ދުނިޔޭގެ އެކި ދުވަސްތައް ކަލަންޑަރުގެ އެކި ތާރީހުތަކަށް ހަމަޖައްސާފައިވާއިރު ދުނިޔޭގެ އަންހެނުންގެ ދުވަހަކަށް ހަމަޖެހިފައި ވަނީ މާރިޗުމަހުގެ 8ވަނަ ދުވަހެވެ. މިދުވަހަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ކަމަށް ނިންމާފައިވަނީ ކޮންއަހަރެއްގައި ކީއްވެގެންބާވައެވެ. އަހަރުގެ ތެރޭގައި މިއަށްވުރެ މާބޮޑަަށްވެސް ރީތި އަޅައިގަންނަ އަދަދުތަކާއި މަސްތައްވެސް އޮވެއެވެ. އެކަމަކު މާޗުމަހުގެ އަށަކަށް މިދުވަސް ހަމަޖެއްސީ ކީއްވެގެންބާވައެވެ؟
ދެނެގަންނަމާތޯއެވެ. އަންހެނަކަށްވީތީ ފަހުރުވެރިވާއިރު ފިރިހެނަކަށްވެ ހުރެ ތިމާގެ އާއިލާގެ އަންހެނުންގެ މައްޗަށް ފަހުރުވެރިވާ ފިރިހެނުންވެސް މިއަދު ދުނިޔޭގައި މަދެއް ނޫނެވެ. ހަގީގީ ތެދަށް ހުޅުވާލެވިފައިވާ ހަމަ ސިކުނޑިއަކުން ބަލައިލުމަށްފަހު ހުޝިޔާރު ބުއްދިއަކުން ވިސްނާލައިފިނަމަ އަންހެނުންނަކީ އުފެދުމުގެ އަސްލުކަން ގަބޫލު ކުރަން ވަރަށް ފަސޭހަ ވާނެއެވެ. ދުނިޔެ ދައްކާ މަދު އަނދިރިކުލަތައް އެއްފަރާތަށް ޖައްސާލުމަށްފަހު ބޮޑުބައި އޮތް އަދަދުން ގިނަ ހަގީގަތަށް ބުރަވާ ކަންތަކަށް ބަލައިލާށެވެ.
މުޖުތަމައެއްގައި އަންހެނުންގެ ދައުރު އޮތީ ގޭގެ އޮޅިގަނޑުން ފެށި ބަދިގޭގެ ފުއްޑަނަށް ނިމޭ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ގޭގެ އޮޅިގަނޑުން ފެށިގެން ގޭގެ ތިޖޫރީއާ ހަމައަށްވެސް އޮތީ އަންހެނުންގެ ދައުރެވެ. މީގެ ހެކިތައް ދުނިޔޭގެ އެކިދިމަދިމާލުން ތާއަބަދު އެބަފެނެއެވެ.
ގައުމެއްގެ އެންމެ މުހިންމު ޒިންމާދާރު މަގާމުތަކުގައި ތިބެނީ އަންހެނުންނެއް ނޫންހެއްޔެވެ؟ ނަރުހުން، އެދުރުން، ކައުންސެލަރުން، ހާއްސަ އެހީއަށް އެހީވާ އެހީތެރިން، ހިޔާލުފާޅުކުރާ ދާއިރާތައް، ހިޔާލު އަރުވަން ހުރި ދާއިރާތައް، މިހެން ގޮސް ކިތައްކިތައް ކަންތައްހެއްޔެވެ؟ ދުނިޔޭގައި އަންހެނުންނަށް ދެވިފައި އޮންނަ ގަދަރު ކުޑަކަމަށް ދައުވާ ކުރާ މީހުންގެ ޖާހިލު ވިސްނުން މިހާރަކަށް އައިސް އޮންނަނި ވަންހަނާ ކުރެވިފައެވެ. އެހެނީ އެފަދަ ކަމެއް ފެންމަތިވެއްޖެނަމަ ވަގުތުން އެކަންތަކަށް އެޅޭ ފިޔަވަޅާއެކު އެފަދަ ބައެއްގެ މުޅި ދިރިއުޅުން ފަނާވެދާނެއެވެ.
1917ވަނަ އަހަރު، މާޗުމަހުގެ 8ވަނަ ދުވަހު ހިނގި ހަނގުރާމައިގެ ހަޅުތާލުގައި ރަޝިޔާގެ އަންހެނުން "ބްރެޑް އެންޑް ޕީސް" (ޕާނާއި އަމާންކަން) (ކެއުމާއެކު އަމާންކަން)އަށް ގޮވާލައި ކުރި މުޒާހަރާގައި ހުށަހެޅި އެދުން، ކުރިއަށް ދިޔަ ބާރުމިނުގައި ހަތަރު ދުވަހުގެ ތެރޭގައި އެވަގުތުގެ ރަޝިޔާގެ އެމްޕެރާ، ސާ ނިކޮލަސް2 ޖެހުނީ އިސްތިއުފާ ދޭށެވެ. އަދި ރަޝިޔާގެ ގަވަރުނަރަކަށް ހުންނެވި ފަރާތުން އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ވަގުތުން ދެވުނެވެ. މިހަޅުތާލު ފެށުނީ މާޗުމަހުގެ 8ވަނަ ދުވަހުގައި ކަމުން މިތާރީހު ކަނޑައަޅައި ހަމަޖެއްސުނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ތާރީހެއްގެ ގޮތުގައެވެ.
އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހެއް ރަސްމީ ގޮތުން ފާހަގަ ކުރެވުނީ 1909 ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު ޔޫއެސް، އެމެރިކާގައެވެ. އޭގެ ކުރީ އަހަރު 1908ގެ ނިއުޔޯކުގެ އަންހެނުން މަސައްކަތުގެ ޝަރުތުތަކާ ދެކޮޅަށް ކުރި މުޒާހަރާގެ ހަނދާން އާކޮށް އެއަންހެނުންގެ ޝަރަފުގައި މިދުވަސް ފާހަގަ ކުރެވުނީ 1909ގެ ފެބްރުވަރީ 28ގައެވެ.
މިއީ މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރެވެން މިއަންނަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ފެށުން އައި ގޮތުގެ ތަފުސީލަކަށް ސީދާ ނަޒަރަކުން ހިނދުކޮޅަކަށް ބަލާލި ކުރުހުލާސާއެކެވެ.
އަންހެނުންގެ ދުވަހަށް ހާއްސަކޮށްފައިވާ މައިމޯސާ މަލަކީ އެމަލުގެ މާނައިގައި ވަރަށް ފުން ވާހަކަތަކެއް ހިމެނޭ މަލެކެވެ.
މިމަލުގެ އެކިކުލަތައް ހިމެނެއެވެ. އަންހެނުންގެ ދުވަހަށް ހާއްސަކުރެވިފައި ވަނީ ރީދޫކުލައިގެ މައިމޯސާ މަލެވެ. މިމަލުގެ މާނައިގައި މިއީ އިހުސާސްތަކުން ފުރިފައިވާ މަލެއްކަމަށް ބުނެވެއެވެ. ލޯބިވާ ވާހަކަ ބުނުމަކާ ނުލައި ހަމަހިމޭންކަމުގެ ދުލަކުން 'އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ" ބުނުމަށް ރީނދޫކުލައިގެ މައިމޯސާ މާ ވަރަށް ފުރިހަމަ ދައުރެއް އަދާ ކުރާކަމަށް މަލާބެހޭ މާހިރުން ބުނެފައިވެއެވެ. މިމަލަކީ ގަހުގެ ކުދި ފެހިކުލައިގެ ފަތްތަކަށްވުރެ ގަހަށް ގަދަކޮށްލާވަރަށް ކޯޅީގައި ގިނައިން އޮންނަ މަލެކެވެ. އޭގެން ދޭހަކޮށްދެނީ ނުފޫޒު ނޫން އެހެން ކަމެއް ނޫނެވެ. ހަމަ އެބީދައިން އަންހެނުންނަކީ އެބައިމީހުންގެ އަމިއްލަ ދާއިރާގެ ތެރޭގައި އެމީހުންގެ ބާރާއި ނުފޫޒު ނުހަނު ވަރުގަދަ ބައެކެވެ. އެހެންނޫންތޯއެވެ؟
މިއަދުގެ ތާރީހުގައި އަޒުމެއް ކަނޑައަޅާށެެވެ! އަންހެނަކަށް ވީތީ ހައްދު ހުދޫދުގެ ތެރެއިން ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. ހަރުދަނާކަމާއި ކެރުމުގައި ފިސާރި ކަނބަލަކަށް ވާށެވެ! ކަނބަލަކަށް ވުމަށްޓަކައި ބޮޑު މަގާމަކާއި މޮޅު ލިޔުންތަކަށްވުރެ ހާއްސަ އެއްކަމަކީ ތިމާގެ އަބުރާއި ގަދަރުގެ މައްޗަށް ވެރިކަން ކުރަން ޖެހޭ ތިމާގެ ނަފުސުގެ ތެދުވެރިކަމާއި ސާބިތުކަމެވެ. ނަފުސަށް އޮންނަ އިތުބާރާއި ކެރިހުރެ ކުރިމަތިލުމެވެ.
ނިކަން ބުއްދިވެރި ބުނުމެއްގައި މަންމައަކު ބުނެފައިވެއެވެ.
"ދަރިފުޅާއެވެ. ދުނިޔޭގެ ބިމުގައި އިސްޖަހައިގެން ހިނގާ މީހަކަށް ނުވާށެވެ. އިސްއުފުލައިގެން ހަތަރުކަޅި ހަމަކޮށްގެން ހިނގާށެވެ! އެހެން އެކަން ކުރެވޭނީ އިސްޖަހާ ވަރުގެ ކަމެއް ނުކޮށް އިސްއުފުލައިގެން އުޅުމުގައި ސާބިތުވީމާކަންވެސް ހަނދާނުގައި ބަހައްޓައްޗެވެ!"
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް