(25 ފެބުރުއަރީގެ އަދަދާ ގުޅޭ)

ކީރިތި ޤުރްއާނުގައި މަރިޔަމް ޢަލައިހިއްސަލާމާ ބެހޭގޮތުން ފުރިހަމަ ސޫރަތެއް އޮތްއިރު އަނެއްކޮޅުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ އެންމެ ލޮބުވެތި އަނބިކަނބަލުން އައްސައްޔިދާ އާއިޝާ ރަޟިޔަﷲ ޢަންހާ އާއި، އިތުރު ސާހިބާގެ ނުހަނު ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަރުހާ ރަޟިޔަﷲ ޢަންހާ ގެ ނަންފުޅުވެސް ކީރިތި ޤުރްއާނުގައި އައިސްފައެއްނުވެއެވެ. މި ޙަޤީޤަތުން ކީރިތި ޤުރްއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަމިއްލަފުޅަށް ލިޔުއްވައިފައިވާ ފޮތެއް ނޫންކަން އެނގެއެވެ.

ފެށުނީއްސުރެ އިސްލާމްދީނުގެ ދުޝްމަނުން ކީރިތި ޤުރްއާނަކީ މުޙައްމަދު ޞައްލައްﷲ ޢަލައިހިވަސައްލަމަ އަމިއްލަފުޅަށް ލިޔުއްވި ފޮތެއްކަމުގައި ބުނެ ބޮޑުސިންގާ ބުހުތާނު ދޮގެއް ހަދަމުން ގެންދިއުމާއެކުވެސް މެއެވެ. ކީރިތި ޤުރްއާނުން އަޅުގަނޑަށް ވަނީ ޢީސާ ޢަލައިހިއްސަލާމުގެ ނަންފުޅު ފަންސަވީސް ފަހަރަށް ފެނިފައެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަންފުޅު ޤުރްއާނުގައި އައިސްފައިވަނީ އެންމެ ފަސްފަހަރުއެވެ.

އަޅުގަނޑު ކުރީން ހީކޮށްގެން ހުރީ ކީރިތި ޤުރްއާނަކީ ސާދަޤަރުނުކުރީގެ ޢާންމު ފޮތެއް ކަމުގައެވެ. އެފޮތުގައި ހުންނާނީ ސަހަރާގެ ދިރިއުޅުމާއި، އާދަކާދައާ ބެހޭ އާދައިގެ ވާހަކަތަކެއް ކަމުގައެވެ. ނަމަވެސް އެފޮތް މުޠާލިޢާކުރުމުން އަޅުގަނޑަށް އެނގުނީ އެފޮތަކީ ޢިލްމީ މައްސަލަތަކާއި، ތާރީޚީ ޙަޤީޤަތްތަކާއި، ޣައިބުގެ ޢިލްމުގެތަކުގެ އައްސޭރިއެއް ހޯދައިނުގަނެވޭނެފަދަ މާސިންގާ ފުންކަނޑެއްކަމެވެ. ޤުރްއާނުގައި ވާހައި ގިނަ ޢަދަދަކަށް، އެފަދަ ތަފްޞީލީ ގޮތެއްގައި، ޢިލްމީ މައްސަލަތަކާއި ދަލީލުތައް ގެނެސްފައިވާ އެހެން ޢިލްމީ ފޮތެއް ދުނިޔެއަކު ނުވެއެވެ. އިސްލާމްދީން އުނގެނުމާއި ދިރާސާކުރުމުގެ ފަރާތަށް އަޅުގަނޑުގެ ސަމާލުކަން އަނބުރައިލީ މިޙަޤީޤަތްތަކެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވައިފައިވާ ތިރީގައި މިބަޔާންކުރާ އާޔަތުގެ މައްޗަށް އަޅުގަނޑު ވިސްނައި ފިކުރު ހިންގިވަރަކަށް އަޅުގަނޑުގެ ބޯ މައްޗަށް ދިޔައީ ޙައިރާންކަމުގެ ފަރުބަދަތައް ކުދިކުދިވަމުންނެވެ.

"ފަހެ ޤުރްއާނާމެދު އެބައިމީހުން ވިސްނައި ފިކުރުނުކުރަނީ ހެއްޔެވެ؟ އެޤުރްއާނަކީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައި ވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެބައިމީހުންނަށް ފެނުނީހެވެ." (އައްނިސާއު: 82)

އާދެ އެއާޔަތުގައި ވަނީ ތަރައްޤީވެފައިވާ މިޒަމާނުގެ ޢިލްމީ އަސާސީ އުޞޫލުތަކުގެ ތެރެއިން އެއް އުޞޫލެއްގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެ އުސޫލަށް އަޅުގަނޑުމެން މިޒަމާނުގައި ދީފައިވާ އިޞްތިލާޙީ ނަމަކީ ދަލީލުތަކުން ސާބިތުނުވާހައި ހިނދަކު ސައިންޓިފިކް ނަޒަރިއްޔާތަކުގައި ކުށްހުރުމުގެ އެކަށޭނަކަން އޮތުން، މިނަމެވެ. އަޅުގަނޑު ޙައިރާންވެ އަންތަރީސްވީ ކީރިތި ޤުރްއާނުގައި މުސްލިމުން ފިޔަވައި ޣައިރު މުސްލިމުންނަށްވެސް ޤުރްއާނުން ކުށެއް ހޯދައިގަތުމަށް ދަޢުވަތު ދެއްވައިފައިވާތީއެވެ. އެބައިމީހުންނަށް ފަހަރެއްގައިވެސް ޤުރްއާނުން ކުށެއް ހޯދައިނުގަނެވޭނެކަމަށް އަންގަވައި ގޮންޖައްސަވައިފައިވާތީއެވެ. މިއީ ކީރިތި ޤުރްއާނުގައިވާ މުޢުޖިޒާތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުޢުޖިޒާއެވެ. މިކާއިނާތުގައިވާ އެއްވެސް މުޞައްނިފަކަށް އެމީހަކު ލިޔުނު ފޮތަކާމެދު މިފަދަ ވަރުގަދަ ދަޢުވާއެއް ކުރާކަށެއް ނުކެރޭނެއެވެ. އެއްވެސް މީހަކަށް އެފަދަ ޔަޤީންކަމާއި އިތުބާރާއެކު ތިމަންގެ ފޮތްވަނީ ކުށުން އެއްކިބާވެގެންނެކޭ ނުބުނެވޭނެއެވެ. ނަމަވެސް ކީރިތި ޤުރްއާނުގައިވަނީ އެންމެހައި އިންސީންނާއި ޖިންނީން ބައިވެރިވެގެން އެފޮތުން ކުށެއް ހޯދަން މަސައްކަތްކުރި ކަމުގައިވިޔަސް އެކަމުގައި ކާމިޔާބު ނުވާނެ ކަމުގައި ވަޙީކުރައްވައި ގޮންޖައްސަވައިފައެވެ. މިހުރާ ސަބަބުތަކެއްގެ ޚުލާޞާއަކީ ކީރިތި ޤުރްއާނުގެ ޢިލްމީ ޙަޤީޤަތްތަކާމެދު އަޅުގަނޑު ހަމައެކަނި ޙައިރާންވެ އަންތަރީސް ކުރުވުމެއްނޫނެވެ. އަދިކީއްތޯއެވެ؟ އަޅުގަނޑުގެ ހިތުގައި ހިދާޔަތުގެ ދަންމަރު ދިއްލޭންފެށުމެވެ. ތިރީގައި މިބަޔާންކުރާ މާތްﷲ ގެ އަމުރުފުޅާމެދުވެސް އަޅުގަނޑު ވަރަށް ގިނަ ދުވަސްތަކެއްވަންދެން ވިސްނައި ފިކުރުކުރީމެވެ.

"ހަމަކަށަވަރުން އުޑުތަކާއި ބިން އެކަތިގަނޑަކަށް ވެފައިވަނިކޮށް ފަހެ ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން ކާފިރުވިމީހުން ނުދަންނަނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެބައިމީހުން އީމާންނުވަނީހެއްޔެވެ؟" (އަލްއަންބިޔާއު: 30)

މިމާތް އާޔަތުގައި އިޝާރާތްކުރައްވައިފައި އެވަނީ މިޒަމާނުގެ ސައިންސް ޤަބޫލުކޮށް އިޢުތިރާފްވެފައިވާ ޙަޤީޤަތެއްގެ މައްޗަށެވެ. މިހޯދުމަށް 1973 ގައި ވަނީ ނޮބެލް އިނާމު ދެވިފައެވެ.

މިމާތް އާޔަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން އަޅުގަނޑުމެންގެ މިކާއިނާތު އުފެދިގެން އައީ ވަރަށް ބޮޑު ގޮވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކާއިނާތުގައި އުޑާއިބިންވެސް އެކުލެވިފައިވެއެވެ. މިއާޔަތުގައި ޞަރީޙުކޮށް ބަޔާންކުރައްވައިފައިވާ ގޮތުގައި އެންމެ ކުރިން މިކާއިނާތު އޮތީ ގުޅިފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. އެއަށްފަހު ވަކިވެގެން ދިޔައީއެވެ. މީގެ އިތުރަށްވެސް އިސްލާމްދީނާމެދު އަޅުގަނޑުގެ ހިތަށް ކަށަވަރުކަމާއި ޔަޤީންކަން ލިބިގެން ދިޔަ ވަރަށް ގިނަ މަންޠިޤީ ދަލީލުތަކެއްވެއެވެ.

ނުލަފާ ފިތުނަވެރީންގެ ބައެއް މީހުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވައިފައިވާ ގޮތުގައި އެކަލޭގެފާނު ވަނީ ޝައިޠާނީ "ވަޙީން" ފައިދާ ހޯއްދަވައިފައެވެ. އެބުހުތާން ވެސް ކީރިތި ޤުރްއާނުގައި ޚާއްޞަގޮތެއްގައި ވަނީ ދޮގުކުރައްވައިފައެވެ. އާދެ، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އެޤުރްއާން ގެނެސްދިނީ ޝައިޠާނުންނެއްނޫނެވެ. އަދި އެއީ ޝައިޠާނުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި އެޝައިޠާނުންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. ހަމަކަށަވަރުން އެޝައިޠާނުންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވައިފައިކަން ކަށަވަރެވެ." (އައްޝުޢަރާއު: 210،211،212)

ހަމައެފަދައިން ކީރިތި ޤުރްއާނުގައިވަނީ އެޤުރްއާން ކިޔަވާއިރު ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކުރެވުން އެދި ދުޢާކުރުމަށް ހިދާޔަތު ދެއްވައިފައެވެ. އަރަހުށި މާތްﷲ އަންގަވައިފައިވެއެވެ.

"ފަހެ ކަލޭގެފާނު ޤުރްއާން ކިޔަވާވިދާޅުވާނަމަ، ފަހެ ރަޙްމަތުން ބޭރުކުރައްވައިފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި ﷲ ގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ!" (އައްނަޙްލު: 98)

އާދެ ކީރިތި ޤުރްއާނަކީ ޝައިޠާނާގެ ވަޙީކަމުގައިވިނަމަ ޤުރްއާން ކިޔަވާއިރު ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކުރެއްވުން އެދި ދުޢާ ކުރަން އެވަޙީގައި އަމުރު ކުރެއްވީސް ހެއްޔެވެ؟ ނުވަތަ ޝައިޠާނާ އޭނާގެ ވަޙީގެ މައްޗަށް އެކުލެވޭ ފޮތެއްގައި މިފޮތް ކިޔަވާއިރު އަހަރެންގެ ނުބައިކަމުން ސަލާމަތް އެދި ދުޢާކުރާށޭ އެންގީސް ހެއްޔެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބޮޑުބޭބެ އަބޫލަހަބު އޭނާގެ މުޅި ޙަޔާތް ވޭތުކޮށްލީ އިސްލާމްދީނާ ދުޝްމިނުކަމުގައެވެ. އެހެންކަމުން އަބޫލަހަބު މަރުވުމުގެ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ކުރިން ކީރިތި ޤުރްއާނުގައި އަރަހުށި މާތްﷲ އޭނާއާ ބެހޭގޮތުން ނުހަނު ޞަރީހަ ބަސްފުޅުން ސޫރަތެއް ބާވައިލެއްވިއެވެ.

އެސޫރަތުގައި އަބޫލަހަބު އާއި، އޭނާގެ އަނބިކަނބުލޭގެއަކީ ކަނޑައެޅިގެންހުރި ނަރަކަވަންތަވެރީންކަން ބަޔާންކުރައްވައިފައިވެއެވެ. އެސޫރަތް ބާވައިލެއްވުމާއި، އަބޫލަހަބު މަރުވުމާ ދެމެދު ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ސުމާރެއް ނެތްހައި ގިނަ މީހުން އިސްލާމްވިއެވެ. ނަބަވީ އިރްޝާދާއި ތަރްބިއްޔަތުގެ ދާއިރާއަށް ވަދެފައިވެއެވެ. އަބޫލަހަބަށް އިސްލާމްދީނާއި ކިރިތި ޤުރްއާން ދޮގުކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައި އޮތެވެ. އޭނާ ބޭރުފުށުން އިސްލާމްކަން އިޢުލާންކުރިކަމުގައިވީނަމަވެސް ޤުރްއާނުގެ ދަޢުވާ ދޮގުކަން ސާބިތުވީހެވެ. ނަމަވެސް އޭނާއަކަށް އެގޮތަކަށް އެކަމެއް ނުކުރެވުނެވެ. ޝައްކެއްނެތްގޮތުގައި މިއީ ކީރިތި ޤުރްއާނަކީ މާތްﷲ ބާވައިލެއްވި ފޮތެއްކަމުގެ ވަރަށް ބުރަދަން ހުރި ދަލީލެކެވެ.

އިސްވެދިޔަ ޙަޤީޤަތްތައް ސާބިތުކޮށްދެނީ ކީރިތި ޤުރްއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަމިއްލަފުޅަށް ލިޔުއްވައިފައިވާފޮތެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ ޣައިބު ދެނެވޮޑިގެންވާ ހުސްޠާހިރުވަންތަ މާތްﷲ ގެ ޙަޟުރަތުން އައިސްފައިވާ ވަޙީކަމެވެ. އަބޫލަހަބުގެ އެންމެ ފަހުގެ މަންޒިލަކަށް ވާނީ ނަރަކަކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭނާ ފަހަރެއްގައިވެސް އިސްލާމެއްނުވާނެކަން އެކަލާންގެ ޢިލްމުފުޅުގައިވެއެވެ. އަރަހުށި މާތްﷲ އެކަލާނގެ ވަޙީގެ ޒަރީޢާއިން އެކަން ނޭންގެވިނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަކަށް އަބޫލަހަބުގެ ނިމުން އަންނާނެ ގޮތެއް ކަނޑައެޅިގެން އެނގިވަޑައެއް ނުގަތީހެވެ. އެކަލޭގެފާނަށް ވަޙީ ލިބިވަޑައިނުގަންނަވާނަމަ ދިހައަހަރުވަންދެން އެސޫރަތާމެދު އެހައިބޮޑު އިތުބާރަކާއި ޔަޤީންކަމެއްގައިވެސް ނުހުންނެވުނީހެވެ.

(ނިމުނީ)