ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރަހުމަތްތެރިންގެ ނަމުގައި ވެސް ގުޅައިގެން ފައިސާ ހޯދުން އާންމުވެއްޖެއެވެ.
އެކަން ފާހަގަކޮށް ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކިތަންމެ ހެޔޮހިތަކާ އެކު ނަމަވެސް، ނުދަންނަ މީހުންނަށް ފައިސާ ފޮނުވުމުގެ ކުރިން އެކަން ކަށަވަރު ކުރުން ވަރަށް މުހިންމު ކަމަށާއި އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
އެފަދަ ކޯލުތައް އަންނަނީ ނުދަންނަ ނަމްބަރުތަކުންނެވެ. ނަމަވެސް ވާހަކަދައްކަނީ ދަންނަ ރައްޓެއްސެއްގެ ނަން ބޭނުންކޮށްގެންނެވެ. އެގޮތަށް ގުޅައި އެދެނީ ބޮޑު ކަމެއް ޖެހިގެން ފަހުން ދޭ ގޮތަށް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.
"ހެލޯ. މިއީ އައްމަޑޭ. ވަރަށް ދުވަސްކޮށްފައި މި ގުޅާލީ ވެސް އެހެން ނަންބަރަކުން. މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ސާޖަރީ އެއް ކުރަން ޖެހޭތީ ލާރިކޮޅެއް ބޭނުންވެގެން. ވަރަށް އަވަހަށް ރިޓާންކުރާ ގޮތަށް ދީބަލަ ލާރިކޮޅެއް. ވަރަށް އަވަހަށް ރިޓާންކުރާނަން އިނގޭ! މި ފޮނުވާލަނީ އެކައުންޓް ނަންބަރު. ޓްރާންސްފާކޮށްލާ."
މިއީ މިހާރު އާންމު ކޯލްތަކެކެވެ. ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގެއެވެ. އެކަމަކު އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އެކަން އެނގޭ ހިސާބުން އެ ގުޅި ނަމްބަރަށް ގުޅާއިރު ފޯނު އޮންނަނީ ނިއްވާލައިފައެވެ.
ބީއެމްއެލުން ބުނީ އެފަދަ މައްސަލަތައް ރިޕޯޓުކުރަން ބޭންކަށް ގުޅާ އިރު، އެ ފައިސާ ފޮނުވި އެކައުންޓުގައި ފައިސާއެއް ނުހުންނަ ކަމަށާއި އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއްވެސް ނޯންނަ ކަމަށެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން އެކި އަދަދުން ފައިސާ ހޯދާ މިފަދަ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ފެންމަތިވާ ކަމަށާއި އޭގެން ކޮންމެ މައްސަލައަކަށް ބަލައިލާއިރު ވެސް އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލަ ކަމަށް ބީއެމްއެލުން ބުނެއެވެ.
އެފަދަ މައްސަލަތަކާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިފަދަ ގޮތްގޮތަށް، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް އެކިގޮތްގޮތަށް ހިންގަމުންދާ ކަމަށެވެ.
"އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުން އާދޭ. މިގޮތުން ކުރީގެ ރައްޓެއްސެއް ކަމަށް ބުނެ އޮޅުވާލާ. ސަޕްލައިކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅާ. އަދި ބޭންކުގެ ނަމުގައިވެސް ގުޅާ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އަދި އެކި ވާހަކަތައް ދައްކައި އިތުބާރު ހޯދުމަށްފަހު އާޚިރުގައި މި އަތުލަނީ ފައިސާ. ޓްރާންސްފާ ކުރުވައިގެންނާއި ބައެއް ފަހަރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުވައިގެން،" އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް އިތުރުވީ ނަމަވެސް، މައްސަލަތަކުގެ ހައްލު ވެސް އެބައޮތެވެ. އެއީ ހޭލުންތެރިކަން އިތުރުވުމެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަންވީއެވެ. ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތްތައް ބޭނުންކުރަންވީއެވެ.
ބީއެމްއެލުން އެދެނީވެސް އެފަދަ ކަންތައްތަކަށް އާންމުން ސަމާލުވުމަށެވެ. އަދި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށެވެ.
ބީއެމްއެލުން ބުނީ ކާކުކަން ނޭނގޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށާއި އެފަދަ މައްސަލަތަކަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރާ ކަމަށާއި ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އެދޭ ކަމަށް ބީއެމްއެލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު