އއ. ތޮއްޑޫގެ ދަނޑުބިންތަކާއި އެ ރަށުގެ އެކި ހިސާބުތަކުގައި އަލިފާން ރޯކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި އަލިފާން ރޯކުރަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާތީ މިމަހުގެ ތިންވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އެމީހުންގެ ބަންދަށް ދެ ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ރަށުތެރޭގައްޔާއި ދަނޑުބިންތަކުގައި ރޯކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އެ ދެ މީހުންނެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯކޮށް ގެއްލުންދޭ މައްސަލަ ވަނީ ބޮޑުވެފައެވެ.