އަރިއަތޮޅު އުތުރުބުރީ ރަށެއްގައި ފިރިހެން ދަރިއެއްގެ ފަރާތުން އޭނާގެ މަންމަ އާއި ކުޑަ ކުއްޖަކަށް އިންޒާރުދީ އަނިޔާ ލިބެމުންދާތީ އެ ދެމައިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ދޮށީ ފިރިހެން ދަރިފުޅު ރުޅި އަންނަ ވަގުތު ގޭގައި ހުންނަ ތަކެއްޗަށް ގެއްލުންދީ އޭނާއާއެކު ދިރިއުޅެމުން އަންނަ އޭނާގެ މަންމަ އާއި ކޮއްކޮ މަރާލާނެ ކަމުގެ އިންޒާރާއި އަނިޔާ ދެމުންދާ ކަމަށްބުނެ އެ ދެމައިން ވަނީ "ވަން" އަށް މައުލޫމާތު ދީފަ އެވެ.
ގޭތެރޭގެ އެކި ތަންތަނުގައި ހަޑި ހުތުރުބަހުން ލިޔެ ކުޑަ ކުއްޖާގެ ކިޔެވުމަށް ހުރަސްއެޅޭފަދަ އެތައް ކަމެއް ކުރަމުންދާ ކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ކުޑަ ކުއްޖާއާއި އެކުއްޖާގެ މަންމައަށް ގެއިން ބޭރަށް ނުދެވޭނެ ކަމަށްބުނެ ބިރުދައްކައި ގޭގައި ބަންދު ކުރާ މައްސަލައާއި ގޭގައި ކައްކާފައި ހުންނަ ކާއެއްޗެއްސަށް، އޭނާ ކައި ނިމުމުން އުކާލާ ނުވަތަ ވެލި އަޅާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ވަޅި ހިފައިގެން އައިސް ކޮށާލާނެ ކަމުގެ އިންޒާރު ދެމުންދާތީ ބައެއް ރޭ ރޭ އެ ދެމައިން މަގުމަތީގައި އިރު އަރަންދެން ތިބެން ޖެހޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިކަމަށް ހައްލެއް ހޯދުމަށް އެކި މުއައްސަސާތަކުގައި އާދޭސްކުރުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް ނުލިބޭ ކަމަށް އެ އާއިލާއިން ބުންޏެވެ.
މިކަމާ ގުޅިގެން "ވަން" އޮންލައިނުން އިއްޔެ ވަނީ ތަފްސީލީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. ރިޕޯޓު ޝާއިއުކުރިފަހުން ޖެންޑާ މިނިސްޓްރީން ވަނީ އާއިލާއަށް ގުޅައި އެ ފިރިހެން މީހާގެ ފަރުވާއަށް އެހީތެރިވާނެ ކަމަށް ބުނެފަ އެވެ. އަދި ދޭންޖެހޭ ރައްކާތެރިކަންވެސް ދޭނެ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން "ވަން" އަށް މިއަދު ވަނީ މައުލޫމާތު ދީފައެވެ.
ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ރިޒުނާ ޒަރީރު "ވަން" އަށް މިއަދު ވިދާޅުވީ އަނިޔާ ލިބެމުންދާ ދެމައިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
އުމުރުން 18 އަހަރު ފުރިފައިވާ މި ފިރިހެން މީހާގެ ފަރުވާގެ ކަންކަމުގައި އެހީވާނެތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެ ސުވާލަކަށް ރިޒުނާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް ވިދާޅުވީ އެ ދެމައިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
"ޖެންޑާ މިނިސްޓްރީ އަކީ ތަހުގީގީ އިދާރާއެއް ނޫން. އަޅުގަނޑުމެންނަށް ދެވޭނީ ރައްކާތެރިކަން. ދެން އެމައްސަލައިގެ ވަށައިގެން ބަލާފަ ރައްކާތެރިކަން ދެވެން އޮތް ކޮންމެ ގޮތަކަށް މިނިސްޓްރީން ރައްކާތެރިކަން ދޭނަން." އޭނާ ވިދާޅުވި އެވެ.
އާއިލާއިން ބުނީ މީގެ ކުރިން ރަސްދޫ ޕޮލިސްޓޭޝަނަށް ގެންގޮސްގެން ހެދި ބައެއް ޓެސްޓުތަކުން ސިކުނޑީގެ މައްސަލަތަކެއް ހުރި ކަމަށް އެނގުނު ކަމަށެވެ. ނަމަވެސް ފަރުވާދޭން އާއިލާއިން ނުކުޅެދިފައިވަނީ އެނާ މިހާރު މައިން ބަފައިންނަށްވުރެން އިސްކޮޅުންނާއި ހަށިގަނޑުން ބޮޑުވެފައި ހުރުމުން ގަދަ ކަމުން ހިފަހައްޓައިގެން ފަރުވާއަށް ގެންދެވެން ނެތުމުން ކަމަށް އާއިލާއިން ބުންޏެވެ. އަދި އެގޮތަށް ހިފަހައްޓައިފިނަމަ ދޭ އަނިޔާ ބޮޑުވެދާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން މިކަމުގައި މުއައްސަސާތަކުގެ އެހީތެރިން ބޭނުންވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު