ފަހަކަށް އައިސް ހަފުތާގެ ކޮންމެވެސް ދެތިން ދުވަހެއްގައި ކުދިން ސްކޫލުން އިތުރު ގަޑީގަ ކިޔަވައިދިނުމަށް މަޑުކުރުވުމުގެ މައްސަލައިގައި އެކަކު އަނެކަކަށް މަޝްވަރާ ކުރުމާއި ޝަކުވާ ކުރުން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. މިސެމިސްޓާ ފެށުނުތާ މާގިނަ ދުވަހެއް ނުވެ ހެދި މިގަވާއިދުގެ ސަބަބުން ދަރިވަރުންގެ ބެލެނިވެރިންގެ ހާސްކަން ވަނީ އިތުރުވެފައެވެ. ކުރިންވެސް އެތައް މައްސަލަތަކަކަށް ހައްލު ނުލިބިގެން އެކަމާ ހަދާނެ ގޮތް ހުސްވެފައި ތިބި ބެލެނިވެރިންނަށް މިއީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެކެވެ.
މެންދުރު ގާތްގަނޑަކަށް އެކެއް ޖަހަންވާއިރަށް ސްކޫލަށް ހާޒިރުވާން ޖެހޭ ދަރިވަރު ގެއިން މެންދުރުގެ ކެއުން ނިންމާނީ ބާރަގަޑި ބައިހާއިރު ކަމަށް ވިސްނާލަމާ ހިނގާށެވެ. އެކަކުން ފެށިގެން އެއްކަލަ ކުއްޖާ ހުންނާނީ ސްކޫލުގައެވެ. އިންޓަވަލް ގަޑީގައި އެގެންގޮސްފައި ހުންނަ އެއްޗެއް ކެއުމަށްފަހު އަނެއްކާވެސް ކިޔެވުމާއި ސުކޫލުގެ އެހެނިހެން ހަރަކާތްތަކުގައި ކުއްޖާ ހޭލަމޭލަވެގަންނާނެއެވެ. ގިނަފަހަރު މިބުނާ އިންޓަވަލް ވާނީ ކޮންމެވެސް ލުއި އެއްޗަކަށެވެ. ގަޑިން ފަސްގަޑި ބަޔަށް ނުވަތަ ފަހަކުން ނިންމާލަން ހަމަޖެހިފައިވާ ކުއްޖާ އެއްކަލަ 'އެކްސްޓްރާ'ގަޑީގައި ސްކޫލުގައި މަޑުކޮށްފައި ނިމިގެން ގެއަށް ދެވޭއިރު މިހުންނަނީ ހަގަޑިބައިވެ ހަތެއް ޖެހުމަކާ ގާތްވެފައެވެ. އޭރު އަނެއްކޮޅުން ހަގަޑި ސާޅީސްފަހަކަށް ނޫނީ ހަތަކަށް ދާން ޖެހޭ ޓިއުޝަން، ނޫނީ ގުރުއާން ނޫނީ މިފަދަ ކޮންމެވެސް އެހެން ތަނެއްގެ ގަޑި އޮންނަނީ ޖެހިފައެވެ. ނުވަތަ ޖެހުމަކާ ގާތްވެފައެވެ. ކުއްޖާ ވަރުބަލިވެގެން ގޮސް ނުވަތަ ހައިވެގެން ގޮސް ހަރަކާތްތައް ލަސްވެއްޖެއްޔާ ބެލެނިވެރިޔާގެ ތެޅިފޮޅުމުން ކޮއްޕާލުން ކުއްޖާއަށް ވާނީ ވޭނަކަށް ނޫނީ ހިތްދަތިކަމަކަށް ނޫންތޯއެވެ.
"ބައެއް ފަހަރު ބާރަށް ބުނެވެނީ ގަސްދުގައެއް ނޫން. އެތައް ލާރިއެއްދީފަ އެތައް ހޭދައެއް ކޮށްފަ މިކުރާ މަސައްކަތުގެ ނަތީޖާ ދެރަކޮށް ފެންނާތީ. އެއްދުވަހުވެސް ޓިއުޝަން ކަޓައިފިއްޔާ ސްކޫލުގެ ފިލާވަޅުތައް ނުނިމި އޮންނާނީ. ދެން އެދޭން ބުނާ ބެޖާއި ސްޓިކާއެއް ނުލިބޭނެ. ރިޕޯޓުގައި "ފުލީ އެޗީވްޑް" ނުޖެހޭނެ. އެހިސާބުން ދަރިފުޅުވެސް ދެރަވާނީ."
ބެލެނިވެރިންގެ ޝަކުވާތައް ސޯޝަލް މީޑިއާގެ އެކި ދިމަދިމާއިންނާއި ރައްޓެހިންގެ ތެރޭގައި ތިބެ ދެކެވޭ ވާހަކަތަކުގެ ތެރެއިންނާއި ސްކޫލުދޮށަށް ކުދިން ބަލައި ގޮސްތިބޭއިރު ދެކެވޭ ވާހަކަތަކުގެ ތެރެއިން އިވެނީ ހިތްދަތި އަސަރަކާއެކު ނުރުހުންތެރިސިފައިގައެވެ.
"ރަނގަޅު ކަންތައްވެސް ގަބޫލުކުރާނަން. ބަލައިގަންނާނަން. އެކަމަކު ނުރަނގަޅު ގިނަވެ ރަނގަޅު ފޮރުވައި، ގެއްލުވާވަރު ވަންޏާ ދެން ކީއްކުރާނީ؟" ވަރަށްބޮޑު ތެދެކެވެ. ހަނޑޫބަސްތާއެއްގެ ތެރޭގައި ވީފުއްވެސް ހުންނަނީ މަދުންނެވެ. އެހެންކަމަށްވަންޏާ ވީފުއްތަކުގެ ވާހަކައެއް އެކަކުވެސް ނުދައްކާނެތާއެވެ.
ފަހަކަށް އައިސް ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާތަކުގެ ތެރޭގައި ކުދިންގެ ލިޔުން ހުތުރުވާ ވާހަކަ އެތައް ގޮތަކަށް އިވެއެވެ. އިނގިރޭސި ލިޔާއިރު ކެޕިޓަލް ސިމްޕަލް، ކޮމާފަދަ ކަންތައްތަކާއި އާފެށުންތަކާއި ހަވާސާ ނެތުމާއި ހަވާސާއިން އެތެރެ ކޮންއެއްޗެއްކަން ނޭނގުމެވެ. އިނގިރޭސި ލިޔުމަށް ޑަބަލްރޫލްޑު ފޮތް ހޯދާފައި ހުންނައިރު ރަތްރޮނގާއި ނޫރޮގު އެއީ ކިހިނެއްވާ ކޮންއެއްޗެއްކަން ނޭނގޭ ވާހަކައެވެ. ދިވެހި އަރަބި ލިޔުމުގައި ފޮތް ބާއްވާންވީ ގޮތް ނޭނގުމެވެ. އިނގިރޭސި ހިސާބު ލިޔަން ފޮތް ސީދަލަށް ބާއްވާށޭ ދިވެހި އަރަބި ލިޔަން ފޮތް އަރިއަކަށް ބާއްވާށޭ ބުނެފިނަމަ ދަރިފުޅުގެ ޖަވާބަކީ "ސްކޫލް ޓީޗާ ނުބުނޭ" އެވެ. ލިޔަން އިންނައިރު ދަތްދޮޅިގައި އަތްވިއްދައިގެން ކަހަލަ ގޮތްގޮތަށް ނުތިބެ، އެއް އަތް ފޮތުގެ މަތީގައި ބޭއްވީމަ ފޮތް ކައްސާލައިގެން ނުދާނެއޭ، އަދި ހަށިގަނޑު ތެދުކޮށްގެން އިނުމަށް ބުނެފިނަމަ އަނެއްކާވެސް އެއީ ޓީޗަރު ދަސްކޮށްނުދޭ ކަމެއްކަމަށާއި ޓީޗަރު ދަސްކޮށް ނުދެންޏާ އެއީ އޮންނަ ގޮތެއް ނޫންކަމަށް ދަރިވަރުން ބެލެނިވެރިންނަށް ބުނެލައެވެ.
މިފަދަ ކަންކަމުން ދޭހަވަނީ ކޮންކަންތައްތަކެއްތޯއެވެ. އާއެކެވެ. މިއިން ސާފުކޮށް އެނގޭކަމަކީ ދަރިވަރުންގެ ނަމޫނާ ބަޔަކީ މުދައްރިސުންކަމެވެ. އެކުދިން އެދުރުވަނީ އެދުރުން ގާތުން ކަމެވެ.
ތިމާއަށް ލިބިފައި ހުންނަ އިލްމެއް އަނެކާއަށް ފޯރުކޮށް ދިނުމަކީ ވާޖިބެކެވެ. އެއީ ކޮނޑުގައި އެޅިފަ އޮންނަ ފަރުދީ ޒިންމާއެކެވެ. އެހެނީ އިލްމަކީ އަމާނާތަކަށް ވާތީއެވެ. އެއީ ތިމާގެ ހިބަ މުދަލެއް ނޫނެވެ. އެއީ ބަޔަކަށް ފޯރުކޮށްދޭން ޖެހޭ ހައްގެކެވެ. ހަމައެހެންމެ ތިމާއަށް އެނގިފައި ހުންނަ އެއްޗެއް އަނެކަކަށް ބުނެދިނުމުގައި ބޮޑާވެ ކިބުރުވެރިވެ ނުގަންނާށެވެ. އެހެނީ އެއީ އެއްގޮތަކަށްވެސް ރީތި، އަނެކުން ލޯބިވާނެފަދަ މޮޅު ކަމެއް ނޫނެވެ. ތިމާއަށްވެސް އެނގުނީ ކޮންމެވެސް މީހަކު ބުނެދިނީމައެވެ. ވީއިރު ތިމާއަށް އެހެން މީހަކަށް ބުނެދީގެން ނޫނީ އެއިލްމެއް ނުފެތުރޭނެނޫންހެއްޔެވެ. މިއީ އެދުރުން، މުދައްރިސުންގެ އަސްލު މަގުސަދެވެ. އެދުރުންނަށް ކަމޭހިތުމާއި ތިމާގެ އެދުރު މީހާއަށް ގަދަރުކޮށް އިހުތިރާމު ކުރަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަމައެހެންމެ އެ އިހުތިރާމާއި ގަދަރު ހައްގުވާފަދަ މީހަކަށް ވުމަކީ އަމިއްލައަށް ލިބިގަންނަން ޖެހޭ ކަމެއްނޫންތޯއެވެ.
ހަމައެހެންމެ ދަރިވަރުންނަކީވެސް ބައެއްގެ އަމާނާތެކެވެ. މުދައްރިސުންނާ ހަވާލުކުރެވޭ ނުހަނު ބޮޑު ޒިންމާއެކެވެ. އެއީ ސުވާލު ކުރެވޭނެ ޖަވާބުދާރީ ވާން ޖެހޭނެ ޒިންމާއެކެވެ. ގައުމެއްގެ ތަރައްގީއާއި ކުރިމަގު ބިނާވަނީ ގައުމެއްގައި އުފެދިގެން އަންނަ ޖީލުތަކުގެ ބުއްދީގެ ބާރުގައެވެ. އަރައިގެން އަންނަ އާޖީލު ބައްޓަންކޮށް ތިޔާގި ކުރަން ތިބިބަޔަކީ މުދައްރިސުންނެވެ. މިދައްކަނީ އާދައިގެ ކުޑަކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ.
ދަރިވަރުންނަށް އުނގަންނައި ދިނުމަކީ ހަމައެކަނި ކިޔަވައިދޭ ގަޑީގެ ނުވަތަ ވަޒީފާގައި އެހޭދަ ކުރާ އަށްގަޑި ނުވަތަ ހަގަޑިއިރު ނުވަތަ އެވާއިރަކާ ހަމައިން ނިމޭކަމެއް ނޫނެވެ. ވަކިވަކިން ކޮންމެ ދަރިވަރެއްގެ ޕްރޮފައިލް ސިކުނޑީގައި ހަރުލާފައި ހުންނާން ޖެހެއެވެ. މިވެނި ކުއްޖަކު މިވެނިހެނޭ އެވެނި ކުއްޖެއްގެ މައްސަލައަކީ މިއޭ، އެކަން ރަނގަޅު ކުރެވޭނީ މިހެން ހެދީމައޭ މިހުރިހާ ކަމެއް ވަކިވަކިން ކުރަން ޖެހެއެވެ.
އެހެންކަމުން ބެލެނިވެރިންގެ ޝަކުވާ ދެނެގަނެ، ބެލެނިވެރިންގެ ބޮޑެތި ގިނަ ޝަކުވާތައް މަދުކުރެވޭތޯ މަސައްކަތެއް ކުރަން އެބަޖެހެއެވެ. ފޮތްދަބަހުން ސުރުހީތަކަށް އަރަންފެށި މިޝަކުވާތައް މަދުކުރެވި، މުދައްރިސުންނަށް ރީތިނަމެއް ލިބުމަކީ ހުދު ބެލެނިވެރިންގެވެސް އެދުމެކެވެ.
"ޓީޗަރުންދެކެ ނޫނޭ ހިތްހަމަ ނުޖެހެނީ. މިކަން ހައްލު ކުރަން އެމީހުނަށް އެކަނި މަސައްކަތެއް ނުކުރެވޭނެ. އެކަމަކު އެމީހުންގެވެސް ޒިންމާ ރަނގަޅަށް އަދާކުރަން ޖެހޭކަން އެމީހުންވެސް ގަބޫލު ކުރަން ވާނެ."
"އެންމެން އެއްގޮތެކޭ ނޫން މިބުނަނީ. ވަރަށް ރަނގަޅު މުދައްރިސުންވެސް އެބަތިބި. އަމިއްލަ ދަރިންހެން ކުދިންނާ ދޭތެރޭ ދެކޭ މުދައްރިސުންވެސް އެބަތިބި. އެކަމަކު އެމީހުންވެސް ބާރު އަޅައިގެން ކަންތައް ރަނގަޅު ކުރެވެން އެބަ ޖެހޭ. ފޮތް ދަބަސް އެހާ ބަރުވާނެ. އެހެން ބުނީމަ ސްކޫލުގަ ބައެއް ޓެކްސްޓު ފޮތްތައް ބެހެއްޓިއަސް އަދިވެސް ހަމަ އެހާ ބަރު. އެކަން އެއްފަރާތުގަ ބާއްވާފައި ހިތްވަރު ކޮށްގެން މިތިބެނީ. ކުދިންނަށް ސްކޫލުން ކިޔަވައިދޭ އެއްޗެއްގެ މާނައާއި ދޭހައާއި ޝަރަހަ ދެނެގަންނަން ޓިއުޝަނަށް ފޮނުވަން ޖެހޭ. ކޮންމެ ދުވަހަކު އާކަމެއް ކުރަން ޖައްސާނެ. ވަގުތެއް ނޯވޭ. ތެޅި ފޮޅިގެން ކުއްޖާ ހަނާވާ ވަރަށް ވަރުބަލިކޮށްލައިގެން ސްކޫލަށް މިގެންދަނީ. މިހާރު މިޖެހިގެން އުޅެނީ އާކަމެއް. އެކްސްޓްރާ ނަގަނީޔޯ. ކުޑަކުޑަ ކުދިންނަށް ކޯޗެއް އެކްސްޓްރާކޮށް ކިޔަވައިދޭކަށްހޭ ހިތަށް އަރާ."
"ކިހާ ބަނޑުހައެއް ވާނެ. ގެއަށް ގެންނައިރު ހާންތިވެ ތެލުލެވިފަ ދަރިފުޅު ހުންނަނީ. ދެން ގޭސްޓްރިކްވެ ބަލިވަނީ. އިތުރު އިންޓަވަލް ދީފަ ފޮނުވާށޭ ބުނަނީ. އެކަމަކު ޕެކެޓް އެކަނި ބޮއިފަ ގެންދާ އެއްޗެއް ނުކައި ހުންނާތީ ދަރިފުޅު ގާތު އެހީމަ، ވަރަށް އަވަސް ކުރަން ޖެހެއޭ. މިސް ބުނާނޭ އަވަސްކުރާށޭ. ކޮއްކޮ ކިހިނެއް ކާނީ. ކުއްޖާގެ އިންޓަވަލަށް ބައިގަޑިއެއްހާ އިރުވެސް ނުދެވޭ. އެކުދީން ކައިތޯ ޓީޗަރުންނަކަށް ނުބެލޭ. ދިހަމިނިޓުން ކައިގެން ފެން ބޮއިގެން އަތްދޮވެ ހުރިހާ ކަމެއް ނިމިގެން ފަނަރަމިނިޓްވާއިރު ފޮތްތައް ނެގިފަ ލިޔަން ފެށިފަ ތިބޭކަށް މިއީ ބޮޑެތި މީހުންނެއް ނޫނޭ."
ބެލެނިވެރިންގެ މިޝަކުވާތަކަށް ބީރުކަންފަތެއް ނުދީ މިކަމަށް ހައްލެއް ލިބޭތޯ ވިސްނާލަން ނުޖެހޭބާވައެވެ؟ ބެލެނިވެރިން އެދައްކާ ވާހަކައިގެ ތެދުދޮގު ބަލައި ހޯދައި، އެކަންކަމަށް ކޮންމެވެސް އެއް ހައްލެއް ގެނައުމަކީ ކުރަން ޖެހޭ ކަމަކަށް ނުވޭބާވައެވެ؟ މީގެ ވިއްސަކަށް އަހަރު ކުރިން ކިޔެވި ޒަމާނުގައި ކުދިން ސުކޫލުތަކުގައި އިންޓަވަލް ނަގަން ލިބޭ ގަޑިއާއި މިހާރުގެ ގަޑީގެ ތަފާތު ހުންނަންވީ ކީއްވެތޯ ދެނެގަންނަން އެބަޖެހެއެވެ؟ މިގެ ކުރިން ސްކޫލުތަކުގައި ކުޑަކުޑަ ކުދިންގެ އެކްސްޓްރާ ގަޑިއެއް ނޯވެއެވެ. އެކަމަކު ކިޔެވުމުގެ ސިލަބަސް ފަސޭހަވެފައި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި އުނގަންނައި ދިނުމަށާއި އުނގެނުމަށް ހުރި ވަސީލަތްތައް ގިނަވުމުން ފަސޭހައިގެ ބަދަލުގައި އުނދަގޫ ވާން ޖެހޭ ސަބަބު ދެނެގަންނަށް އެބަޖެހެއެވެ. ކުދިންގެ ފެންވަރު ދަށްވާން ޖެހޭ ސަބަބު ހޯދަން އެބަޖެހެއެވެ. އިތުރުގަޑީގައި ކިޔަވައިދިނުމުން ކުދިންނަށް ކުރިއެރުމެއް ނާންނަނީ ކީއްވެގެންތޯ ހޯދައިބަލަން ޖެހެއެވެ.
ބެލެނިވެރިންގެ ހުއްޓުމެއް ނެތް ޝަކުވާތަކަށް ކޮންމެވެސް ހައްލެއް ލިބޭނެ ގޮތް ވުމަކީ އެތައް ބައެއްގެ އުއްމީދަކަށް، އެދުމަކަށް، އިލްތިމާސްއަކަށް މިވަނީ ވެފައެވެ. ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެއެވެ. އެހައްލު ދެނެގަތުމަކީ މަސައްކަތް ކުރީމަ ނުވާނެ ކަމެއް ނޫނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް