ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރުމާއެކު އަލީ ވަހީދުގެ ޓުވިޓާ މެދުވެރިކޮށް ސަރުކާރަށް އިންޒާރު ދީފިއެވެ.
އަލީ ވަހީދު މައްޗަށް ކުރާ ދައުވާތަކަށް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ރެޑް ނޯޓިހެއް ނެރެފައިވާ ކަމަށާއި އެއާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް އިންޓަޕޯލުން އަލީ ވަހީދު ހޯދަން އަދި ރެޑް ނޯޓިހެއް އާއްމުކޮށްފައެއް ނުވެއެވެ.
އަލީ ވަހީދު ހޯދަން ނެރެފައިވާ ރެޑްނޯޓިހާ ގުޅިގެން ސަރުކާރަށް އިންޒާރު ދެމުން އޭނާގެ ޓުވިޓާ އެކައުންޓުގައި ބުނެފައިވަނީ ހައްގަށް ނަސްރު ލިބޭނެ ކަމަށާއި އޭނާ ފްރޭމްކޮށް ނުހައްގުން ދޭ އަނިޔާގެ ބަދަލު ހޯދާނެ ކަމަށެވެ. އަދި އޭނާގެ ކުށެއް ނެތްކަން ދުނިޔެއަށް ސާބިތުކޮށްދޭނެ ކަމަށާއި ސަރުކާރާ ދެކޮޅަށް އޭނާ ހުރި ހުރުން ގުޑުވައި ނުލެވޭނެ ކަމަށް ވެސް އަލީ ވަހީދު ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ބޭއިންސާފުގެ ކުރިމަތީގައި އަމާން ނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަ ކަކޫ ނުޖަހާނެ ކަމަށް ބުނެ އަލީ ވަހީދު ވަނީ ސަރުކާރަށް އިންޒާރު ދީފައެވެ.
ކުރިމިނަލް ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އެ އަމުރާ ގުޅިގެން އަލީ ވަހީދު އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ނަމަވެސް އަލީ ވަހިދު ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިހަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކުރިން ވިދާޅުވެފައެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ.
އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. މި މައްސަލައާ ގުޅިިގެން އަޑުބަރޭ މިހާރުދަނީ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.