މިއީ ދުވަސްތަކެއް ކުރިން ވަރަށް ބޮޑަށް ވަރަށް ގިނައިން ތަފާތު އެކި ގޮތްގޮތަށް ދެކެވުނު ވާހަކައެކެވެ. ހަނގާ ކުރުމުގެ ވާހަކައެކެވެ. ނުވަތަ ބުލީ ކުރުމުގެ ވާހަކައެވެ. މިއީ އަހަރެެމެން އާންމުކޮށް ވާހަަކަ ދައްކާއިރު ބޭނުން ކުރާ ބަހަކަށް ނުވެދާނެއެވެ. އެކަމަކު މިބަހުގައި މިކުރެވޭ އަމަލަށް އަހަރެމެން ދިވެހިންގެ ތެރޭގައި ތަފާތު އެހެން ނަންތަކެއް ބޭނުން ކުރެވެއެވެ.
"ދިމާކުރާވަރުން މިހާރު ކުރީ ގޮނޑިބަރީގައި އިންނާކަށް ނުކެރޭ."
"ފަހަތުން ހެމުން މަލާމާތް ކުރަމުން އަންނާނީ. ވަރަށް ލަދުގަނޭ."
"ޖެއްސުން ކުރަން ވެގެން ކޮއްޕާލީ. އިސްތަށިގަނޑަށް ދަމައި މިއީދެން ކޮންއެއްޗެއް، އެންމެ ދެތިން އިސްތަށްޓެއްނު، ބާލާ! ނުދާނަން ސުކޫލަކަށް."
އެފެންނަނީ އަހަރެމެން ދިވެހިންގެ ތެރޭގައި ހަނގާ ކުރުމަށް ބޭނުން ކުރާ ބައެއް ބަސްތަކެވެ. މަލާމާތް ކުރުން، ދިމާކުރުން، ފޮށުން، ގެޅުން، ޖެއްސުން ކުރުން، ކޮއްޕުން، ދިމާލަށް ހުނުން މިފަދަ ކަންތައްތަކަކީ ހަނގާ ކުރުން ކަން އެނގި މީހުންގެ ތެރޭގައި މިވާހަކަ އާންމުވެގެންއައީ ވަރަށް ފަހަކުންނެވެ. މިއީ އަހަރެމެން ހިތަށް އަރާ ވަރަށްވުރެ ވެސް މާބޮޑު މައްސަލައެކެވެ.
ވަރަށް މޮޅަށް ކިޔަވައިގެން މަތީ ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރަށްވެސް ދިޔަ ޒުވާނެކެވެ. ދުނިޔެއަށް އައިއިރުވެސް މީނާއަކީ ވާހަކަ ދެއްކުމުގައި ދެއަކުރެއް ބޭނުން ކުރުމުގައި ތަކުލީފު ހުންނަ މީހެކެވެ. ރ އާއި ޅ ކިޔުމުގައި އޭނާއަށް ކިޔޭނީ ލ އެވެ. އެއްދުވަހަކު މީނާގެ ސައިކަލު ބޮޑުބޭބެގެ ދަރިފުޅު މީނާއަށް ނާންގައި އަރައިގެން ދިޔަ ވާހަކަ ކިޔައިދެމުން ބުންޏެވެ.
"ހަމަހުވާ އައި ލުލީގަ މަގޭ ހިތަށް އެލި ސައިކަލު ނަގާ ލޮލީއަކަށް ލާފަ ޕޮލިހަށް ފޮނުވާލާނަމޭ."
ސައިކަލެއް ލޮލީއެއްގެ މަތީގައި ހުންނާނެ ގޮތް ހިތަށް ސިފަވުމުން ޕަކަޕަކައަޅާފައި ހީނގަނެވިދާނެތީ އަނގަމަތީ އަތްއެޅީ އެއީ އަނބިމީހާގެ ކޮއްކޮއަށްވީތީ އޭނަގެ ދުލުގައި އެމައްސަލަ ހުންނަކަން އެނގޭތީއެވެ.
"ލިޔަންބެ ހޭން ނުކެލިގެން ތިބަނޑަށް ހެނީ ކީއްކުލަން. މަށަށް އެނގޭ މަބުނި ވާހަކަ މަޖާވީކަން. މަށަށްވެސް ބައެއް ފަހަލު މަޖާ. އެކަމަކު މަށަށް އެނގޭ މަށާ ދިމާކުލީމަ."
އެންމެން އެކީ އެވާހަކައިގެ މަޖާ ތަންކޮޅަކީ ސައިކަލެއް ލޮލީއެއްގެ މަތީ ހުންނާނެ ގޮތް ކަމަށް ބުނެ މަޖާކުރިއިރު އެސޮރުވެސް މަޖާވެފައި ހުނެވެ. އެކަމަކު އެއީ އޭނާއަށް މަލާމާތްކޮށް ފުރައްސާރަކުރުމަށް ކުރި މަޖަލެއް ނޫނެވެ. އަދި އެހުނުމުގައި އޭނާގެ ނުކުޅެދުންތެރިކަމަކަށް އެއްވެސް ހަޖުލެއް އަހަރެމެން ނުޖަހަމެވެ.
ބޭރުން ކިޔަވައިގެން އައިސް އޭނާ ވަޒީފާއަށް ނުކުތްތަނާހެން އަހަރެންނަށް ތަފާތު ކަމެއް އޭނާގެ ފަރާތުން އިހުސާސްކުރެވެން ފެށިއެވެ. އަންހެނުންނަށްވެސް އެކަން ފާހަގަވިތޯ އެހީމެވެ. އެކަމަކު އެކަކަށްވެސް އެއްވެސް ކަމެއް ފާހަގަ ނުކުރެވެއެވެ. އަހަންނަށް ފިޔަވައެވެ. އެވާހަކަ އަނެއްކާވެސް ދެއްކުމުން އަންހެނުން ހެވިފައި ބުނީ އަހަރެން މިހާރު މާބޮޑަށް ވިސްނާތީ ހީވާ ގޮތްކަމަށެވެ.
"ކުދިންނަށް ޑާންސިން ކުލާސް ނަގައިދޭން ފެށިފަހުން އާމިރު ބޯގޯސްވީކަންނޭނގޭ. އެކުލާހަށް ދާ ފިރިހެންކުދިންނާ އަންހެންކުދިން ދިމާކޮށް ބުލީކުރާ މަންޒަރު ފެނިފެނި އާމިރަށް މުޅިންވެސް އެކަހަލަ މަންޒަރު ހީވަނީ."
ތެދެކެވެ. ކޮންސެޓްތަކަށް ކުދިންނަށް ތަމްރީނު ކުލާސްތަކެއް ނަަގައިދޭން ފެށިފަހުން ދިމާވާން ފެށި ކަމެކެވެ. ނަށަން އަންނަ ފިރިހެން ކުދިންނާ އަންހެންކުދިން ދިމާކޮށް ގޯނާ ކުރުމުގެ މައްސަލަ ކޮންމެ ދުވަހަކު ފެންމަތިވެއެވެ. ދެތިން ފިރިހެން ކުއްޖަކު ތިބެއެވެ. ވަރަށް ދޮން ކުދިންނެވެ. ފަން އިސްތަށިގަނޑާއި ދޮންކުލައިގެ ސަބަބުން އެކުދިންނަށް އުނދަގޫތަކާ ދިމާވަމުންދިޔައެވެ.
އެކީގައި ނަށަން ޖެހިއްޖެއްޔާ އަހަރެންގެ ކަޅިމަތިބަލައި އެކުދިންނަށް ފާޑުކިޔައި ކުދި އަނިޔާކުރުންވެސް އާންމުވިއެވެ. އެކުދިންނަކީ ވަރަށް މޮޅަށް ބަނޑިބަނޑިލައްވާ ހަރަކާތްތައް ފަސޭހަކަމާއެކު ގެންނަ ކުދިންނަށް ވުމުން އަންހެން ކުދިންތައް އެކުދިންނާ ދިމާކުރުމުގެ މަގުސަދު އަހަންނަށް ވަރަށް ރަނގަޅަށް ފަހުމުވެއެވެ.
"އަޅެ ސާބަހޭ. އެއީ އެންމެ ހައެއްކަ އަހަރު ނުވާ ކުޑަކުދިންކޮޅެކޭ. އެމީހުނަށް ކިހިނެއް އެނގޭނީ ދިމާކުރުމަކީ ކޮބާކަން. ތިއީ އާމިރަށް ހީވާގޮތް. އާމިރު ފުރަތަމަ ޝައްކުބައްޔަށް ފަރުވާ ހޯދަންވީ."
ކުޑަކުދިންވީމަ ހަނގާ ކުރުމެއް ނޯންނާނެބާވައެވެ. އެހެންވީއިރު އަންހެނުންގެ ކޮއްކޮ އެއީ ކުޑަކުއްޖެއް ނޫނެވެ. ދެން އެހެންވިއްޔާ އޭނާއަށް އެވަނީ ކީއްކަން އަހަަރެން ބުނެދިނީމަ އެކަކުވެސް އަޑުއަހަން ބޭނުން ނުވަނީ ކީއްވެހެއްޔެވެ.
ހަމައެއަހަރު ތެރޭގައި އަހަރެން ކިޔަވައިދެމުން ދިޔަ ސުކޫލުގެ ގުރޭޑު ހަތަރެއްގެ ދަރިވަރެއްގެ މަންމަ އަހަންނާ ބައްދަލުކޮށްފައި ދެއްކި ވާހަކައިން އަހަރެން ހައިރާންވެފައި އަވަހަށް އެދަރިވަރާ ބައްދަލުކުރީމެވެ.
ޓިއުޝަން ޓީޗަރު ހަނގާ ކުރަނީއޭ ބުނުމުން ހައިރާންވާނެ ނޫންހެއްޔެވެ؟
ހުރިހާ ފަހަރެއްގައި ކުއްޖާ ބުނާ ބަސް ތެދު ނުވުމަކީ ވެދާނެ ކަމެކެވެ. މިފަހަރު ޓީޗަރުގެ މައްސަލައަކަށްވީ ކުއްޖާގެ ކުށް ދެއްކުމެވެ.
ކުއްޖާއަކީ މާމޮޅަށް އިނގިރޭސިން ވާހަކަ ދައްކާ ކުއްޖަކަށްވުމުން ބައެއް ފަހަރު ޓީޗަރުގެ ހުންނަ އިންޑިޔަން ރާގަށް ބަސްބުނެވެއެވެ. ދިވެހި އިސްލާމް ފިލާވަޅެއް ހަދަން ޖެހިއްޖެނަމަ ގަޑިއެއްހާއިރު ބުންޏަސް އެކަމެއް ކުރާކަމަކަށް ނުވެއެވެ. އިނގިރޭސިން އެހާ މޮޅަށް ވާހަކަ ދައްކާ ކުއްޖާ އިބާރާތެއް ލިޔަން ވެއްޖެނަމަ މުޅިން ނުބައިކޮށް ސްޕެލިންގްއާއި ގްރެމާ ހުރުމުގެ މައްސަލަ ދެއްކުމުން ކުއްޖާ ހިތްހަމަ ނުޖެހޭ ހިސާބަށް މައްސަލަ ދިޔައީ ބެލެނިވެރިޔާއަށް އެންގުމުންނެވެ.
ބުލީ ކުރުން ނުވަތަ ހަނގާ ކުރުމަކީ ކިހާވަރެއްގެ ކޮންފަދަ ކަމެއްކަން އިހުސާސް ނުވަނީ އެކަމާ ބެހޭ މައުލޫމާތު ލިބެން ޖެހޭ ވަރަށް ނޭނގޭތީއެވެ. އެހެންނޫންނަމަ ކުއްޖާ ސުކޫލުން ގެއަށް އައިސް ކިޔައިދޭ ވާހަކަތަކަށް ކަނުލައި އަހާނެ ކަންފަތެއް ނުހުންނާތީއެވެ.
އެނގޭހެއްޔެވެ؟ ސުކޫލުތަކުން ކުރެވޭ ހަނގާގެ އަސަރު ކުއްޖާގެ އުމުރުން މާބޮޑަށްވެސް މައްޗަށް ގޮސް އޭނާ މީހަކަށްވެސްވެ ދަރިން ލިބޭ ފަހުން އެއްކަލަ ބުލީ ނުވަތަ ސުކޫލުގަ ހިނގި ހަނގާގެ އަސަރު ފެންމަތިވެ ނަތީޖާ ހިތަށް ނާރާވަރުގެ ބިރުވެރި ނާމާން ނުރައްކާތެރި ގޮތަކަށް ފެނިފައި އެބަހުއްޓެވެ.
2019 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު މުޅި ދުނިޔެއަށް ފެތުރުނު ހަބަރަކީ އައިޝްލޭ ލަވްލޭސް، ސައިބާބުލީގެ ސަބަބުން އަމިއްލައަށް މަރުވީ ނަފުސާނީގޮތުން ޑިޕްރެޝަނުގެ ތެރޭގައިކަމެވެ.
2000 ވަނަ އަހަރު ދުނިޔެއަށް އުފަންވި އޭޝްލީން ކޮނާ، އެންމެ ދިހަ އަހަރުގައި 2011 ގައި އޭނާގެ ކަފޭރާތެރޭގައި ދަންޖެހި މަރުވި އިރު އެއީ ސްކޫލެއްގެ ދަރިވަރެކެވެ. 2011 ނޮވެމްބަރުމަހުގެ 11އިގެ މިހާދިސާގެ ވާހަކަ ކިޔައިދިން އޭޝްލީ ކޮނާގެ މަންމަ ބުނި ގޮތުގައި އޭޝްލީ އޭނާގެ ސްކޫލު ޓީޗަރުންގެ އެހީ ލިބޭތޯ ވަރަށް މަސައްކަތްކޮށްފައިވެއެވެ.
ޓީޗަރުން އޭޝްލީނަށް ދިން ޖަވާބަކީ "ބޭކާރު އަނގަ ނުތަޅާ ގޮސް އިށީނދޭ!" މިއެވެ. ސުކޫލު ކުދިން އޭޝްލީން ފަހަތުން "ފަލަބަނަހޭ"، "ހަޑިގިއްލާ"، "ރުނބާ"، "ގޭސްއުނދުން" މިފަދަ ބަސްތަކުން ގޮވައި އުޅުނު ކަމަށްވެއެވެ. މިކުއްޖާ ގޭގައި ކިޔެވުމަށް ހުއްދަދީ އެކަމަށް އެހީވުމަށް އެދުމުން މަންމަ އެކަމަށް ދެކޮޅު ހެދީއެވެ. ނަތީޖާއަކަށްވީ އޭޝްލީން އޭނާގެ އަމިއްލަ ދުނިޔެއެއް ހޯދިކަމެވެ. އޭޝްލީންގެ ހަށިގަނޑު ފެނުނީ އޭނާގެ ދައްތައަށެވެ.
ކެސިޑީ ތުރީވެން އޭނާގެ އުމުރުން 15 އަހަރުގައި، 2015ވަނަ އަހަރުގައި އަމިއްލައަށް މަރުވީ މެލްބަންގައި ހުންނަ އޭނަގެ ގޭގެ ބެލްކަނިން ފުންމާލައިގެންނެވެ. ގޭންގްރޭޕަކަށްފަހުވެސް ސްކޫލަށް ގޮސްގޮސް ދެއަހަރުވީއިރު ކެސިޑީއަށް އަރައިނުގަނެވުނީ އޭނާގެ ރޭޕްމައްސަލައިގައި ފާރަވެރިންނަށް ތިބި އޭނާ އެކުވެރިންކަމަށް ހީކުރި މީހުންގެ މަތިއޮމާން ކުރުމުގެ ހަނގާ ކުރުމުންނެވެ.
އެދެއެކުވެރިންނަކީ ރޭޕް ހިންގުމަށް ރޭޕް ރާވައި ހިންގި ޒުވާނާއާ ހަމައަށް ކެސިޑީ ގެންގޮސް، ގްރޫޕު ކެސިޑީ ރޭޕްކުރިއިރު ބޭރުގައި ފާރައަށް ތިބި މީހުންކަމެއް ހުދު ކެސިޑީއަށް މަރުވިއިރުވެސް ނޭނގެއެވެ. ކެސިޑީ މަރުވީ ސުކޫލުގައި ދިމާކުރުމާއި މަލާމާތްކުރުމުގައި ހައްދުފަހަނައަޅައި ގޮސް އެންމެ ފަހުން ދެއަހަރާ ގާތްވީއިރުވެސް ބަދަލެއް ނައިސް ތިބި ދެއެކުވެރިންނަށްވެސް އެހަނގާއިން އަސަރު ކުރަން ފެށުމުންނެވެ. ކެސިޑީގެ މަރަށްފަހު ތަހުގީގުގައި އެދެއެކުވެރިންވެސް އެޒުވާނާވެސް ހައްޔަރު ކުރެވުނެވެ.
ކީއްވެކުރިކަމެއްހޭ އެހުމުން ޖަވާބަކަށް ވީ ކެސިޑީ ކުޑައިރު ގްރޭޑު ދޭއްގައި އެދެއެކުވެރިންގެ ކޮއްކޮއަކަށް މަލާމާތް ކޮށްފައި ހީނ ހެދުމުގެ ބަދަލުދިނީ ކަމަށެވެ. އަދި ކެސިޑީގެ އާދަޔާހިލާފު ރީތިކަންވެސް އެމީހުންނަކަށް ހަޖަމެއް ނުކުރެވޭކަމަށެވެ.
ކެސިޑީއަށް ރޭޕްކުރުމުން ކުރި އަސަރަށް ވުރެ ހަނގާކޮށް މަލާމާތްކުރުމުން ކުރި އަސަރު މާބޮޑުކަމަށް ޑޮކްޓަރުންގެ ބަޔާންތަކުގައި ވެއެވެ. އެދެއެކުވެރިން ބުނި ގޮތުގައި ކެސިޑީ ހަނގާކުރުމުން އެވަރަށް އަސަރުކުރާނެކަން އެމީހުންނަށް އެނގުނީ ރޭޕަށްފަހުގައެވެ. އޭގެ ކުރިން އެނގުނުނަމަ ރޭޕްނުކޮށް އެމީހުން ހަނގާ ކުރީހެވެ.
މީގެންވެސް އެނގެނީ ރޭޕް ކުރުންފަދަ ހިތްދަތި ބިރުވެރި އަމަލަށްވުރެވެސް ހަނގާ ކުރުމުން ކުރާ އަސަރު މާބޮޑަށްވެސް ބޮޑުކަމެވެ.
"ހަނގާ ކުރަނީ އާންމުކޮށް އަދި ގިނަފަހަރު ދުލުން. ކަނޑިން ކުރާ އަނިޔާގައި ވިހަ ނުހުންނާނެ. އެކަމަކު ދުލުން ކޮށްލާ ޒަހަމުގައި ވިހައިގެ އަސަރު ހުންނާނެ. އެވިހަ މީހާ ވިހަކޮށް މަރާ ހަމައަށްވެސް ގެންގޮސްދާނެ!"
ވަރަށް ވަރަށްވެސް ބޮޑު ތެދެކެވެ. ދުލުން ކުރެވޭ ޒަހަމުގެ ވޭން ބޮޑުވެފައި އޭގެ ވިހައިގެ އަސަރު މުޅި އުމުރަށް ހަށިގަނޑަށް އަދި ދިރިއުޅުމަށް ކުރުވާނެއެވެ. އެހެންކަމުން ސަމާލުވާށެވެ! ހަނގާ އެއީ ބަހަށްވުރެ ބަރުދަން މާބޮޑަަށްވެސް ބަރު ކަމުގައި މާބޮޑަށްވެސް ނުރައްކާތެރި ކަމެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް