ޚަބަރު

އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފި

މުހައްމަދު ޖަމްޝަތް ވަހީދު

ދައުލަތުން ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިއެވެ.

އަލީ ވަހީދު މައްޗަށް ކުރާ ދައުވާތަކަށް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ރެޑް ނޯޓިހެއް ނެރެފައިވާ ކަމަށާއި އެއާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް އިންޓަޕޯލުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިހެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.

ކުރިމިނަލް ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އެ އަމުރާ ގުޅިގެން އަލީ ވަހީދު އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

ނަމަވެސް އަލީ ވަހިދު ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިސްއަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކުރިން ވިދާޅުވެފައެވެ.

"އިންޓަޕޯލް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް. އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަކުންނެއް، އެމީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ބޭސް ފަރުވާކުރަން ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު އެ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ.

އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. މި މައްސަލައާ ގުޅިިގެން އަޑުބަރޭ މިހާރުދަނީ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.