އެސްޓީއޯ އިން ވިއްކާ އިލެކްޓްރޯނިކްސް އާއި ކާބޯތަކެތީގެ ބާވަތްތައް މާލެއާ އެއް އަގެއްގައި ރަށްތަކުންވެސް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓް ހިދުމަތް ފަށައިފިއެވެ.
ރޯދަމަހާ ދިމާކޮށް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން މުޅި ރާއްޖެއަށް މިއަދު ތައާރަފުކޮށްފައިވާއިރު، 136 އެޖެންޓުން މިހާރު ވަނީ ރެޖިސްޓްރީ ވެފައެވެ. އެސްޓީއޯއިން މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އެޖެންޓުންނަށް ވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.
މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ޕީޕަލްސް ޗޮއިސް އޭޖެންޓުން ތައާރަފުކުރުމާއެކު އެ ކުންފުނިން އެތެރެކޮށް ވިއްކާ ސާމާނު ގަންނަން މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އެޖެންޓުން މިހާރު ތިބޭނެ ކަމަށެވެ.
އޭޖެންޓުން މެދުވެރިކޮށް މާލެއިން ސާމާނު ގަންނަން ލިބޭ އަގުގައި ރަށްރަށުންވެސް ލިބެން ހުންނާނެ ކަމަށާއި އޭގެ ސަބަބުން އެސްޓީއޯ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފައިދާވެގެން ދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
"އޭޖެންޓުން ތައާރަފުކުރުމުގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުން. ޕީޕަލްސް ޗޮއިސް އޭޖެންޓުންނަށް ހުޅުވާލީމަ ލިބުނު ތަރުހީބު ވަރަށް ބޮޑު. ވަރަށް ގިނަ ފަރާތްތަކުން ގިނަ ރިކުއެސްޓްތައް މިހާރުވެސް އާދޭ ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި އެ ފުރުސަތު ދެމުންދާނީ. އަޅުގަނޑުމެން ބޭނުން ނުވޭ މާ ބައިވަރު އޭޖެންޓުން އައިސް އޭޖެންޓުންގެ ވިޔަފާރިތަކަށް ގެއްލުންވާކަން،" އަމްރު ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސުޕަމާޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިމަހުގެ މެދުތެރޭގައި ހުޅުވިގެން ދާނެ ކަމަށާއި އެސްޓީއޯއިން އެތަނުގައި އެކި ވިޔަފާރިވެރިންނަށް ވިޔަފާރިކުރެވޭ ގޮތަށް ތަން ބަދަލުކޮށްފައިވާ ކަމަށެވެ.
އެސްޓީއޯ އިން ކުރިން ވަނީ ކާޑުގެ ބާވަތްތައް ވިއްކުމަށް ކާޑު އެޖެންޓުންނާއި ކޮންސްޓްރަކްޝަން އެޖެންޓުން ވެސް ތައާރަފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު