ޚަބަރު

މުޣުނީ ވަކިކޮށް ސްޓެލްކޯގެ އެމްޑީއަކަށް ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް އާސިމް މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިއަދު ޝަރީފް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި ގޮތަށް އެހެން ކުންފުނިތަކަށް ބަދަލު ގެނައުމުގެ ކަންކަން މާދަމާ ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޣުނީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓެލްކޯ ހިންގުމަށް ދެއްވި ފުރުސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސްޓެލްކޯ ރާއްޖޭގެ އެންމެ މޮޅު ކުންފުންޏަކަށް ހެދުމަށް ލިބުނު ފުރުސަތަކީ ފަހުރެއް ކަމަށްވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން އަހުމަދު ޝަރީފު އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފު އައްޔަން ކުރެއްވީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާރިޗް 2018 ގައެވެ. އެއީ ފަސް އަހަރުގެ ދައުރަކަށެވެ.

ދައުރުގައި ބާކީ ދެ އަހަރު އޮއްވައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ޓުވީޓަކުންނެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ އިތުރު ތިން ކުންފުންޏަކަށް ބަދަލު ގެނައުމަށް ޕީސީބީއަށް ހުށަހަޅައިފައެވެ. ސްޓެލްކޯގެ އިތުރުން ދެން ބަދަލު ގެނައުމަށް ނިންމާފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށް މުޣުނީ ބަދަލުކުރުމަށާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު ޕޯސްޓް އޮފީހަށް ބަދަލުކުރުމަށެވެ. ނަމަވެސް ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝަފީގް ބަދަލުކުރާ މަގާމެއް އަދި ކަށަވަރެއް ނޫނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނަ ސަބަބު ސަރުކާރުން ހާމައެއް ނުކުރެއެވެ.