ދުނިޔޭގެ އެކި ގައުމުތަކުގައި ތޭރަހާހަށްވުރެ ގިނަ ނިއުކުލިއަރ ވޯހެޑް އެބަހުއްޓެވެ. ވޯހެޑަކީ ބޮމެއްގެ ގޮތުގައި ބޭނުންކުރިއަސް، މިސައިލެއްގައި ހަރުކުރިޔަސް ނިއުކުލިއަރ ބާރުލިބިގެންވާ ބޮލެވެ. ދުނިޔޭގައި ހުރި މިފަދަ ނިއުކުލިއަރ ވޯހެޑުގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނައިން ހުރީ ރަޝިޔާ އާއި އެމެރިކާގައެވެ. ރަޝިޔާގައި ހުރިކަމަށް އެނގިފައިވަނީ 6255 ވޯހެޑެވެ. އެމެރިކާގައި 5550 ވޯހެޑެވެ. އެހެން ގައުމުތައް ތިބީ އަދަދުގެ ގޮތުން މާބޮޑަށްވެސް ފަހަތުގައެވެ. ލިސްޓުގެ ތިންވަނައިގައިވާ ޗައިނާގެ އަތުގައި ހުރިކަމަށް ބުނެވެނީ 350 ވޯހެޑެވެ. ލިސްޓުގައި ދެންހުރި ގައުމުތަކުގެ ތެރެއިން ފްރާންސްގައި 290، އިނގިރޭސިވިލާތުގައި 225، ޕާކިސްތާނުގައި 165، އިންޑިޔާގައި 156، އިޒްރޭލުގައި 90، އުތުރު ކޮރެޔާގައި 40 ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ނިއުކުލިއަރ ހަތިޔާރު ލިބިގެންވާ ދެ ގައުމެއްގެ މެދުގައި ހުޅުވިގެންވާ ހަނގުރާމައެއް ފެށިއްޖެނަމަ އޭގެ ނަތީޖާ ފެންނާނީ ކޮންގޮތަކަށް ބާވައެވެ. ޚާއްސަގޮތެއްގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ނުރައްކާ ފެންނާނީ ކޮންސިފައެއްގައި ބާވައެވެ. މިއީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. ޔުކްރޭނުގެ މައްސަލަ ގޯހުން ގޯހަށް ބަދަލުވެ އެމެރިކާ އާއި ރަޝިޔާގެ ސީދާ ކުރިމަތިލުމެއްގެ ބިރުވެރިކަން ބޮޑުވެ ރަޝިޔާގެ ނިއުކުލިއަރ ފައުޖު ކުއްލި ހާލަތަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ނިންމެވި ހިސާބުން ނިއުކުލިއަރ ހަނގުރާމައެއްގެ ބިރުވެރިކަން މުޅި ދުނިޔޭގައި ވަނީ އިހުސާސް ކުރެވެން ފަށައިފައެވެ. ނިއުކުލިއަރ ހަތިޔާރުގެ ނުރައްކަލާމެދު ފިކުރު ހިންގުން ވަނީ އިތުރުވެފައެވެ.
ދުނިޔޭގައި ހުރިކަމަށް ބެލެވޭ ތޭރަހާސް ނިއުކުލިއަރ ވޯހެޑުގެ ތެރެއިން ސަތޭކަ ވޯހެޑް ހަނގުރާމައެއްގައި ބޭނުންކުރިއަސް ދުނިޔޭގެ އާބާދީގެ ތެރެއިން މަދުވެގެން ބިލިޔަނެއްހައި މީހުން ސީދާގޮތުންނާއި ނުސީދާގޮތުން މަރުވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް ނިއުކުލިއަރ ވިންޓަރއެއް އަންނާނެއެވެ. މިކަމާމެދު ސައިންސްވެރިން ވަރަށް ފަހުން ކުރި ދިރާސާއެއް ޖާނަލް އޮފް ޖިއޯފިޒިކަލް ރިސާރޗްގައި ދާދިފަހުން ވަނީ ޝާއިއުކޮށްފައެވެ. އެދިރާސާ ކިޔައި ފިކުރު ހިންގައިލި ހަމަ ކޮންމެ މީހަކު ބިރުން ފިތްކަނޑައިގެންދާވަރުވެއެވެ. ރަޝިޔާ އާއި އެމެރިކާގެ މެދުގައި ނިއުކުލިއަރ ހަތިޔާރުގެ ތަޅައިލުންގަނޑެއް ހިނގައިފިނަމަ ދެން ދުނިޔެއަށް ވެގެންދާނެ ގޮތުގެ ތަސައްވުރެއް ލިބިގެންދެއެވެ.
މިދިރާސާއިން ދައްކާގޮތުގައި ރަޝިޔާ އާއި އެމެރިކާގެ މެދުގައި ނިއުކުލިއަރ ކޯޅުމެއް ފެށިއްޖެނަމަ ބޭނުންކުރެވޭ ހަތިޔާރުގެ ސަބަބުން 150 ބިޔަން ކިލޯގެ އަޅި ޖައްވަށް އަރައިގެންދާނެއެވެ. މި އަޅިތައް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި މަދުވެގެން ދިހަ އަހަރު ދެމިހުންނާނެއެވެ. އިރުގެ އަލިކަން ފަނޑުވެ ދުނިޔޭގައި އަނދިރިކަން ފެތުރިގެންދާނެއެވެ. ނިއުކުލިއަރ ހަނގުރާމައިގެ ފަހުން ފުރަތަމަ އަހަރުވެސް ދުނިޔޭގެ މިހާރުގެ ފިނިހޫނުމިނުން 9 ޑިގްރީ ސެލްސިއަސް ދަށްވާނެއެވެ. އަނދިރިކަމާއި މޫސުމީ ބަދަލުތަކުގެ ތެރެއިން ދަނޑުގޮވާމުގެ ކަންކަން ހުއްޓުމަކަށް އަންނާނެއެވެ. މީސްތަކުން ބަނޑަށް ޖެހޭނެއެވެ. މޫސުމީ ބޮޑެތި ތޫފާންތައް އާއްމުވާނެއެވެ. ވާރޭވެހޭ ނިސްބަތް ތިރީސް އިންސައްތަ މަދުވެ މުޅިދުނިޔޭގައި ހަނަފަސްކަން އާއްމުވާނެއެވެ.
ރަޝިޔާ އާއި އެމެރިކާ ޝާމިލްނުވާގޮތަށް ނިއުކުލިއަރ އެހެން ދެބާރެއްގެ މެދުގައި ހިނގާ ކުރިމަތިލުމަކުން އަދި މި ނަތީޖާ ނުފެނިދާނެއެވެ. އެކަމަކު ރަޝިޔާ އާއި އެމެރިކާގެ ކުރިމަތިލުމެއްގެ އާޚިރު ނަތީޖާ ފެނިގެންދާނީ މަތީގައި ބަޔާންކުރެވުނު ގޮތަށެވެ. ނިއުކުލިއަރ ހަނގުރާމައެއް ފެށޭނީ މިތަނުން ކޮންމެވެސް އެއްބަޔަކު އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުން ކުރުމުންނެވެ. އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުން ނުކުރާނޭ ކަމަށް އެމެރިކާއަކުންވެސް އަދި ރަޝިޔާއަކުންވެސް އިގުރާރުވެފައެއް ނުވެއެވެ. މިތަނުން ކޮންމެ ބަޔަކު އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރިއަސް އެކަންވާނީ އަމިއްލަ ހަލާކަށް ހުށައެޅިގަތުމަކަށެވެ. ނިއުކުލިއަރ ކުރިމަތިލުމެއްގައި އަނެއް ބައެއްގެ މައްޗަށް ކުރި ލިބޭނޭކަމުގެ ކަށަވަރުކަން ހަމައެއްވެސް ގައުމަކަށް ލިބިގެންނުވެއެވެ.
ކަންކަން މިހެން އޮތުމާއެކު އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމަކީ އެއްވެސް ބައެއްގެ މަސްލަހަތަށް ފައިދާކުރަނިވި ކަމަކަށް ނުވާނެއެވެ. ގައުމުތަކުގެ ވެރީންނަށް އޮތީ ނިއުކުލިއަރ ގުދަން ނުހުޅުވައި މައްސަލަތަކަށް ސުލްހަވެރި ހައްލު ހޯދުމަށް އިސްކަން ދިނުމެވެ. ނިއުކުލިއަރ ހަނގުރާމައެއްގެ ގެއްލުމާއި ހަލާކު އޮތީ އެ ހަނގުރާމައެއްގައި ޝާމިލްވާ ގައުމުތަކަށް އެކަންޏެއް ނޫނެވެ. އެކަމުގެ ހަލާކާއި މުސީބާތް އޮތީ ހަމައެއްބަޔަކުވެސް އިސްތިސްނާ ނުވެ އެންމެންނަށެވެ. މުޅި ދުނިޔެއަށެވެ. އެހެންވީމާ ނިއުކުލިއަރ ހަތިޔާރު އުފައްދައި ގުދަންކޮށްގެން ފޮރުވައިގެން އެއިން ފަޚުރުވެރިކަން ލިބިގަންނަމުންދާ ގައުމުތަކަށްވެސް ހަގީގީ އުފަލެއް އޮތީ މުޅި ދުނިޔެއިން ނިއުކުލިއަރ ހަތިޔާރު ނައްތާލެވި ނިއުކުލިއަރ ބިރުވެރިކަމުން މިންޖުވެވިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ