ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުން ހުށަހަޅަންޖެހޭ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފި ނަމަ، މަގާމުން ވަކިކޮށް ޖޫރިމަނާކޮށް ޖަލަށް ލެވޭ ގޮތަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލެކެވެ.
އެ ބިލުގެ ބޭނުމެއް ކަމަށް އީވާ ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަންޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއްހަމަކުރުން ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތައް އެ ބިލުގައި ވަނީ ލިސްޓުކޮށްފައެވެ. އެއިން ކޮންމެ ފަރާތަކުންވެސް ބިލުގައި ކަނޑައަޅާފައިވާ މައުލޫމާތުތައް ފުރިހަމަކޮށް، ބިލުގައި ކަނޑައަޅާފައިވާ މުއްދަތަށް ކޮންމެ އަހަރަކުވެސް އެ ފަރާތެއްގެ މަސްއޫލު އިދާރާއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެ ތެރެއިން މަޖިލިސް މެންބަރުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ނިސްބަތްވާ، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން މަސްއޫލު އިދާރާގެ ގޮތުގައި، ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ކަމަށާއި ފަނޑިޔާރުން މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށް ބުނެފައިވެއެވެ.
އަދި ސިވިލް ސާވިސްއަށް ނިސްބަތްވާ ފަރާތްތައް މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ އެ ކޮމިޝަން ކަމަށާއި ދައުލަތުގެ ކުންފުނިތައް ހިއްސާވާ ފަރާތްތަކުން ބަލާނީ ޕްރައިވަޓައިޒޭޝަން ބޯޑު ކަމަށާއި ދެން ތިބި އެެހެނިހެން ފަރާތްތައް މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ އޮޑިޓާ ޖެނެރަލްގެ އޮފީސް ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ، މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކޮށް، މައްސަލަ ބަލައި ޕްރޮސިކިއުޓާ ޖެނެރަލްއާއި ތަހުގީގީ އިދާރާތަކަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމަށް މިނިވަން މުއައްސަސާއެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ގާނޫނާ ހިލާފުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ ތާރީހުތަކަށް މާލީ ބަޔާން ހުށަނާޅައި ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުމަށް އެ ބިލުގައި ހިމަނާފައިވެއެވެ.
އެގޮތުން ބިލުގައި ބުނެފައި ވަނީ، މި ގާނޫނުގެ ދަށުން ހުށަހަޅާ ބަޔާނެއްގައި ތެދު ނޫން މައުލުމާތެއް ހިމަނައިފި ނަމަ، ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާ ނަމަ، ކަމުގެ ކުޑަބޮޑުުމިނަށް ބަލައި، އެކަމެއްކުރާ ފަރާތެއް ގިނަވެގެން 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލުމާއެކު އެ ކުށް ކުރާ މީހަކު ހުރި ދައުލަތުގެ މަގާމަކުން ވަކިކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މާލީ ބަޔާނަށް ބަލައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކާ ހިލާފުވާ ނަމަ، އެކަން ކުރާ ކޮންމެ ފަރާތެއް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން 500،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަސް ތެރޭގައި ބަޔާން ހުށަހަޅާ ފަރާތްތައް، ބަޔާން ހުށަހެޅުން ލަސްވި މުއްދަތާއި ސަބަބަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ 30 ދުވަހުގެ ތެރޭގައި ބަޔާން ހުށަނާޅާ ނަމަ، ލަސްވި މުއްދަތާއި ސަބަބަށް ރިއާޔަތްކޮށް، 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ބަޔާނެއްގައި ތެދު ނޫން މައުލޫމާތެއް ހިމަނައިފި ނަމަ ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާ ނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެކަމެއް ކުރާ ފަރާތެއް ގިނަވެގެން 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.
ބިލުގައިވާ ގޮތުން، ބަޔާނެއްގައި ހިމެނޭ ސިއްރު ޝަކުވާއަކާ ގުޅޭ މައުލޫމާތެއް އާންމުކުރުމާއި މާލީ ބަޔާނެއް ނައްތާލުމަކީ ކުށެކެވެ. އެ ކުށުގެ އަދަބެއް ކަމަށް ކަނޑައަޅާފައި ވަނީ، ގިނަވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލުމާއި ގިނަވެގެން 100،000 ރުފިޔާއިން އިން ޖޫރިމަނާކުރުމެވެ. އެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާ ނުދައްކާ ފަރާތެއްގެ އަދަބަކީ ގިނަވެގެން އެއް އަހަރުގެ ޖަލަށް ލުން ކަމަށްވެސް ކަނޑައާޅާފައިވެއެވެ.
ބިލުގައި ބުނާގޮތުން މި ގާނޫނުގެ ދަށުން މައްސަލައެއް ތަހުގީގުކުރަން ލިބޭނީ 30 ދުވަހެވެ. އަދި މައްސަލަ ޕީޖީ އޮފީހަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި ޝަރީއަތުން މައްސަލަ ބަލަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު