ޔޫކްރެއިންގައި އެންމެ ފަހަށް ތިބި ނުވަ ދިވެހީން، އެގައުމުން ރައްކާތެރިކަމާއެކު ބޭރުވެ، ހަންގޭރީއަށް އެތެރެވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދިވެހި ދަރިވަރު އިއްޔެ މެންދުރު ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވް އަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ހާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކުގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމުގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފަ އެވެ. އެ ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރު ޝާހިދު ވަނީ ތައުރީފުކުރައްވާފަ އެވެ. ދަރިވަރުން ޔޫކްރެއިންގެ ހަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ހާލު ބައްލަވައި، އެދަރިވަރުންނަށް އޭނާ ވަނީ ހިތްވަރު ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.