އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 7

އަބްދުﷲ ފާރޫގް ހަސަން

(26 ފެބުރުއަރީގެ އަދަދާ ގުޅޭ)

ނަވާރަވަނަ ސައްތައިގެ ކްރިސްޓިޔަން ދުނިޔެއަށް ޖުމްހޫރިއްޔަތުގެ ޢަޤީދާއަކީ ވަރުގަދަ ގޮންޖެހުމެކެވެ. އެހެނީ ކްރިސްޓިޔަނިޓީގެ ތާރީޚުގައި ޖުމްހޫރީ އަގުތަކުގެ އެއްވެސް އަސާސެއްނެތެވެ. އެއުރެންނަށް އެކަން އާދަވެފައެއްވެސް ނެތެވެ. ކަންއެހެން ހުރުމާއެކުވެސް ކްރިސްޓިޔަން ދުނިޔެއަށް މަޖުބޫރުވީ ޖުމްހޫރިއްޔަތު ޤަބޫލުކުރާށެވެ. ޖުމްހޫރިއްޔަތު ޤަބޫލުނުކޮށް ފަރުޖެއްސޭކަށެއްވެސް ނެތެވެ. އެހެންކަމުން ކްރިސްޓިޔަން ދުނިޔެ ޖުމްހޫރީ ނަޒަރިއްޔާތުތައް ޤަބޫލުކުރިއެވެ. އިސްލާމީ ދުނިޔެއަށް ޖުމްހޫރިއްޔަތުގެ ގޮންޖެހުމާ ކުރިމަތިވީ އެކާވީސްވަނަ ސައްތައިގައެވެ. އެކަމަކު އިސްލާމީ ދުނިޔެއަށް ޖުމްހޫރިއްޔަތު ގޮންޖެހުމަކަށްވީ އެތަކެއް ސައްތަ އަހަރުތަކެއްގެ ކުރީއްސުރެ އިސްލާމީ ސިޔާސަތުގެ ރޭލު ދަގަނޑުން ކައްސައިލައިފައި ވާތީއެވެ. އެކާވީސްވަނަ ސައްތައިގައި މުސްލިމުންނަށްޖެހުނީ އަލުން އެރޭލު ދަގަނޑުމައްޗަށް އަރުވާށެވެ. މައްސަލައަކީ އެއީއެވެ. އެކަމަކު އިސްލާމީ ތާރީޚަށް ނަޒަރު ހިންގާއިރު އެތާރީޚުގެ އެންމެ ޝަރަފުވެރި އެންމެ ޤަދަރުވެރި ދައުރުގައި ޖުމްހޫރިއްޔަތަކީ މުސްލިމުންނާ ނުހަނު އޮޅުވެފައިވާކަމެކެވެ. ޖުމްހޫރިއްޔަތަކީ މުސްލިމުންނާ ބީރައްޓެހި ނިޒާމެއް ނޫނެވެ. އޭރު މުސްލިމުންގެ ތެރޭގައި ނެތީ ހަމައެކަނި ޖުމްހޫރިއްޔަތުގެ ނަމެވެ. އެ އިޞްޠިލާޙެވެ. ކީރިތި ޤުރްއާނުގައި ބޭނުންކުރައްވައިފައިވަނީ ކުރީންވެސް ދަންނަވަމުން އަންނަ ފަދައިން ޚިލާފަތުގެ ނުވަތަ ޝޫރާއިއްޔަތުގެ އިޞްޠިލާޙެވެ.

ޙަޤީޤަތަށް ދަންނަވާނަމަ އިސްލާމްދީނުގެ ސިޔާސީ ނިޒާމާއި ޖުމްހޫރިއްޔަތާ ދެމެދުއޮތީ ނުހަނު ގާތް ތިމާގެ ކަމެކެވެ. ނުހަނުބޮޑު އެއްގޮތްކަމެކެވެ. ދެކޮޅުވެރިކަމެއް ނޫނެވެ. އިދިކީލިކަމެއް ނޫނެވެ. ދެ ނިޒާމުގެ ދެމެދުގައި ފަރަގެއްހުރިކަމުގައިވާނަމަ ހުރީ ދާދިފަސޭހައިން ފިލުވައިލެވިދާނެ ފަރަގެކެވެ. އެތަފާތަކީ އިސްލާމީ ޖުމްހޫރިއްޔަތުގައި އެންމެމަތީ ވެރިކަން މިލްކުވެވޮޑިގެންވާ ފަރާތަކީ اللّــه سبحـانــه وتـعــالــى ކަމުގައިވުމެވެ. ކީރިތި ޤުރްއާނާއި ސުންނަތާ ޚިލާފުވާ ގޮތަކަށް އެއްވެސް ޤާނޫނެއް ނެހެދޭނެކަމެވެ. އަނެއްކޮޅުން ހުޅަނގުގެ ޖުމްހޫރީ ނިޒާމުގައި ވެރިކަމުގެ އެންމެމަތީ ބާރުއޮތީ އާންމުންގެ އަތުގައެވެ. މިތަފާތަކީ އެއްގޮތަކުންބަލާއިރު އަސާސީ ތަފާތެއް ނޫނެވެ. ބޭރުފުށުގެ ތަފާތެކެވެ. عــلاّمــــة يـوسف الـقـــرضـــاوى މި މައްސަލައާމެދު ޚިޔާލުފާޅުކުރައްވަމުން އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ "އައްދައުލަތު ފިލް އިސްލާމް" ގައި ލިޔުއްވައިފައިވެއެވެ.

"ހުޅަނގުގެ ޖުމްހޫރިއްޔަތުގައި އެންމެމަތީ ވެރިކަންވަނީ ޢާންމުންގެ އަތުގައޭ ބުނާއިރު، އޭގެ މަޠުލަބަކީ އެވެރިކަމުގެ ވެރިޔަކީ ވަކިމީހެއްނޫނޭ ބުނުމެވެ. މިވެނި އިންސާނެއް ނޫނޭ ބުނުމެވެ. މިވެނި ރަސްކަލެއް ނުވަތަ އެވެނި ޑިކްޓޭޓަރެއް ނޫނޭ ބުނުމެވެ. ޖުމްހޫރިއްޔަތުގެ އިސްތިލާޙުގެ މަޤްޞަދަކީ ޑިކްޓޭޓަރޝިޕަށާއި، ގޮށްމުށުބާރަށާއި ވިރާސީ ރަސްކަމުގެ ނިޒާމަށް ނޫނެކޭ ބުނުމެވެ. އެކަންކަން ނަފީކުރުމެވެ. اللّــه سبحـانــه وتـعــالــى ގެ ޙާކިމިއްޔަތު ނަފީކުރުމެއް ނޫނެވެ. ޖުމްހޫރިއްޔަތާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމުގައި އެއްގޮތް ވަރަށްގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އިންސާނީ އަދި އަޚްލާޤީ އަގުތަކަށް ރިޢާޔަތްކުރުމެވެ. އެންމެން އެއްވަރުވުމެވެ. މުސާވާތެވެ. އިންސާނީ ޙައްޤުތައް ރައްކައުތެރިކުރުމެވެ. ރައްޔިތުންގެ މަންދޫބުންގެ ވެރިކަމެވެ. އިންތިޚާބެވެ. މިހުރިހައިކަމެއް އިސްލާމީ ސިޔާސީ ނިޒާމުގައި އެބައޮތެވެ. މިކަންކަމުގައި އިސްލާމީ ސިޔާސީ ނިޒާމު ޖުމްހޫރީ ނިޒާމާ ފުރިހަމަޔަށް ބައިވެރިވެއެވެ."

އިސްލާމީ ސިޔާސީ ނިޒާމާއި ޖުމްހޫރިއްޔަތާ ދެމެދު ބީރައްޓެހިކަމެއް ދުރުހިލޭކަމެއް ނެތްކަން ސާބިތުކުރުމަށްޓަކައި ފަހަކަށްއައިސްވަނީ ވަރަށްގިނަ ޢިލްމީ ފޮތްތަކެއް ޗާޕުގެ ގަހަނާއިން ޒީނަތްތެރިކުރެވިފައެވެ. ހަމައެފަދައިން އިސްލާމްދީނަކީ ޖުމްހޫރިއްޔަތުގެ ދެކޮޅުވެރިޔެއްކަން ސާބިތުކުރުމަށްޓަކައިވެސް އެތައްބަޔަކު އެބައެއްގެ ގަލަންތަކުގެ ދެލިހުސްކޮށްފައެވެ. ސެމުއެލް ޕީ. ހަންޓިންގޓަންގެ "ދަ ކްލޭޝް އޮފް ސިވިލައިޒޭޝަން" އާއި ފްރާންސިސް ފުކެޔާމާގެ "ދި އެންޑް އޮފް ހިސްޓްރީ" އާއި ރޮބަޓް ބީ ކެޕްލަންގެ "ދަ ކަމިންގ އެނާރކީ" ފަދަ ފޮތްތަކެވެ. މިހުރިހައި ފޮތްތަކެއް ލިޔެފައިވަނީ އިސްލާމްދީނަކީ މިޒަމާނުގެ ތަހުޒީބަށާއި ޖުމްހޫރިއްޔަތަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކާކަން ސާބިތުކުރުމަށްޓަކައެވެ. އިސްލާމްދީން ބަދުނާމުކުރުމަށްޓަކައެވެ.

ނަމަވެސް މިދެންނެވިފަދަ ހުޅަނގުގެ މުޞަންނިފުންނަށްވުރެ ބޮޑެތި ކުށްވެރީންނަކީ އިސްލާމްދީނުގެ ފުރިހަމަ ޖުމްހޫރީ ނިޒާމާއި ޝޫރާއިއްޔަތުގެ ނަމޫނާ ހުށަހެޅުމުގެ ބަދަލުގައި ގޮށްމުށުބާރުގެ ރަސްކަމާއި ވާރުތަވާ އަމީރުންގެ ނިޒާމު އިޚްތިޔާރުކުރި މުސްލިމުންގެ ސަރުކާރުތަކެވެ. މުސްލިމް ރަސްރަސްކަލުންނެވެ. އިސްލާމްދީނުގެ ކުށްތަޞައްވުރެއް ދުނިޔެއަށް ދެއްކި މުސްލިމު ވެރީންނެވެ. މިދެންނެވި ގޮށްމުށުބާރުގެ ސަރުކާރުތަކުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ބަދުނާމުވެފައިވަނީ އިސްލާމްދީނެވެ. އިސްލާމީ ނިޒާމެވެ. މިކަންކަން އިޞްލާޙު ކުރެއްވުމުގެ އެންމެބޮޑު ޒިންމާއެއް އިސްތަށިފުޅުގައި އަޅުއްވާން ޖެހިވަޑައިގަންނަވަނީ ޤައުމުތައް އިޙްތިސާބުކުރައްވާން ޖެހިވަޑައިގަންނަވާ މުސްލިމް ދަންނަބޭކަލުންނާއި އިސްލާމީ މުފައްކިރުންނެވެ. އެކަމަކު ހިތާމައަކީ އިޞްލާޙީ މަސައްކަތުގައި ހުރަހަކަށްވެފައިވަނީ އެބޭކަލުންކަމެވެ. އެބޭކަލުންގެ އަތްޕުޅުތައް ވެފައިވަނީ ތިރީގައިއޮންނަ ހުސް އަތްޕުޅުތަކެއް ކަމުގައެވެ.

މިޒަމާނުގެ ޖުމްހޫރީ ދައުލަތްތަކުގައި އިދިކޮޅު ޕާޓީ އޮންނަ ފަދައިން އިސްލާމީ ޤައުމުތަކުގައިވެސް އިދިކޮޅު ޕާޓީ އުފައްދާނެ ޖާގަ އެބައޮތެވެ. އިސްލާމީ ސިޔާސަތުގައި ޙާކިމަށް އިޢްތިރާޟުކުރުމާއި ތަންޤީދުކުރުމުގެ ހުއްދަ އޮންނައިރު އެވަނީ އިދިކޮޅު ޕާޓީ ހެދުމުގެ ޖާގަ ލިބިފައެވެ. އެކަމަކު އިދިކޮޅު ޕާޓީ ވާންޖެހޭނީ ދެކޮޅުވެރިވުމުގެ ގޮތުން ދެކޮޅުހަދާ ބަޔަކު ކަމުގައެއް ނޫނެވެ. އިދިކޮޅު ޕާޓީގެ ދުސްތޫރެއްކަމުގައި ވާންޖެހޭނީ އުސޫލީ ކަންކަމުގައި ދެކޮޅުހެދުމެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން ސާބިތުވަނީ އިސްލާމީ ދައުލަތުގެ ފުރަދާނައިންނާއި މުދައްބިރުންގެ މެދުގައި މައްސަލައަކާމެދު ޚިޔާލު ތަފާތުވެ ޚިލާފު އުފެދުމުގެ އެކަށޭނެކަން އެބައޮތްކަމެވެ.

"ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللّــه އަށާއި، ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ. (އެބަހީ: އެކަމަކާމެދު اللّــه އާއި އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއްބަލައި އެގޮތަށް ޢަމަލުކުރާށެވެ.) (الـنّسـاء: 59)

ޚިލާފު އުފެދުމަކީ އެކަށޭނަ ކަމެއްކަމުގައިވެފައި، އެވާހަކަ ކީރިތި ޤުރްއާނުގައިވެސް ބަޔާންކުރައްވައިފައިވާއިރު އިދިކޮޅު ޕާޓީއެއް އޮތުމަކީ އިސްލާމީ ސިޔާސީ ނިޒާމުގައި އެކަމެއްގެ ޖާގަ ނެތްކަމެކޭ ބުނެވޭކަށެއް ނޯންނާނެއެވެ. އިސްލާމްދީން ފެތުރުމާއި ޤައުމުގެ ތަރައްޤީއާއި އިސްލާމްދީނުގެ ޢަދުއްވުންނާ ކުރިމަތިލުން އިދިކޮޅު ޕާޓީގެ އެޖެންޑާގައި ހިމަނާންވާނެއެވެ. ޤައުމުގެ ފުރަދާނައިންނާއި މޮހުމާއި ގޮށްޖެހުމުގެ އަހްލުވެރީންނާއި ޝޫރާގެ (ޕާލަމެންޓުގެ) މެމްބަރުންގެ ކުރިމައްޗަށް އިދިކޮޅު ޕާޓީގެ އެޖެންޑާއާއި މަޝްރޫޢުތައް ހުށަހެޅުމުގެ ފުރިހަމަ ޙައްޤު އިދިކޮޅު ޕާޓީތަކަށް ލިބިގެންވާނެއެވެ.

އިސްލާމީ ދައުލަތުގެ އިދިކޮޅު ޕާޓީތައްވެސް މާތް ޤުރްއާނާއި އައުދާނަ ސާހިބާގެ ސުންނަތަށް ފުރިހަމަޔަށް ތަބާވާން ޖެހޭނެކަން ކީރިތި ޤުރްއާނުގެ ބަސްފުޅެއްކަމުގައިވާ "فَـاِنْ تَـنَــازَعُـتُـــمْ" މިބަސްފުޅުން އިސްލާމީ ޖުމްހޫރިއްޔަތުގައި ތަފާތު ރައުޔުތައް އުފެދުމާއި ތަފާތު ޚިޔާލުތައް ފާޅުކުރުމުގެ ޙައްޤު ފުރިހަމަޔަށް ލިބޭންޖެހޭނެކަމުގެ މައްޗަށް ދަލީލު ލިބެއެވެ.

އިސްލާމީ ދައުލަތްތަކުގައި އެންމެމަތީ ފަނޑިޔާރުގެއެއްގެ މައްޗަށް އެކުލެވޭ ނިޔާކަނޑައެޅުމުގެ ނިޒާމެއް އޮންނާންޖެހޭނެއެވެ. އެންމެމަތީ ކޯޓުގެ ފަނޑިޔާރުންކަމުގައި ތިބޭންވާނީ ކީރިތި ޤުރްއާނުގެ އަމުރުފުޅުތަކާއި ނަބަވީ ސުންނަތް ރަނގަޅަށް ދަންނަ ފަނޑިޔާރުންނެވެ. ޚިލާފު އުފެދިގެން އެންމެމަތީ ކޯޓާ ހަމަޔަށް އަންނަ މައްސަލަތަކުގައި ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ އަލީގައި ނިޔާކަނޑައެޅުއްވުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ދެބަސްވެވޭ މައްސަލަތަކުގެ ފައިޞަލާކުރާންޖެހޭ މިންގަނޑަކީ އެއީއެވެ.

އިސްލާމީ ޖުމްހޫރިއްޔަތާއި އޭގެ އުންސުރުތައް

އިސްލާމްދީން އައުމުގެކުރީން ދުނިޔޭގެ ސިޔާސީ ނިޒާމުތައް ކުރިއަރައި ތަރައްޤީވެފައެއް ނެތެވެ. ޖުމްހޫރިއްޔަތުގެ ދައުރު ފަށާން ބޭނުންވާ ކުރިއެރުން އައިސްފައެއް ނުވެއެވެ. ގްރީކުގެ އަރަސްޠޫއާ ގުޅުވައިގެން ޖުމްހޫރިއްޔަތުގެ ވާހަކަ ދެކެވެމުންދިޔަކަމުގައިވިޔަސް ދުނިޔެއަށް އެނިޒާމު ފުރިހަމައަށް ތަޢާރުފުވެފައެއް ނުވެއެވެ. ދަސްވެފައެއް ނެތެވެ. އިންޤިލާބީ ޖުމްހޫރީ ނިޒާމެއް (ޝޫރާއީ ނިޒާމެއް) ގެ ތަޞައްވުރު ދުނިޔެއަށް ހުށަހެޅީ އިސްލާމީ ނިޒާމެވެ. އެނިޒާމުގައި ޤައުމުގެ އަމީރު (ނުވަތަ ޚަލީފާ) އިންތިޚާބުކުރަނީ ރައްޔިތުންގެ މަންދޫބުންނެވެ. އަމީރު ސަރުކާރު ހިންގަވާނީ ޢިލްމުވެރީންނާއި ކަމުދެނިވެގެންވާ މީހުންގެ މަޝްވަރާއާ އެއްގޮތްވާގޮތުގެ މަތީންނެވެ.

އިސްލާމީ ނިޒާމު ތަޢާރުފުވުމުގެކުރީން ޢާންމުކޮށް ދުނިޔޭގައި ވެރިކަން ޤާއިމުކުރެވޭގޮތަކީ ނަސީބު ވަޒަންކުރާ ކޮންމެވެސް މީހަކު ތެދުވެ އޭނާގެ އެކުވެރީންގެ ބައިގިނަކަމުގެ އެހީގައި ނުވަތަ ކަނޑީގެ ތުނޑުން އެމީހެއްގެ ވެރިކަން ޤާއިމުކޮށްގަތުމެވެ. އެމީހަކު މަރުވުމުން އެމީހެއްގެ ވާރުތަވެރީންނަށް ތަރިކައެއްގެ ގޮތުގައި ވެރިކަން ލިބެމުން އަންނާނީއެވެ. މިނުބައި އާދަ މިހާރުވެސް ޢަރަބި ބައެއް ޤައުމުތަކުން އެއޮތީ ފެންނާށެވެ. ވާރުތަވާ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ދުނިޔޭގައި ޝޫރާއީ ނިޒާމެއް ޤާއިމުކުރީ މުސްލިމުން ކަމުގައިވިޔަސް މުސްލިމުންގެ ޝޫރާއީ ނިޒާމާއި އިންޚާބީ ނިޒާމުގައިވަނީ ޚުދު މުސްލިމުންގެ އަމިއްލަ އަތުން ހުޅުލައިފައެވެ. އެހައިތަނާ ހަމަޔަށް ދުނިޔޭގައި ހިނގަމުންއައި ކިސްރާއާއި ޤައިޞަރުގެ ސުންނަތްވަނީ އަލުން ދިރުވައިފައެވެ. އިސްލާމީ ސިޔާސީ ނިޒާމުވަނީ ޚުދު މުސްލިމުންގެ އަތުން ސުންނާފަތިކޮށްފައެވެ. މުސްލިމުންވަނީ ދުނިޔޭގައި ބަދުނާމުވެފައެވެ. އަގުވެއްޓިފައެވެ. މިއަދުވެސް ފަރުދީގޮތުން މީހުން އިސްލާމްދީން ޤަބޫލުކުރަމުން އައިކަމުގައިވިޔަސް ނަބަވީ ދައުރާއި الخــلفــاء الــرّاشــدون ގެ ދައުރުގައި މީހުން ފައުޖު ފައުޖަށް އިސްލާމްދީނަށް ވަންނަމުން އައިގޮތަށް މިދީނަށް މީހުން ވަނުން ވަނީ ހުއްޓިފައެވެ. ސަބަބަކީ ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅައިލެވުނު މުސްލިމް ސިޔާސީ ނިޒާމުގެ ހުތުރު ސޫރައެވެ. އިސްލާމީ ނިޒާމަކީ ކުރީގައި ދުނިޔޭގައި އޮތް ވިރާސީ އިސްތިބުދާދީ ނިޒާމު ޙިމާޔަތްކުރާ ނިޒާމެއްކަމުގައި ދުނިޔެއަށް ތަޢާރުފުކުރެވުނުކަމެވެ. އިސްލާމީ ނިޒާމަކީ ޖުމްހޫރިއްޔަތު ކަތިލާ ނިޒާމެއްކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފޭރޭ ނިޒާމެއްކަމުގައި ދުނިޔެއަށް ޤަބޫލުކުރެވުމެވެ.

ޙަޤީޤަތަށް ނަޒަރު ހިންގާއިރު ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ ޖުމުލަގޮތެއްގައި އިސްލާމީ ސިޔާސަތުގެ ނިޒާމުގެ ތާއީދާއި ޙިމާޔަތް ލިބިފައިވާ ވެރިކަމުގެ ނިޒާމެކެވެ. ނަމަވެސް އިސްލާމީ ސިޔާސަތުގެ ނިޒާމަށް ނަންދީފައިވަނީ ޝޫރާއިއްޔަތު ނުވަތަ ޚިލާފަތުގެ ނަމުންނެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ "وَأَمْـــرُهُــــمْ شُـــورَى بَيْنَهُـــم" މިފަދައިންނެވެ. "إِنـِّى جَــاعِــلٌ فِـى الْأَرْضِ خَـلِيْـفَـةً" މިފަދައިންނެވެ.

ޝައްކެއްވެސްނެތެވެ. ޚިލާފަތަކީ މިބިންމައްޗަށް ކޮންމެހެންވެސް ބޭނުންތެރި ނިޒާމެކެވެ. ޚިލާފަތު ހަވާލުކުރާންވާނީ އެކަމުގެ ޒާތުގައި ކަމާއެކަށީގެންވާ ބަޔަކާއެވެ. އެއްކައުވަންތަކަމުގެ ޢަޤީދާ ފުރިހަމަޔަށް ޤަބޫލުކުރާ ބަޔަކާއެވެ. އާޚިރަތްދުވަހަށް އީމާންވާ ބަޔަކާއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙު ޢަމަލުތައް ކޮށްއުޅުނު މީހުންނަށް، އެއުރެންގެ ކުރީން އުޅުނުމީހުން ޚަލީފާވެރިކުރެއްވި ފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން ތަމްކީނުކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު ހަމަކަށަވަރުން އަމާންކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް اللّــه ވަޢުދުކުރައްވައިފައިވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު ކާފިރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެއުރެންނީ ހަމަ ފާސިޤުންނެވެ." (الـنّـــور: 55)

(ނުނިމޭ)