މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށުން ވަކިކޮށް މި މަސްތެރޭގައި ވަކި ކުންފުންޏެއް ގޮތަށް ބަދަލުކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު "ވަން" އަށް ވިދާޅުވީ އެސްޓީއޯގެ ދަށުން ވަކި ވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާ، މި މަސްތެރޭގައި ވަކި ކުންފުންޏެއް ގޮތަށް މިފްކޯ ބަދަލު ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މަސްވެރިކަން ދަށްކޮށް ދިޔަ ދުވަސްތަކުގައި މަސްވެރިންނަށް އެހީވުމަށް ނަގާފައިވާ ލޯނުތަކާއެކު ކުންފުނީގެ ދަރަންޏަށް ބަދަލުތަކެއް އައިސްފައިވާނެ ކަމަށާއި ވަކި ކުންފުންޏެއް ގޮތަށް ބަދަލުކުރުމުން އެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ވެސް ފަސޭހަ ވެގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. .
"މިދިޔަ ދެ އަހަރަކީވެސް ވަރަށް ޗެލެންޖިން ދެ އަހަރު. އެ ހާލަތުގައިވެސް މަސްވެރިންނާ އެކު މިފްކޯ ކުރިއަށް ދިޔައީ ހަމަ ރަނގަޅު އަގުދީގެން. އެހެންވީމަ ދަރަންޏަށް ބަދަލުތަކެއް އައިސްފަ ހުންނާނީ. ދެން ސަރުކާރުން ވަކި ކުންފުންޏަކަށް ހެދީމަ އެއަށް (ދަރަނިތަކަށް) ކުރަން ޖެހޭ ކަންކަން ކުރާނެ." އިސްމާއިލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރު ބަދަލުކޮށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންގެ ލާބައާއި މަންފާއަށް ކުރައްވާ ކަންކަމުގެ ތެރޭގައި މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަންފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދުލްގައްޔޫމުގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އެކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާއަށް އަރާފައިވުމުން ދަރަންޏާ ސަރުކާރުން ހަވާލުވެ، މިފްކޯއަކީ ފައިދާ ނެރޭނެ ކުންފުންޏަކަށް ވާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު