މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރަން އަދި ނިންމާފައި ނުވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

"ވަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ. ނަމަވެސް، މިފްކޯއިން މަސައްކަތް ކުރަނީ މިފްކޯއިން ވިއްކާ މަހުގެ ބާވަތްތަކުގެ އަގު ވީހާވެސް ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ވިއްކާ މަސްދަޅު މާދަމާއިން ފެށިގެން އަގުބޮޑުވާނެ ކަމަށް ބުނެ ދައުރުކުރާ ވާހަކައާ ގުޅިގެން ފައުޒީ ވިދާޅުވީ، މަސްދަޅުގެ އަގަށް ބަދަލެއް ގެންނަން އަދި ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާކޮށް އެކަމަށް ގޮތެއް ނިންމާނީ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ، ރަމަޟާން މަހާ ދިމާކޮށް މިފްކޯއިން މުޅިން އާ ދެ ޕްރޮޑަކްޓެއް މާކެޓަށް ތައާރަފުކުރާނެ ކަމަށެވެ. އަދި ރަމަޟާން މަހު ރައްޔިތުންނަށް މިފްކޯގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމަށް ވިދާޅުވިއެވެ.