ހިޔާ ފުލެޓު ސަރަހައްދުގައި ދެ ޕްރީ ސްކޫލު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ދެ ޕްރީ ސްކޫލު އަަޅަން ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ ހަ މަަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެ ސަރަހައްދުގައި ސްކޫލުތައް ނެތުމެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހުޅުމާލޭގައި ހަތަރު ސްކޫލެއް އެޅުމަށް ހިމަނާފައިވެއެވެ. އެގޮތުން އަމަލީ މަސައްކަތް ފަށާފައިވާ ސްކޫލަށް 9.9 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި އަލަށް ގާއިމުކުރާ ހަތަރު ސްކޫލަކަށް 19.6 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ހިޔާ ފުލެޓު ސަރަހައްދުގައި ދެ ޕްރީ ސްކޫލު އަޅަން އެސްޖޭއާ ހަވާލުކުރި އިރު، އެ ސަރަހައްދުގައި ގުރުއާން ކުލާހަކާއި ޓިއުޝަން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދުމަށް ވެސް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ.