ރާޢްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 1000 ދަރިވަރަކު ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މިއަހަރު ޖުމުލަ 770 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވި އިރު، 1000 ދަރިވަރުން މި ލޯނު ސްކީމަށް އެދިފައިވާ ކަމަށެވެ.

"މިއަދު މެންދުރު 13:30 އާ ހަމަޔަށް 1000 ފޯމު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބަށް އެދެން" އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ކިޔަވަމުން އަންނަ ކުދިންނަށް 471 ޖާގަ މި ލޯނުތަކުގެ ތެރެއިން ހާއްސަ ކޮށްފައިވާއިރު އަލަށް ކިޔަވަން ފަށާ ކުދިންނަށް 290 ޖާގަ ވަނީ ހާއްސަ ކޮށްފަ އެވެ.

ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރު ލޯން ސްކީމްގައި ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުން ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ދަރިވަރުން އުޅޭ ތަންތަނުގެ ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލަށް ކުރަމުން އަންނަ ހަރަދުތައް ކުރުމަށް މި ލޯނު ސްކީމުން ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ލޯނު ސްކީމްގައި އޯޕަން ކެޓެގަރީ ހިމަނާފައި ނުވާނެ ކަމަށް ވިދާޅުވަމުން ޑރ. ހަސަން ވިދާޅުވީ އޯޕަން ކެޓެގަރީގެ ބަދަލުގައި، ރާއްޖޭގައި ތައުލީމު ހާސިލުކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު މިއަހަރު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ލޯނު ސްކީމުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ހާއްސަކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ކުދިންނަށް 10 ޖާގައާއި މިހާރު ކިޔަވަމުން އަންނަ ކުދީންނަށް 10 ޖާގަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ހަސަން އިތުރަށް ވިދާޅުވީ މިއަހަރު ފުލް ފަންޑިން ގައުމުތައް އިތުރުކޮށްފައިވާނެ ކަމަށެވެ. މީގެތެރެއިން ދަރިވަރުން ބޭނުން ގައުމަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ފުލް ފަންޑިން ނުލިބޭ ގައުމުތަކަށް ދާނަމަ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރުން އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

މިއަހަރު ކިޔަވަން ދިޔުމަށް އިތުރު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕާއި މެދު އިރުމައްޗާއި ޕެސިފިކް ގައުމުތައް ހިމެނޭ ކަމަށާއި އަދި ސާކްގެ ގައުމުތަކުގެ އިތުރުން ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިއާ، ޔޫކްރެއިން، ރަޝިއާ، ކްރިގިސްތާން، ޗެކް ރިޕަބްލިކް، އަޒްބެޓާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑަނޭޝިއާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ، މޮރިޝަލް ހިމެނޭކަމަށް ޑރ. ހަސަން ވަނީ ވިދާޅުވެފަ އެވެ.

މިފަހަރުގެ ލޯން ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އަދި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފުތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރުވެސް ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެތެރެއިން ކިޔެވުން ފުރިހަމަ ކުރުމަށް އޮތް މުއްދަތު ކުރު ދަރިވަރުންނަށް އިސްކަން ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ލޯނަށް އެދި ހުށަހަޅާ ފުރަތަމަ ދެ ހަފުތާގައި ލޯނަށް އެދި ހުށަހަޅާ ފޯމުތައް ދިރާސާކޮށް ފުރިހަމަ ނުވެ ހުރެއްޖެ ނަމަ ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރުމަށް އެ ދަރިވަރަކަށް ފޮނުވޭނެ ކަމަށާއި ނަމަވެސް އެންމެ ފަހު ހަފުތާގައި ފޯމު ހުށަހަޅާ ދަރިވަރުންނަށް އެ ފުރުސަތު ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން އެ މިނިސްޓްރީން ދޭ މައުލޫމާތު ސެޝަނުގައި ހުރިހާ ދަރިވަރުންވެސް ބައިވެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.