންމެ ބޮޑު އެއް ފަހުރަކީ ދާދި ފަހުން އޭޝިޔާ އެވޯޑްސް "ރޫލާ އެވޯޑްސް" ޒުވާން އުމުރުގައި ލިބިފައި ވުމެވެ. 'ވަން' އިން ކުރި އެންމެ މެސެޖަކަށް ވަރަށް ބޮޑު ހިނިތުންވުމަކާއެކު ވަގުތުދޭނެކަމަށް ބުންޏެވެ. އަދި ވަރަށް ބުރަކޮށް އުޅެމުންވެސް ގުލްފިޝާމް އޭނާގެ ހިޔާލުތަކާއި ދިރިއުޅުމުގެ ކަންތައްތައް 'ވަން' އާ ހިއްސާކުރިއެވެ.
އެންމެ ފުރަތަމަވެސް މިފަދަ ފުރުސަތެއް ދިނީތީ ވަރަށް އުފާވާ ކަމަށާއި އަދި ވަަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލުމަށްފަހު ވާހަކަދެއްކިއެވެ. ގުލްފިޝާމުގެ ދިރިއުޅުމުގައި އަޑިގުޑަންތައްވެސް މަދެއް ނޫނެވެ. ކުރިމަތިލާން ޖެހުނު ދަތިތަކާއި ހުރަސްތަކެއްވެސް މަދެއް ނޫނެވެ. އަބަދުވެސް އަމިއްލައަށް ކަންތައްތަކާ ގޮތް ނިންމުމުގެ އާދަ ހުންނަ ގުލްފިޝާމަކީ އޭނާ ކުރާ އެއްވެސް ކަމެއްގައި އަނެކުންނަށް އެންމެ ފަހުގެ ނިންމުމުގެ ފުރުސަތު ދޭ އަންހެނެއް ނޫނެވެ. އެކަމަކު ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމަކާ ގުޅުން ހުރި އެކަމެއްގެ އެންމެ ރަނގަޅު ތަޖުރިބާ ހުރި ބައެއްގެ އަދި އޭނާއަށްވުރެ ބޮޑެތި މީހުންގެ ހިޔާލާއި މަޝްވަރާ އޭނާ ހޯދައެވެ. ހުރިހާ ވާހަކަތަކަށް ވިސްނުމަށްފަހު ގޮތެއް ނިންމަނީ އަމިއްލަ ސިކުނޑިއާއި ހިތާއި ދެމެދު ކުރެވޭ ބަހުސުގެ ނިމުމަށް ބުއްދީގެ ބޭނުން ކޮށްފައެވެ. ބައެއްފަހަރު އެގޮތަށް ނިންމާ ނިންމުންތަކުން ކަމުނުދާ ނަތީޖާތަކާ ކުރިމަތިލާން ޖެހުނަސް އެއީ ލިބޭ ފިލާވަޅެއް ކަމުގައި ދެކިގެން އޭނާ ވަނީ ކުރިއަށް ދިއުމަށް ހިތްވަރުކޮށްފައެވެ.
އުމުރުން ސާޅީހުގެ އަހަރުތައް ގުނަން ފަށާފައިވާ ގުލަފިޝާމަކީ ސުކޫލުގައި އުޅުނު ޒަމާނުގައިވެސް ކިތަންމެ ކުޑަ ހަރަކާތެއް ކުރިއަށް ދިޔަކަމުގައިވިޔަސް އެންމެ އިސްކޮށް އެކަމެއްގައި ބައިވެރިވަމުން ދިޔަ ދަރިވަރެކެވެ. މާތްﷲގެ ކުޅަދުންވަންތަކަމުން އޭނާއަށް ބަސްމޮށުންތެރިކަމުގެ ވަރަށް ފުރިހަމަ ހުނަރުވެރިކަމެއް ދެއްވާފައިވެއެވެ. ވާހަކަ ދެއްކުމުގައި ބަލާޣާތްތެރިކަމާއި ބަސްބުނެ އުޅުމުގައި އަނެކާގެ އިހުސާސްތަކަށް ގަދަރުކުރުމާއެކު ހާލަތާއި ވަގުތާއި މުނާސަބު ތަނެއްގައި ނޫނީ އެއްވެސް ވާހަކައެއް ދެއްކުމަކީ ގުލްފިޝާމު ކުރާ ކަމެއް ނޫނެވެ. އެހެންކަމުން އޭނާގެ ބަހަކީ އަނެކުންގެ ކުރިމަތީގައި ވަރަށް އަގުހުރި އެއްޗެކެވެ.
ސިޔާސީ ދާއިރާއަށް ނުކުމެ ރާއްޖޭގެ ވެރިކަމުގައި އެންމެ ގަދައަށް ވާދަކުރާ އިސް ދެޕާޓީގައިވެސް ނުހަނު ކަމާވެގެން އުޅެ، މަގާމަށްވެސް ކުރިމަތިލައި އެެހެންނަމަވެސް ވަރަށް ކުޑަކުޑަ ތަފާތަކުން އެހިސާބަށް ވާސިލު ނުވެވުނަސް ގުލްފިޝާމަކީ އަދިވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެކަމުގައިވެސް އޭނާ ހަރަކާތްތެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ އަމިއްލަ އުފަން ފަސްގަނޑަށް ކަމެއް ކޮށްދިނުމުގެ ގާބިލުކަމާއި ބާރު ސަރުކާރާ ގާތުން މަސައްކަތްކުރުމުން ލިބިގަތުމެވެ. ގުލްފިޝާމު ގަބޫލު ކުރާ ގޮތުގައި އަމިއްލަ ފަސްގަނޑަށް އެފަސްގަނޑެއްގެ މީހަކު އެބިމެއްގެ އުފަން ދަރިޔަކު ނުކޮށްދިން ހިދުމަތެއް ދުުރުން ކޮށްދޭކަށް އެއްވެސް އެހެން މީހެއް ނާންނާނެއެވެ.
އަންހެނުންނަކީ އާބާދީގެ އެއްބައި ކަމަށްވާއިރު ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ހިއްސާ އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ގުލްފިޝާމުގެ ހާއްސަ މޮޓޯއެއްވެސް އޮވެއެވެ. އަަބަދުވެސް އެތިއަރީގެ ދަށުން އޭނާ މަސައްކަތްކުރާ ތިއަރިއަކީ "އައި ރައިޒް ބައި ލިފްޓިން އަދާސް." އެހެން މީހުން ކުރިއެރުވުމުގައި އަމިއްލަ ކުރިއެރުން އޮންނަ ކަމަށް ގަބޫލުކޮށް އެގޮތަށް މަސައްކަތް ކުރާ ގުލްފިޝާމު ވަނީ ތަފާތު އެކި ދާއިރާތަކުން އެކި ވަނަތަކާއި އެވޯޑުތަކާއި ސެޓްފިކެޓުތައް ހާސިލުކޮށްފައެވެ. ނުހަނު ގިނަ ދާއިރާތަކެއްގައި މަސައްކަތްކޮށް ސަރުކާރު ކުންފުނިތަކުގެ މަތީމަގާމުތަކުގައިވެސް އުޅެފައެވެ. އެތައް މަގާމުތަކެއް ހާސިލުކޮށްފައިވާ ގުލްފިޝާމު އެންމެ ފާހަގަކުރާ ޝަރަފަކީ "އައްޑޫ ކަނބައިދި އެވޯޑު" ލިބުމާއި "އޭޝިޔަން ރޫލާ އެވޯޑު" ލިބުމެވެ.
މިހުރިހާ ވާހަކަތަކެއްގެ ތެރެއިން އަމިއްލަ ދިރިއުޅުމުގެ ވާހަކަ އަހާ ނުލައި ނިންމާލާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒާތީ ދިރިއުޅުމުގެ އަމިއްލަ ވާހަކައިން އޮޅުންފިލުވާލަންހޭ އަހާލުމުން ގުލްފިޝާމު ވަރަށް އަވަހަށް ޖަވާބުދޭން ތައްޔާރުވިކަހަލައެވެ. ފުރަތަމަ ކައިވެނި ރޫޅި ދެވަނަ ފަހަރު ދިރިއުޅުމަކަށް އައި ގޮތާއި އަދިވެސް އެހެން ކަންތައްތައް ގުލްފިޝާމު ކިޔައިދިނެވެ.
ދެކައިވެނިން ދެކުދިން ލިބިފައިވާއިރު ދެފަހަރުގެ ދެފިރިންނަކީވެސް ގުލްފިޝާމުގެ ކުރިއެރުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭ ފިރިހެނުންނެވެ. ކުރީގެ ކައިވެނި ރޫޅެން ދިމާވީ ދެފަރާތުގައިވެސް ކުށް އޮތުމުން ކަމަށާއި އެކީގައި ނޫޅެވުމުން އެންމެ ރީތި ގޮތުގައި ވާހަކަ ދައްކައިގެން ވަކިވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނާފައިކަމަށް ގުލްފިޝާމު ގަބޫލުކުރެއެވެ.
މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ލޯބިލޯބި ދެއަންހެންދަރިންނެވެ. ގުލްފިޝާމަށް މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަރަށް ގާތުގައި ތިބި ރައްޓެހިންނާއި އާއިލާގެ މީހުންގެ ނުރުހުމާއި ނަފުރަތާ ކުރިމަތިލާން ޖެހުމެވެ. އެތައް ބައިވަރު ކަންތައްތަކެއް އެއްފަހަރާ ކޮށް ޒުވާން އުމުރުގައި ވަރަށްވެސް ކާމިޔާބު މީހަކަށް ވުމުގެ ސިއްރަކީ ފަސްޖެހުމެއް ނެތި ކޮންމެ ކަަމަކާވެސް ކުރިމަތިލައިގެން އެކަމަކައިގެން ކުރިއަށްދިއުންކަމަށާއި ބައެއް ފަހަރު ކުރާ ކަންތަކުން ގޯސް ހެދުނަސް އެއީ ފިލާވަޅެއް ކަމުގައި ދެކިގެން ކުރިއަށް ދިއުން ކަމަށް އޭނާ ބުންޏެވެ.
އަންހެނުންނަކީ ފިތުރީ ގޮތުންވެސް ލޯބީގެ މައްސަލައިގައި ނާޒުކު ބައެކެވެ. "ލޯބީގާ ކާމިޔާބު މީހެކޭވެސް ބުނެވިދާނެ، ހަމަ ނާކާމިޔާބު މީހެކޭވެސް ބުނެވިދާނެ." ގުލްފިޝާމުގެ ހަޔާތުގައި މިކަން އޮތްގޮތަކީ މިއީއެވެ.
"ކެރިގެން ކަންކަމާ ކުރިމަތިލާން ނުކުމެ ހިތްވަރުކޮށްފަ ކުރިއަރާ! ތިމާގެ ހައްގު ހޯދައިދޭން، ވަކާލާތުކޮށްދޭކަށް އެހެން މީހަކު ނާންނާނެ. ތިމާގެ ހައްގަށް މަސައްކަތް ކުރާނީ ތިމާ، އެހެންވީމަ ފަސްޖެހުމުން ދެރަވެސް ލިބޭނީ ތިމާއަށް."
"ހުރިހާ ކަމެއް ފިރިހެނުންނަށް ކުރެވޭނަމަ، އަންހެނަކަށް ވީތީ ކަމެއް ނުކުރެވޭނަމަ ފިރިހެނުން އަންހެނުންނަށް ބޭނުން ނުވާނެ ނޫން ހެއްޔެވެ؟" ހަގީގަތުގައިވެސް ވަރަށް ބޮޑު ތެދެކެވެ.
ގޮންޖެހުންތަކާއި ދަތިހުރަސްތަކާ ކުރިމަތިލައި އަންހެނުންނަށް ބުނެލާ ހާއްސަ ބަހެއްގެ ގޮތުގައި ނަސޭހަތެއްގެ ގޮތުގައި ގުލްފިޝާމު ބުންޏެވެ.
ގުލްފިޝާމަށް ލިބިފައިވާ ކާމިޔާބީތަކާއި އޭނާ މަސައްކަތް ކޮށްފައިވާ ދާއިރާތަކުގެ ވާހަކަ ދެއްކުމުގައި ކިތަންމެ ގިނަ ފަތްފުށެއް ފުރިދާނެއެވެ. އެހެންކަމުން އެންމެ ފަހުގެ ސުވާލަކަށް، ދޭނެ ހާއްސަ މެސެޖެއް އޮތްތޯ ސުވާލުކުރީމެވެ.
"ތިމާގެ ރިމޯޓު އެހެން މީހުންގެ އަތުގައި އޮތުމަކީ ރަނގަޅު ގޮތެއް ނޫން. ތިމާއަކީ އަންހެނަކަށްވިޔަސް ތިމާގެ އަމިއްލަ ނަފުސުގެ ވެރިޔަކީ ތިމާ އެހެންނު؟ އެހެންވީމަ ތިމާގެ އަމިއްލަ ކަންތައްތަކަށް ގޮތް ނިންމަން އެނގޭނީ ތިމާއަށް. އެއީ އެހެން މީހަކަށް ތިމާގެ ހަގީގަތެއް ތިމާގެ އަމިއްލަ ނަފުސެއް، ތިމާއަށް ނޫނީ ނޭނގޭނެ. ވީމާ ތިމާގެ ލަގަން އޮންނަންވާނީ ތިމާގެ އަތުގައި، ކަންކަމުގައި ގޮތް ނިންމަން ވާނީ ތިމާ ބޭނުންވާ ގޮތަކަށް، ތިމާ އަމިއްލައަށް،" މިއީ އަންހެނުންނަށް ހާއްސަކޮށް ގުލްފިޝާމު ދިން ވަރަށް ވަރުގަދަ ނަސޭހަތެކެވެ.
"އާއިލާގެ ހުރިހާ އެންމެނަށް ވަރަށް ޝުކުރު، މަންމަ، ބައްޕަ، ކޮއްކޮމެން ދައްތަ، ބޭބެއަށްވެސް."
އެންމެ ފަހުން ގުލްފިޝާމުގެ އެންމެ ހާއްސަ އެންމެބޮޑު ޝުކުރެއް ހައްގުވާ ފަރާތްތަކުގެ ނަން ހާމަކޮށްލިއެވެ. ގުލްފިޝާމުގެ އެންމެ ގާތް އެކުވެރިޔާ އަޒުފާ ސައީދު އަދި ޑޮކްޓަރ މަރިޔަމް ޝަކީލާއަށް ޝުކުރު ހައްގުވާވަރު ބުނެލިއެވެ.
އެތައް މަސައްކަތެއް ކުރަމުން ރަސްމީ ވަޒީފާއެއްގެ ގޮތުގައި އައިއެމްޑީސީ ހޮސްޕިޓަލުގެ މެނޭޖަރު ކަމުގެ ޒިންމާދާރު ވަޒީފާ އަދާ ކުރަމުން އަންނައިރުވެސް ކިޔެވުމަށާއި އާއިލާއަށް ފުރިހަމައަށް ވަގުތުދެމުން އަންނަ ގުލްފިޝާމަކީ މުޅި އައްޑޫސިޓީއަށް އަދި އާންމުކޮށް މުޅި ދިވެހިރާއްޖެއަށްވެސް ނަމޫނާ އަންހެނެކެވެ. ހާއްސައެހީއަށް ބޭނުންވާ މީހުންގެ އިންސްޓިޓިއުޓެއް އައްޑޫގައި ހުޅުވުމުގެ ބޮޑު ހުވަފެން ދެކެމުން އަންނަ ގުލްފިޝާމުގެ މިމާތް މަގުސަދު ހާސިލުވުމަށް މިންވަރުކުރެއްވުމަކީ 'ވަން'ގެވެސް އެދުމެކެވެ. އަދި އަމިއްލަ އަތޮޅުގެ ހިދުމަތުގައި ގުލްފިޝާމު ކުރަމުން އެއަންނަ މަސައްކަތަށް އަބަދުވެސް ފާގަތި ކާމިޔާބީއާއި ކުރިއެރުން ލިބުން އެދެމެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް