އެމްޑީޕީގެ އައްޑޫ ސިޓީގެ މެންބަރުންގެ މެދުގައިވެސް އެންމެ ބޮޑަށް އޮތް މާޔޫސްކަމަކީ ޕާޓީ ރަނގަޅަށް ނުހިންގުމުގެ ޝަކުވާ ކަމަށާއި އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގެ މެޖޯރިޓީ ނެގޭނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ކެންޑިޑޭޓް، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ އެންމެ ވާދަވެރި ކެމްޕޭނަކަށް ވެފައިވަނީ ޗެއާޕާސަން ކަމުގެ މަގާމެވެ. ފައްޔާޒް އަދި އޭނާގެ ޓީމު އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ އިއްޔެރޭގެ ވަގުތެއްގަ އެވެ. މި އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ އަނެއް ކެންޑިޑޭޓް، އެމްޑީޕީގެ ކުރީގެ ތަރުޖަމާނު، އިމްތިޔާޒް ފަހުމީ އަދި އޭނާގެ ކެމްޕޭން ޓީމް ވެސް ތިބީ އައްޑޫ ސިޓީގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންިތހާބުގެ ކެމްޕޭން ފޯރި ގަދަވެފައި މި ވަނީ، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އިބްރާހީމް މުހައްމަދު ސޯލިހު ތަފާތު ދެ ކެންޑިޑޭޓަކަށް ތާއީދު ކުރަވާތީ އެވެ. ފައްޔާޒަށް ތާއީދުކުރައްވާކަން ރައީސް ސޯލިހު ފާޅުގައި އިއުލާނު ނުކުރެއްވެވި ނަމަވެސް، ފައްޔާޒަގެ ފަހަތުން ފެންނަ ޓީމަށް ބަލާއިރު އެއީ އިބޫގެ ޓީމުކަން އެނގެ އެވެ. ހަމަ އެފަދައިން، ކެންޑިޑޭޓް އިންތިގެ ފަހަތަށް އަރާފައިވާ ޓީމަށް ބަލާއިރު އެއީ ރައީސް ނަޝީދުގެ ޓީމުކަން އެނގެ އެވެ.

މި ވަގުތުވެސް އައްޑޫ ސިޓީގައި ހުންނެވި ފައްޔާޒަށް "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އައްޑޫ ސިޓީގެ މެންބަރުންގެ ވެސް ހުރީ ރާއްޖޭގެ އެހެން ސަރަހައްދުތެކެކޭ އެއް ފަދައިން، އެއް ޝުއޫރުތަކެއް ކަމަށާއި ޖުމުލަގޮތެއްގައި ހުރީ އެއް ޝަކުވާތަކެއް ކަމަށެވެ.

"މައިގަނޑުގޮތެއްގަ މިހުންނަނީ އެއް ޝަކުވާއެއް. އެންމެ ބޮޑު ދެކަމެއްގެ ގޮތުގައި މި ފާހަގަވަނީ ޕާޓީ އެކަށީގެންވާ ގޮތެއްގަ ރަނގަޅު ސްޕީޑެއްގަ ނުހިންގުން، ޕާޓީގެ ހަރަކާތްތައް ހުއްޓިފަ އޮތުން. ދެން އެންމެ ބޮޑު މައްސަލަޔަކީ ޕާޓީއާއި ޕާޓީގެ ގޮފިތަކާއި އާންމު މެންބަރުންނާ ދެމެދު އެއްވެސް ގުޅުމެއް ނެތުން. މި އިހުސާސްތައް، މި ޝަކުވާތައް އައްޑޫ ސިޓީގެ މެންބަރުންގެވެސް ވަރަށް ބޮޑަށް އެބައޮތް." ފައްޔާޒް ފޯނުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އައްޑޫ ސިޓީގެ މެންބަރުންނަކީ ޕާޓީ ރަނގަޅަށް ބާރު ސްޕީޑުގައި ހިންގާލަން އަބަދުވެސް ބޭނުންވާ ބައެއް ކަމަށާއި ޕާޓީ އުފެދުނީއްސުރެވެސް އެކަން އޮތީ އެހެން ކަމަށެވެ. އެހެންކަމުން، ޕާޓީ ހުއްޓިފައި އޮތުމަކީ، އަދި ގުޅުން ކެނޑިފައި އޮތުމަކީ އެމެންބަރުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒްގެ ޓީމު އައްޑޫ ސިޓީއަށް ވަޑައިގަތުމުން، އެއާޕޯޓުން ވެސް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ފައްޔާޒްގެ މި ކެމްޕޭން ދަތުރުގައި، ދާދި ފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ހޮވިވަޑައިގެންނެވި، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް އާއި މަޖިލީހުގެ އިތުރު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަސްލަމް ވަނީ ފައްޔާޒަށް ތާއީދު ކުރެއްވި ކަން އިއްޔެގެ ވަގުތެއްގައި ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ.

"ހިންގާލަން" ޝިއާރުގެ ދަށުން ފައްޔާޒްގެ ކެމްޕޭން ކުރިޔަށް ގެންދާއިރު، އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވައިފަ އެވެ. އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރުވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. ފައްޔާޒްގެ ޓީމު އައްޑޫ ސިޓީއަށް ވަޑައިގަތުމުން، ގަން އެއާޕޯޓުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ މޭޔަރު އަލީ ނިޒާރު އެވެ. އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހަތް މެންބަރުންގެ ތެރެއިން، ފަސް މެންބަރަކު ތިއްބެވީ ފައްޔާޒްގެ ފަޅީގައެވެ. އެއީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތިއްބެވީ އިމްތިޔާޒް ފަހުމީގެ ޓީމުގަ އެވެ.

މި ކެމްޕޭނަކީ، ރިޔާސީ އިންތިހާބުގެ ކުރީން، އެމްޑީޕީގެ އެތެރޭގެ ސަޕޯޓް އޮތީ ކާކަށްތޯ ބެލުމަށް ކޮށްލެވޭ އެންމެ ވަރުގަދަ ޓެސްޓަށް ވެގެން ދާނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.