މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ވަގަށް ނަގާފައިވާ ފައިސާ، މޯލްޓާގައި ހުންނާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަންނަވާއިރު އެ ފައިސާ ގެންނަވަން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވުން، މިރޭ މޯލްޓާއަށް ފުރާ ވަޑައިގަންނަވާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު މިރޭ މޯލްޓާއަށް ފުރާވަޑައިގަންނަވަނީ، ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް އަބްދުލްއަޒީޒު ސައުދު އަލްބަޑަން ކަލްޗަރަލް ފައުންޑޭޝަންގެ ބައްދަލުވުމަކަށް ކަމަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއެކު، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅަށްފަހު އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
އެކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވީ، މިގައުމުން ވަގަށް ނަގައިގެން މޯލްޓާގައި އަދީބު ބަހައްޓާފައި ހުރި ފައިސާ ހުރިތަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަންނަވާއިރު އެފައިސާ ގެންނަވަން ވާނެ ކަމަށްވެސް ވިދާޅުވިއެވެ.