ޔުކްރޭނާއި ރަޝިޔާގެ އަރައިރުންތަކުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްސަބަބަކީ ކްރައިމިއާގެ މިލްކުވެރިކަމުގެ މައްސަލައެވެ. ޔޫރަޕުގެ ބައްރުގެ ތެރެއިން މުއްޔެއްގެ މިސާލުގައި ބްލެކްސީގެ ތެރެއަށް ނުކުމެފައިވާ ކްރައިމިއާގެ ބޮޑުމިނަކީ ހަތާވީސްހާސް އަކަ ކިލޯމީޓަރެވެ. އެއީ ކިހާވަރެއްގެ ބޮޑުމިނެއްތޯ ބަލަންޏާ ބައެއް ގައުމުތަކުގެ ސައިޒަށް ނިސްބަތްކުރަމާބަހީއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އުތުރު މެސެޑޯނިޔާއާއި ސްލޮވީނިޔާއާއި ސައިޕްރަސްއާއި ލަގްޒެމްބޯގަށްވުރެ ކްރައިމިއާ ބޮޑެވެ. އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިޒްރޭލާއި ލުބުނާނާއި ކުވޭތާއި ގަތަރަށްވުރެވެސް ކްރައިމިއާ މާބޮޑެވެ. ކްރައިމިއާގެ ވަށައިގެންކަހަލަ ގޮތަކަށް އޮތީ ބްލެކްސީއެވެ. ގުދުރަތީ ވަސީލަތްތަކުން ވަރަށްވެސް ބޮޑު މުއްސަނދިކަމެއް ލިބިގެންވާ ތަނެކެވެ.
ތާރީޚީގޮތުން ކްރައިމިއާ އަކީ ކޮންބައެއްގެ ތަނެއް ބާވައެވެ. އެތަނުގައި ކުރިން އުޅުނީ އަދި މިހާރު އުޅެނީ ކޮންބައެއް ބާވައެވެ. ކްރައިމިއާގެ ތާރީޚުގެ ކުރީގެ ސަފުހާތަކަށް ޖެހިލާއިރު އެއީ މުސްލިމް ރަސްރަސްކަލުން ރަސްކަން ކުރެެއްވި އިސްލާމީ ގައުމެކެވެ. އެތަނުގެ އަރަބި ނަމަކީ ގިރަމްއެވެ. މިއީ ތުރުކީ ނަމެކެވެ. މިހާރު އެކިޔާ ކްރައިމިއާގެ އަސްލަކީ ގިރަމްއެވެ. މާނަޔަކީ ކިއްލާއެވެ. ބަންދުވެފައިވާ ކޮށްޓެވެ. ކްރައިމިއާގައި އިހު އަޣުލަބިއަޔަތު އޮތީ ތުރުކީ ނަސްލުގެ މުސްލިމުންނަށެވެ. އިސްލާމީ ވަކި ރަސްކަމެއް ހިނގިޔަސް ކްރައިމިއާ އޮތީ އުސްމާނީ ޚިލާފަތަށް ވަފާތެރި ގައުމެއްގެ ގޮތުގައެވެ. ކްރައިމިއާގެ މިނިވަންކަން ގެއްލުނީ އުސްމާނީ ޚިލާފަތު ބަލިކަށިވެ ރޫސީވިލާތް ވަރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން 1784ގައި ރޫސީވިލާތުން ކްރައިމިއާ ހިފައި އެގައުމާ އެއްކޮށްލުމުންނެވެ.
އުސްމާނީ ޚިލާފަތުގެ ދަށުން ކްރައިމިއާ ވަކިވެ ރޫސީވިލާތުގެ ރަސްކަމުގެ ބައެއްގެ ގޮތަށް ބަދަލުވެގެންދިޔައީ މީގެ 238 އަހަރު ކުރިންނެވެ. ދިވެހި ތާރީޚުގެ ބައެއް ހާދިސާތަކަށް ނިސްބަތްކޮށްފައި ކިޔައިދެންޏާ ބުނަން ޖެހެނީ އެއީ ދޮންބަންޑާރައިންގެ ދަރިކަލުން ސުލްތާން ހަސަން ނޫރައްދީނުގެ ޒަމާންކަމުގައެވެ. އެހިސާބުން ފެށިގެން 1940ގެ އަހަރުތަކާ ހަމަޔަށްވެސް ކްރައިމިއާގައި އަޣުލަބިއްޔަތު އޮތީ ތުރުކީ ނަސްލުގެ މުސްލިމުންނަށެވެ. އެކަން ބަދަލުވީ ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ޖޯޒެފް ސްޓާލިން ވެރިކަން ކުރެއްވިއިރު އޭނާގެ އަމުރަށް ކްރައިމިއާއިން މުސްލިމުން ފައްސާލައި ރޫސީން ވަޒަންވެރިކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ތެރެއިންނެވެ. މިހާރު ކްރައިމިއާގައި އަޣުލަބިއްޔަތު އޮތީ ރޫސީންނަށެވެ. ތުރުކީ ނަސްލު ވަނީ ތިންވަނަޔަށް ވެއްޓިފައެވެ.
ސޯވިއެޓް ޔޫނިއަނަކީ ރަޝިޔާ އާއި އިތުރު އެހެން ސާދަ ޖުމްހޫރިއްޔާއެއް ހިމެނޭ ގޮތުން 1922 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމަޔަށް ދެމިއޮތް ސިޔާސީ އަދި އިދާރީ ވަރުގަދަ ޔޫނިއަނެކެވެ. ރަޝިޔާގެ އިތުރުން ޔުކްރޭނަކީވެސް އެ ޔޫނިއަންގައި ހިމެނުނު ޖުމްހޫރިއްޔާއެކެވެ. ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައިވެސް 1954 ގެ ނިޔަލަށް ކްރައިމިއާ އޮތީ ރަޝިޔާގެ ސަރަހައްދެއްގެ ގޮތުގައެވެ. އެތަނުގެ މައްޗަށް އޮތީ ރަޝިޔާގެ ސިޔާދަތީ ބާރެވެ. ސޯވިއެޓް ޔޫނިއަނުގައި ޖޯޒެފް ސްޓާލިން ވެރިކަން ކުރެއްވީ 1922 ވަނަ އަހަރުން ފެށިގެން 1953 ގައި އޭނާ އަވަހާރަވުމާ ހަމަޔަށެވެ. ސްޓާލިންއަކީ ރޫސީއެއް ނޫނެވެ. އެއީ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު 15 ޖުމްހޫރިއްޔާގެ ތެރެެއިން ޖޯޖިޔާއޭ ކިޔުނު ޖުމްހޫރިއްޔާއަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ.
ޖޯޒެފް ސްޓާލިންގެ 31 އަހަރުގެ ވެރިކަމުގައި ކްރައިމިއާއަކީ އޭނާގެ ވަރަށް ޚާއްސަ ސަރަހައްދެކެވެ. އެސަރަހައްދު ރޫސީކުރުމާއި ނަސްރާނިއްޔަ ކުރުމަށް އެހައިބޮޑު އިސްކަމެއް ދެވުނީ އެހެންވެގެންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޔޫރަޕު ބަހައިލާނެ ގޮތަކާއިމެދު ސޯވިއެޓް ޔުނިއަންގެ ވެރިޔާ ޖޯޒެފް ސްޓާލިން އާއި އެމެރިކާގެ ރައީސް ފްރޭންކްލިން ރޫޒްވެލްޓާއި އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް 1945ގެ ފެބްރުއަރީ މަހު ބޭއްވެވި މަޝްހޫރު ޔޯލްޓާ ކޮންފަރެންސް އޮތީވެސް ކްރައިމިއާގައެވެ. ކްރައިމިއާގެ ސަހަރެއްކަމުގައިވާ ޔޯލްޓާގައެވެ. އެތަނުގައި މި ކޮންފަރެންސް ބޭއްވުމުގެ ސިއްރަކީވެސް ސްޓާލިންގެ ހިތްޕުޅުގައި ކްރައިމިއާއަށް ދެވިފައިއޮތް މަތިވެރި މަގާމެވެ. އެހެންނަމަވެސް 1953ގައި ސްޓާލިން އަވަހާރަވުމާއެކު ކްރައިމިއާގެ ދަރަޖަ ބަދަލުވެގެން ހިނގާއްޖެއެވެ.
ޖޯޒެފް ސްޓާލިން އަވަހާރަވީމާ ދެން ސޯވިއެޓް ޔޫނިއަންގެ ވެރިކަމަށް ވަޑައިގެންނެވީ ނިކީޓާ ކްރުޝްޗޮފެވެ. އެއީ ނަސްލީގޮތުން ރޫސީއެކެވެ. އެކަމަކު ކަމުން ޔުކްރޭނިއަނެކެވެ. ބޮޑުފުޅުވީ ޔުކްރޭނުގައެވެ. ވެރިކަމަށް ވަޑައިގެންފައި އެންމެ ފުރަތަމަވެސް ކްރުޝްޗޮފް ކުރެއްވި އެއްކަމަކީ ރަޝިޔާގެ ހުކޫމަތުގެ ދަށުން ކްރައިމިއާ ވަކިކުރައްވައި އިދާރީގޮތުން ޔުކްރޭނުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީއެވެ. މިކަމެއް އޭނާ ކުރެއްވީ 1954 ގައެވެ. އޭރު ރަޝިޔާއަކީވެސް އަދި ޔުކްރޭނަކީވެސް ސޯވިއެޓް ޔޫނިއަން ކަމަށްވެފައި މިބަދަލަކީ ފަހުން ނަތީޖާ ހިތިވެދާނޭ ބަދަލެއްކަން އެކެއްގެ ވިސްނުމަކަށްވެސް ގެނެވިފައެއް ނުވެއެވެ. އޭރުގެ ވިސްނުމަކީ ސޯވިއެޓް ޔޫނިއަން ދާއިމަށް ދެމިގެންދާނެ ކަމުގެ ވިސްނުމެވެ.
އިދާރީގޮތުން ޔުކްރޭނުގެ ބައެއްކަމުގައި ކްރައިމިއާ ހެއްދެވުމުގައި ކްރުޝްޗޯފްގެ ދެ މަގުސަދެެއް އޮތެވެ. އެއް މަގުސަދަކީ ޔުކްރޭނަށް ހަދިޔާއެއް ކުރެއްވުމެވެ. އަނެއް މަގުސަދަކީ ސްޓާލިންގެ އަސަރާއި ސިޔާސަތަށް ގޮން ޖެއްސެވުމެވެ. ކްރުޝްޗޯފްގެ މި ނިންމެވުން ބަދަލުކުރެއްވުމަށް އޭނާގެ ފަހުން ސޯވިއެޓް ޔޫނިއަންގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުން މަސައްކަތް ނުކުރެއްވުމުގެ ސިއްރެއްވެސް އޮތެވެ. ކްރުޝްޗޯފަށް ފަހު ވެރިކަމަށް ވަޑައިގަތީ ލިއޮނިޑް ބްރެޒިނޭފެވެ. އެއީވެސް ޔުކްރޭނުގައި ބޮޑުފުޅުވި ބޭފުޅެކެވެ. އޭގެފަހުން ވެރިކަމަށް ވަޑައިގެންނެވި ކޮންސްޓެންޓިން ޗެރްނެންކޯ އާއި މިޚާއިލް ގޮރްބަޗޯފް ނިސްބަތްވެވަޑައިގަންންވަނީވެސް ޔުކްރޭނަށެވެ. ސޯވިއެޓް ޔޫނިއަން 1991ގައި ރޫޅިގެންދިޔައިރު ވެރިކަމުގައި ހުންނެވީ ގޮރްބަޗޯފެވެ. އެހެންވީމާ އެނިންމުން ބަދަލުނުވެ އެގޮތަށް ދެމިއޮތީއެވެ.
ސޯވިއެޓް ޔޫނިއަން ރޫޅިގެންގޮސް އެ ޔޫނިއަނުގެ ފަނަރަ ޖުމްހޫރިއްޔާ ވަކިވަކި މިނިވަން ގައުމުތަކެއްގެ ގޮތުގައި ދުނިޔޭގެ ސަފަށް ނުކުތްއިރު ޔުކްރޭނުވެސް އޭގެތެރޭގައި ހިމެނިގެން ހަށިފޮޅައިލިއިރު ކްރައިމިއާ އޮތީ އިހު ބުނެވުނު މަގުން ޔުކްރޭނުގެ ބައެއްގެ ގޮތުގައެވެ. އެހެންވީމާ ބައިނަލްއަގުވާމީ ގާނޫނުތައް ބުނަނީ އެއީ ޔުކްރޭނުގެ ތަނެއް ކަމުގައެވެ. މިކަން މިހެން އޮތަސް ރަޝިޔާއަކުން އެކަން ގަބޫލެއް ނުކުރެއެވެ. ރަޝިޔާއިން ގަބޫލުކުރަނީ އެއީ ރަޝިޔާގެ ބައެއް ކަމުގައެވެ. ދެ ގައުމުގެ ކޯޅުމެއްގެ ތެރެއިން 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ކްރައިމިއާ ހިފައި އަލުން ރަޝިޔާއާ އެއްކޮށްލުމުގެ ސިއްރަކީ އެއީއެވެ. ކޮންމެއަކަސް އެއީ މިލްލުވެރިކަމުގެ މައްސަލަ އުފެދިފައިވާ ސަރަހައްދެކެވެ. އެ މައްސަލަ ހައްލުކުރެވޭނެކަމަށް ފެންނަނީ ސުލްހަވެރި ގޮތަކުންނެވެ. މަޝްވަރާގެ އުސޫލުންނެވެ.