އަބަދުވެސް އިވޭ އަޑެކެވެ. ފެންނަ މަންޒަރެކެވެ. ގޭތެރޭގައިވެސް އަދި އެހެން ތަނެއްގައި ވިޔަސް ސާފުކުރުން، ކެއްކުން، ދޮވެ އިސްތިރިކުރުން، ޒީނަތްތެރިކުރުން ފަދަ ކަންތަކަކީ އަންހެނުންނަށް ހާއްސަ ކަންތައްތަކެވެ. ތަނެއްވިޔަސް އެއްޗެއް ވިޔަސް ނުވަތަ މީހެއް ވިޔަސް، ދޮވެސާފުކޮށް، ޒީނަތްތެރިކޮށް، އެއަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކަކީ އަންހެނުންނަށް ހާއްސަ ކަންތަކެވެ. މިއީ ޒަމާނުއްސުރެ މިކަންތައް ހިނގަމުން އަންނަ ގޮތެވެ.
ފެހުމާއި މާޖެހުން، ޖަރީޖެހުން، ވިޔުންފަދަ ކަންތަކާއި ކެއްކުމާއި ކާންހެދުންފަދަ ބަދިގޭގެ ކަންތަކަށް ހާއްސަ ބަޔަކީ އަންހެނުންނެވެ. މިފަދަ ކަމެއް ފިރިހެނަކު ކޮށްފިނަމަ އެއީ މުޅިން ގޯސްވީއެވެ. އެހިސާބުން ރަނޑު މީހަކަށް އެމީހާ ބަދަލުވީއެވެ. ހަމަ މިގޮތަށް ދޮވެ އިސްތިރި ކުރުމަކީވެސް އަންހެނުންނަށް ހާއްސަ މަސައްކަތެކެވެ. ދައްކަން މިއުޅެނީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ތަފާތު މަސައްކަތްތަކުގެ ވާހަކައެއް ނޫނެވެ. އެކަމަކު އެކަންތަކަށް ބަލައިލުން މުހިންމެވެ. އެހެނީ އަލިއަޅުވާލަން މިއުޅެނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން އަންހެނުންގެ ދިރިއުޅުމަށް އައި ބަދަލުތަކާއި ލިބިގެން ގޮސްފައިވާ ފަސޭހަތަކުގެ ވާހަކަ ކަމަށްވާތީއެވެ.
ދުރު ހަނދާނަކަށް ކެމެރާގެ ދުރުމި އަނބުރާލައި ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލަމާތޯއެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ކެމެރާތަކަށް މިމަންޒަރު ނުވަދިހައިގެ އަހަރުތަކުގައިވެސް ހުންނާނީ އަރާފައެވެ. މާމަމެން ބޮޑެތި ލޯގަނޑުތަކަށް ފެންއަޅައި ފުރާފައި ބެހެއްޓުމަށްފަހު ވަކިން ހުރި ތަންކޮޅެއް ކުޑަ ތަށްޓަށް ދޮންނަކުނޑިއާއި ލައްފިލުވާ އެޅުމަށްފަހު ބައިބަޔަށް އަޅާފައިވާ އަންނައުނުތަކާއި ބާލިހުއުރަތައް ދޮންނަ ހަނދާން ހުންނާނެކަން ގައިމެވެ. އެހެންކަމުން މިއީ ދިވެހި އަންހެނުންނަށް ދުރުނޫން މާޒީއެއްގައި ލިބުނު ކުރިއެރުމެކެވެ. މިދެކެވެނީ ކޮންއެއްޗެއްގެ ވާހަކަކަމަށްތޯއެވެ. އާއެކެވެ. މިއީ ދޮންނަމެޝިނުގެ ވާހަކައެވެ.
1800އިގެ އަހަރުތަކުގައި މެޝިން ތައްޔާރު ކުރުމުގެ މަސައްކަތް ފެށިގެން އައިސް، 1908ގައި ކަރަންޓުން ބޭނުން ކުރެވޭ ދޮންނަ މެޝިނު ވަނީ އީޖާދު ކުރެވިފައެވެ. 1994އާއި ހަމައަށް ދިޔައިރު، މިހާރު ގޭގޭގައި ގެންގުޅެމުން އަންނަ އޮޓޯ ދޮންނަމެޝިން ވުޖޫދަށް ގެނެވިއްޖެއެވެ. އަދި މިއީ އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށްވެސް މުހިންމު ބޭނުންތެރި އެއްޗަކަށް ވަނީ ވެފައެވެ. އެއްޗެހި ދޮވުމުގެ ސަބަބުން އަތުގެ އިނގިލިތަކުގެ ކޮޅުހަލާކުވެ ނިޔަފަތިތައް ހަލާކުވެ، އަބަދުމެ ހަންފޮޅިފައި ހުންނަ އަތްތަކަށް ލުޔެއް ލިބި ކޮނޑުހުޅުތަކަށްވެސް އަރާމުކޮށްލާނެ ވަގުތު ލިބުނީއެވެ.
ބޮލުން ވައްޓާލާ ލިބާހާއެކު މީހަކާ އިނދެގެން އަމިއްލަ ގެއަކީ ފިރިމީހާގެ ގެ ކަމުގައި ދެކިގެން ދިއުމާއެކު ދެން އޮންނާނީ މެޝިނެއްހެން އަހަރު ދެކޮޅު ވިހެއުމެވެ. ޓެކްނޮލޮޖީގެ ހޯދުންތަކުގެ އަލީގައި މިވޭނަށް ހައްލު ލިބ ވިހެއުމުގެ ދޭތެރެ ދުރުކުރުމުގެ ބޭސް ލިބެން ފެށީ 1960ގެ އަހަރުތަކުގައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ދިވެހި އަންހެނުންނަށް މިބޭހުގެ އެހީތެރިކަން ލިބި އަހަރުގެ ދެކޮޅުގައި ވިހެމުހެގެ ބޮޑު ބުރައަށް ހައްލެއް ލިބުނީ ދުރުނޫން މާޒީއެއްގައި ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކުގައެވެ.
ދެން ތަންކޮޅެއް އެތެރޭގެ ދާއިރާއަކަށް ބަލައިލަމާހެއްޔެވެ. ވިހެއުމުގެ ތެރޭގައި އަންހެނުންނަށް އެކި ކަހަލަ ގެއްލުން ލިބި ކިތަންމެ އަންހެނުންނެއް މަރާ ހަމައަށް ގޮސްފައިވެއެވެ. މިބިރުވެރި އަދި ހިތާމަވެރި މައްސަލައަށް ހައްލެއް ހޯދުނީ 18 އަދި 19ވަނަ ގަރުނުގައި އީޖާދުކޮށް ޓެސްޓު ކުރެވިގެން ދިޔަ ފޯސެޕްސްގެ ސަބަބުންނެވެ. މިއީ ރަހިމުގެ އެތެރެ ބެލުމަށާއި ކުރިމަތީފަރާތުގެ އެތެރެ ނުރައްކަލެއްގައި ވޭތޯ ބެލުމަށް ބޭނުން ކުރާ އެއްޗެކެވެ. މީގެ ސަބަބުން ފާރުއުފެދުންކަހަލަ ބަލިތަކުން ރައްކާތެރިވުމާއި ރަހިމުގެ ދޮރު ހުޅުވިފައި ހުރީ ކިތައް އިންޗިއަށްތޯ ބަލައިލެވެއެވެ. އަދި މި ބެކްޓީރިއާފަދަ ތަކެތިން ރައްކާތެރިވުމަށް އެހީވެދޭ ފޯސެޕްސް، 21ވަނަ ގަރުނުގެ ފަހުކޮޅުގައި މުޅި ދުނިޔެއަށް އާންމު ކުރެވި ދިވެހިންގެ ތެރޭގައިވެސް ޑޮކްޓަރުން، މީގެ އެހީ ހޯދަންފެށިއެވެ.
ދެން އެންމެ ބޮޑު އެއް އިންގިލާބީ ކުރިއެރުމެއް އަންހެނުންގެ ދިރިއުޅުމަށް ގެނުވީ ސެނިޓަރީ ނެޕްކިންކަން ޔަގީނެވެ. ދިވެހި އަންހެނުންނަށްވެސް މައްސަރުކަންތައް ދިމާވުމުން އިހުގައި ގެންގުޅެމުން އައީ ފޮތިބޭނުން ކޮށްގެން އަމިއްލައަށް ތައްޔާރުކުރާ ނެޕްކިނެކޭ ބުނުމުން މިހާރުގެ ޅަޒުވާން ކުދިން އަޖައިބުވެ އަންތަރީސްވާނެކަން ގައިމެވެ. އެހެންކަމަށްވިޔަސް މިއީ ފާޅުވެ ފެންނަން އޮތް ބޮޑު ހަގީގަތެކެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ސެނިޓަރީ ނެޕްކިންގެ ތަފާތު ވައްތަރުތަކުގެ ވިޔަފާރި ފުޅާވަމުން އަންނައިރު އަދު ރާއްޖޭގައިވެސް ތަފާތު އެކިވައްތަރުގެ ޕެޑް ލިބެން އެބަހުއްޓެވެ. މިއީ އަންހެނުންނަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއްގެ ހައްލެކެވެ. ބޭނުންކުރެވޭ ޕެޑުގެ ސަބަބުން އަންހެނުން ބަލިވެ ފުރާނައަށް ނުރައްކާވެފައިވެސް އެބަހުރިމެއެވެ. ހިތާމައާއެކީ ބުނަން ޖެހެނީ މިއީ އަދިވެސް ދިވެހިންގެ ތެރޭގައި ވަރަށް ލަދުވެތިކަމާއެކު މުއާމަލާތް ކުރެވޭ ބާވަތަކާއި ނަމެކެވެ. ހުރިހާ އެންމެނަށްވެސް މިއީ ދިމާވާ މައްސަލައެއްކަމާއި ސިއްހަތު ރަނގަޅު އަންހެނެއްނަމަ ދިމާވާނެ ކަމެއްކަން ގަބޫލުކުރެވޭ އިރު ފިހާރައަކަށް ވަދެއްޖެނަމަ މީގެ މުއާމަލާތް ސިއްރުން ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ހަމަ އެހެންމެ ވިހެއުމާ ގުޅިގެން މިއީ ބޭނުން ކުރަން މަޖުބޫރު ބާވަތެއްކަން އެނގޭއިރު މިކަމާ ލަދުގަންނަން ޖެހޭ ސަބަބެއް އެބައޮތްބާވައެވެ؟
ކޮންމެއަކަސް ޓެކްނޮލޮޖީގެ ސަބަބުން، އަންހެނުންނަށް ލިބިފައިވާ ފަސޭހަތަކުގެ ތެރޭގައި މިފާހަގަ ކޮށްލި ކަންތައްތަކުގެ އިތުރަށް ބަދިގެތަކަށް އައިސްފައިވާ ކުރިއެރުންތައްވެސް ފާހަގަ ކޮށްލުން މުހިންމެވެ. ޓޯސްޓަރުން ފެށިގެން ބަތް ކައްކާ ތާހުގެ ބަދަލުގައި ގެންގުޅޭ ރައިސްކުކާ، ފެންކައްކާ ކުރާގެ ބަދަލުގައި ފެން ކައްކާ ކަރަންޓު ޖަގު، މިހެން ގޮސް ނަން ހުސްކޮށް ތަކެތި އީޖާދުވަމުން އައިސް ފުށް މޮޑެ، ގުޅަޖެހި، ރޮށިދަމާ ފިހެގެން ނެރެވޭ މެޝިނެއް ދާދިފަހުން އީޖާދުކުރެވިއްޖެއެވެ. މިހާރުދެން ފުށާއި އެފުށްގަނޑަށް ބޭނުންވާނެ ވަރަށް ތެލައި ލޮނު ހަމަކޮށްފައި ފެންފުޅިއަށް ފެން އެޅުމަށްފަހު މެޝިން ޖައްސާލީމަ ދެން އެނިމުނީއެވެ. އެހެން ކޮންމެވެސް މަސައްކަތަކަށް އެނބުރިދިޔުމުގެ އެއްވެސް މައްސަލައެއް ނެތެވެ. ވަކިއިރަކަށް ގަޑި ހަމަކޮށްފައި އަންނައިރު ރޮށި ހުންނާނީ ފިހެވިފައެވެ.
ތަރައްގީވެ ކުރިއަރައިގެން އަންނަ ޒަމާނާއެކު ތަމައްދުންވެ ތަހުޒީބުވަމުން އަންނަ އަހަރެމެންގެ ދިރިއުޅުމުގައި ހުރިހާ ކަމެއްމެ މިއަންނަނީ ނުހަނު ހަލުވި އަވަސް މިނެއްގައި ހީވެސް ނުކުރާހާ ފަސޭހަ އަރާމު ގޮތަކަށް ބައްޓަންވެ ބިނާވެގެންނެވެ. އެހެންނަމަވެސް އެއްކަލަ އިހުގެ ދަތި އުނދަގޫ ދިރިއުޅުމުގައި އެލިބޭ ހިތްހަމަޖެހުން މިއަރާމު ދިރިއުޅުމުގައި އެބަލިބޭ ބާވައެވެ؟ ކޮންމެވެސް އެއްކަމެއްގެ އުނިކަމާއި ފަޅުކަން އިހުސާސް ނުކުރެވި ނުދާނެއެވެ. އެހެނީ އަހަރެމެންނަކީ އިންސާނުން ކަމަށްވާތީއެވެ.
ދުނިޔެ ދައުރުވަމުން އަންނަ ވަރަކަށް ތަރައްގީއާއެކު ޓެކްނޮލޮޖީވެސް އަންނާނީ ހަމަ ބާރަށްކުރިއަށެވެ. އެއާއި އެއްވަރަށް ފައިތިލަ ހަމަކުރަމުންއަންނައިރު ތިމާއަށް ތިމާ އޮޅިދާނެފަދަ ބޮޑާކަމާއި ތިމާއަކީ ކީއްކުރަން ދުނިޔެއަށް އައިސްއުޅޭ މީހެއްކަން ހަނދާން ނެތިއްޖެނަމަ އާބާދުވުމުގެ ބަދަލުގައި ބަރުބާދުވުން އޮންނާނީ ހަމަ ފައިތިލައިގަ ޖެހިފައިކަން ވިސްނައިގެން ކުރިއަށްދާށެވެ. ބުއްދިވެރިއަކަށް ވެވޭނީ ނަތީޖާއަކާއި ކުރިމަތިލާން ޖެހުމުގެ ކުރިން ތައްޔާރުވެ ހުރެގެނެވެ. ޓެކްނޮލޮޖީއަށް ފައިހަމަކުރާއިރު އަތުންފައިން ވެސް ކަންކަން ކުރާން ފަރިތަވުން އެއީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް