ލައިފް ސްޓައިލް

ޝާލޫ ދަ ޓްރެއިނާ: ލަދުން ފިލިކުއްޖާ، "ކޮންމެވެސް" މީހަކަށް ވުމަށްކުރި ހިތްވަރާއެކު ފިޓްނަސްގެ އެންމެ އުހުގައި

މަރިޔަމް ޝަފާ އިބްރާހިމް

1

"ކޮންމެ ކަމެއް ކުރުމަށްވެސް، މީހަކަށް ވުމަށްވެސް އަޒުމަކާއި ހިތްވަރެއް ބޭނުންވާނީ. ކާމިޔާބުގެ ދޮރު ހުޅުވުމަކީ ނުވާނެކަމެއް ނޫން. ނުވަތަ އެއީ ވަކިހާއްސަ މީހަކަށް ކުރެވޭ ވަކިހާއްސަ ކަމެއްވެސް ނޫން."

މިއީ އާދައިގެ އާއިލާއެއްގެ އަންހެންކުއްޖަކު، ކޮންމެވެސް މީހަކަށް ވުމަށްޓަކައި، ދުނިޔޭގެ ތެރެއަށް ކޮންމެވެސް މީހެއްގެ ގޮތުގައި ނުކުންނަން ހިންމަތުން ކުރި މިންނެތް މަސައްކަތުގެ ވާހަކައެވެ. ހަނދާން ހުންނަން ފެށީއްސުރެ ކަންތައްތަކާ އިސްނަގައި އުޅުމާއި ކަންތައްތަކާ ކުރިމަތިލައި އުޅުމުގައި ލަދުގަންނަ، ކަންތައް ކުރަން ނުކެރޭ އަންހެން ކުއްޖެއްގެ ވާހަކައެވެ. ބީރައްޓެހި މީހެއްގެ ހިލަމެއް ވިޔަސް އަވަސް އަވަހަށް ދުވެފިލައި އުޅުނު ކުޑަ އަންހެންކުއްޖާ އަކީ މިއަދު އެތައް އެތައް ބަޔަކަށް އޭނާގެ އަޑާއި އަމަލުން އިރުޝާދު ދީ އެތައް ބައެއްގެ ދުޅަހެޔޮ ސިއްހަތުގެ އެހީތެރިޔާއެވެ.

މާލެއަށް އުފަން އަހުމަދު ޒަކަރިއްޔާއާއި ފާތިމަތު ހަނީފާއަށް ލިބުނު ހަފިރިހެން ދަރިންނާއި ހަތް އަންހެން ދަރިންގެ ތެރެއިން އެގާރަވަނައަށް ލިބުނު އެންމެ ހަގު އަންހެން ދަރިފުޅު، މާފަންނު ތާއިފު ގޭގެ އުމުރުން ތެއްތިރީސް އަހަރުގެ ޝާމިލާ އަހުމަދަކީ ހިތްހެޔޮ، ހިނިތުންވުމަކާއެކު މީހުންނާ ބައްދަލު ކުރާ ދިވެހި މުޖުތަމައު ތެރެއަށް އަރައިގެންދާ ތަރިއެއްފަދަ ހިތްވަރުގަދަ ނަމޫނާ ދިވެހި އަންހެންދަރިއެކެވެ. ހައަހަރަށްދާ ދަރިފުޅަކާއި ފިރިއެއްގެ ޒިންމާ އަދާ ކުރަމުން އަންނަ އަދި މަންމައަކާއިބައްޕައަކާއި އެއްބަނޑުއެއްބަފާ ކުދިންނާވެސް ބަރާބަރަށް ގުޅުން ބަދަހި ކުރަމުންދިއުމާއެކު، ހީޓް ހެލްތު އެންޑް ފިޓްނަސް ޖިމްގައި ވަޒީފާ އަދާކުރުމާއެކު ބުރަކަމެއް ވަރުބަލިކަމެއް އަދި ފޫހިކަމެއްވެސް ނެތި ނުހަނު ހިތްވަރާއި ޖޯޝާއެކު އޮންލައިންކޮށް ފިޓްނަސްގެ ކުލާސްތަކެއް ކުރިއަށް ގެންދާ ޝިމްލާ އަހުމަދު، އެންމެންގެ ޝާލޫދަޓްރެއިނާ އާ ބައްދަލުކޮށްލުމަށް ކޮށްލި ހަމަ އެންމެ މެސެޖަކަށް ވަރަށް އަވަސް އެހާމެ އުފާވެރި ޖަވާބެއް ލިބުނީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. ވަރަށް ބުރަކޮށް އުޅެމުންވެސް ކޮންމެވެސް ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތް ކުރަމުން ބަރާބަރަށް ހަބަރުދެމުން ގޮސް ޝާލޫއާ ބައްދަލުވެ ވާހަކަ ދެއްކޭ ގޮތްވީ އަދިކިރިޔާއެވެ. އެއީވެސް ޓްރެއިނިންގް ދެކުލާސް ދެމެދުން ހުދު ޝާލޫއަށް ހިންދެމިލައި އަރާމުކޮށްލަން ލިބުނު ގަޑިއެއްހާ އިރުގެ ވަގުތުކޮޅެވެ.

"ޕްލީޒް. ބަރާބަރު ގަޑިއަށް އަންނައްޗޭ. އެއްގަޑި ތިރީހުގަ ސެޝަނެއް އޮންނާނެ. އެގަޑިއަށް ނިންމަން ޖެހޭނެ."

އެންމެ ފުރަތަމަވެސް ފާހަގަ ވީ ގަޑިއަށް ބަހައްޓާ ހާއްސަ ސަމާލުކަމެވެ. އެންމެ ސިކުންތެއްވެސް މުހިންމު ވަރު އިހުސާސް ކުރެވުނު ގޮތަށް އެއީ ހަގީގަތުގައިވެސް އެފަދަ އަންހެނަކަށް ވަރަށް މުހިންމުވާނެ ކަމެއްކަން ޔަގީންވީ ބައްދަލުވެ ވާހަކަ ދެއްކުމުންނެވެ. އިންސްޓަގްރާމް، އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާގެ ފާލަންތަކުން މީހުންގެ މެދުގައި ނުހަނު ބޮޑަށް މަގުބޫލުވެފައި އަދި އެހާމެ ވަރުގަދަ ވަޒީފާއެއް އަދާކުރާ ކުޅަދާނަ އަންހެނަކަށްވުމުން ފުރަތަމަ ބައްދަލުކުރަން ދަތިވާނެކަމަށް ކުރެވުނު ކުށްހީ މުޅިން ފިލައި ހިތްހަމަޖެހުމެއް ލިބުނީ ހީޓަށް ގޮސް ޝާލޫއާ ބައްދަލުވުމުންނެވެ.

"ފޮންޏޭ. މިއީ އާދައިގެ އަންހެނެކޭ. ކަޅުފަތިހާ ތެދުވެގެން ބަދިގޭގަ ކައްކާ ގޭތެރޭގެ މަސައްކަތުގަ އުޅޭނީ. މޮޅު އަގުބޮޑު ކަމެއް ކުރުވުމަށްވުރެ މިހާރުވެސް މަހެއް ކަނޑަން ދިނަސް މާ އުފާވާނެ. ހިތްހަމަޖެހުމާއި އަމިއްލަވަންތަކަމުގެ އުފާ އޮތީ އާދައިގެ ދިރިއުޅުމުގަ."

ގޭގައި މަސައްކަތެއް ކުރާނެ އެއްވެސް މަސައްކަތު ހާދިމަކު ހުރޭތޯ އަދި ދަރިފުޅު ސުކޫލަށް ލައި، ޓިއުޝަންދީ ގުރުއާން ޓިއުޝަނުގެ ކަންތަކާ ބެހޭ ގޮތުންވެސް ޝާލު ދިން ޖަވާބު ހަމަ އެހާމެ ސާދާ ވެފައި ފުރިހަމައެވެ.

"ދަރިފުޅު ސުކޫލަށް ލައި، ހުރިހާ ކަމެއް ކުރަނީ ހަމަ އަމިއްލައަށް. ފިރިމީހާ ހުރިއްޔާ އޭނާ ކުރާނެ. އެކަމަކު ހަމަ ކޮންމެ ދުވަހަކުވެސް ސުކޫލު ގަޑީގަ ޝާލޫ ދަރިފުޅުގެ ކަންތައް ކުރަނީ."

ފަތިހު ހަތަރެއް ޖަހާއިރު ގަޑީގެ އެލާމުގެ އަޑާއެކު ފުންމައިގެން ތެދުވެ ބަދިގޭގެ މަސައްކަތަށް ދިއުމުގެ ކުރިން ޝާލޫގެ ކޮންމެ ދުވަހެއްވެސް ފެށެނީ އާދައިގެ މަތިން ފަތިސް ނަމާދުންނެވެ. ދަރިފުޅު ފެންވަރުވައި ރީތިކޮށް، ކައްކައި ކާންދީ ސްކޫލަށް ލާފައި އެނބުރި ގޮސް ގޭތެރޭގައި މަސައްކަތުގެ ތެރޭ މަޝްއޫލުވެގެން އުޅުމާއެކުވެސް މަންމަގެ ހިތުން ހަނދާނުން ދަރިފުޅު ކައްސައެއް ނުލައެވެ. ބަރާބަރު ދިހައެއް ޖަހަންވާއިރަށް ސުކޫލުދޮށަށް ދަރިފުޅު ބަލައިގޮސް، ސުކޫލުން ގެއަށް ދަރިފުޅު ލުމަށްފަހު އަނެއްކާވެސް އެނބުރި ދިހަގަޑި ތިރީސް ވާއިރަށް ޝާލޫ ހުންނަނީ ޖިމުގައެވެ. މަންމައާއި ފިރިމީހާގެ ނުހަނު ބޮޑު އެއްބާރުލުމެއް ލިބިގެން ޝާލޫ މަސައްކަތް ކުރަނީ ހެއްދެވި ފަރާތަށް ކުރާ އިތުބާރެއްގެ ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.

"ވަރަށް ވަގުތު ކުޑަކޮށް ވަރަށް އަވަސްއަވަސްކޮށް އުޅެން ޖެހޭނީ. އެކަމަކު އާނ. އަލްހަމްދުލިއްލާހި. ޝާލޫއަށް އިހުސާސްކުރެވޭ، ބައެއް މީހުން ދުނިޔެއަށް އަންނާނީ، ޔޫ ނީޑް ޓު ރީޗްއައުޓް، ބަޔަކަށްޓަކާ ނުކުންނަން ޖެހޭ. ކޮންމެވެސް އެއްބަޔަކުގެ ޒިންމާ ހަވާލުވެފަ ތިބޭ ބަޔަކު ތިބޭނެ. ޝާލޫ އަބަދުވެސް ބުނަން. އަލްހަމްދުލިއްލާހި.. ޝާލުއަކީ އެކަހަލަ މީހެކޭ. ދަރިފުޅު ގާތުގަވެސް ބުނަން، ދަރިފުޅާއޭ މަންމަ ދަރިފުޅުދެކެ ވަރަށްވަރަށްބޮޑަށް ލޯބިވެއޭ، އެކަމަކު މަންމަގެ މައްޗަށް ޒިންމާތަކެއް އެބައޮތޭ ނެގިފަ. މަންމަ ޖިމަށް ދާންޖެހެއޭ." ޝާލޫ ކިޔައިދިން ގޮތުގައި ޝާލޫގެ ހިދުމަތަށް އެދިގެން ތިބި މީހުންނަށް އެހިދުމަތް ފޯރުކޮށްދިނުމަކީ ޝާލޫގެ ކޮނޑުގަ އެޅިފަ އޮތް ބޮޑު ޒިންމާއެކެވެ. މިޒިންމާ ނަގަން ޝާލޫއަށް ދަސްވީ އޭނާގެ ލޯބިވާ މަންމަގެ ފަރާތުންނެވެ. ޝާލޫގެ މަންމައަކީ އިރެއްގައި ފޫޅުމައެއްގެ ނުހަނު ޒިންމާދާރު ބުރަ މަސްއޫލިއްޔަތެއް އަދާ ކުރި މީހެކެވެ. ބައެއްފަހަރު މީހުން ވިއްސަން ދާއިރު މަންމަ ޝާލޫމެން ގޮވައިގެންވެސް ދެއެވެ. މަންމަގެ ހަޔާތަކީ ނަމޫނާއަކަށް ބަލައިގެން މަންމައަކީ "ޝާލޫގެ ރޮކް، އައިޑިއަލްއަކީ މަންމަ" ކަމަށް ދެކޭ ޝާލޫގެ އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް މަންމަ ހުރި ދަރަޖައަކަށް އެހެން އެއްވެސް މީހަކަށް ނާދެވޭނެއެވެ.

ނުހަނު ޒަމާނަށް ފެތޭ ފެޝަނަށް ލޯބިކުރާ އެހާމެ ސްޓައިލް އަނެހެނަކަށްވިޔަސް ބައްދަލުވެ ވާހަކަ ދެއްކުމުން ފާހަގަވި ކަންތައްތަކުގެ ތެރޭގައި ޝާލޫގެ ކޮންމެ ވާހަކައެއްގެ ތެރެއިންވެސް ހެއްދެވި ފަރާތަށް ދޭ ހާއްސަކަމާއި އެކަލާނގެ އިރާދަފުޅަށް ދޭ އަހައްމިއްޔަތުކަން ބޮޑުކަން ދޭހަވެއެވެ. "2020ގަ ﷲގެ އިރާދަފުޅުން އެންމެ ހަތަރު ކުދިންނާއެކު ޝާލޫ އޮންލައިން ކުލާސް ފެށީ. ހަތަރު ކުދިން. ތަކުރާރުކޮށް ޝާލޫ އެ އަދަދު ބުންޏެވެ. އޭރު ޝާލޫގެ ލޮލުން ވިދުވަރަކާއި ހުވަފެނީ އަސަރުހިމެނޭ ފެންކަޅިވުމެއް ފެނުނެވެ. "ހަތަރު ކުދިންނާއެކު ޝާލޫ ސެޝަން ފެށީ. ފޮނި ހުވަފެނެއް ދެކެމުން ދިޔައީ. އެއްދުވަހަކުން ޝާލޫ ރީޗްއައުޓު ވާނަމޭ އެންމެނަށް. މިހާރު އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ފަންސާސް ކުދިންނާއެކު ސެޝަން މިގެންދަނީ. އަލްހަމްދުލިއްލާހި. އަނެއްކާވެސް އެއީ ޝާލޫގެ މަސައްކަތެއް ނޫން. އެކުދިންގެ މަސައްކަތް. އެކުދިންގެ ލޯބި އެފެންނަނީ." ޝާލޫ ބުނާ ގޮތުގައި ބައެއް ކުދިން ޝާލޫއަށް ނުފެނި ޝާލޫގެ އިރުޝާދުގެ ދަށުން މަސައްކަތް ކޮށްގެން 15 ކިލޯ ބަރުދަނުން ލުއިކުރެއެވެ. ބ. އަތޮޅުން އިންޑިޔާއިން އައްޑުއިން ފުވައްމުލަކުން މިހެން ގޮސް ދުނިޔޭގެ އެކި ހިސާބުތަކަށް ޝާލޫދަޓްރެއިނާގެ ނުފޫޒު ވަރަށް ހެޔޮގޮތުގަ މިވަނީ ފޯރާފައެވެ.

"ލަންޑަނުގަ ހުރި ދިވެއްސަކަށް ވެދާނެ. ވާޗުއަލް ކުލާސްތައް ހިންގާ. ކޮވިޑުގެ ސަބަބުން އޮންލައިންކޮށް ކަންތައް ދިވެހިންގެ ތެރޭގަ ތައާރަފުވީ. ވާޗުއަލް ކުލާސްތަކަށްވެސް ބޭނުންވަނީ އެކަކު އަނެކަކާ ގުޅުންބަދަލު ކުރުމަށް ލޯތްބާއި އިހުލާސްތެރިކަން ބޭނުންވަނީ. އެކުދިން ސާބިތުކޮށްދެނީ ވާނެކަން. 23ކިލޯ ލުއިކޮށްފިއޭ ކުއްޖަކު، އެކުއްޖާ ފެނިއްޖެއްޔާ ބުނާނެ.. މާޝާﷲ އެކުދިންނަށް ޝާލޫ ތަރުހީބު ދެނީ މަންމައެއްހެން." ޝާލޫ ހިތުގެ އަޑިން އޭނާގެ ފިޔަވަޅު މަތީ ފިޔަވަޅު އަޅަމުން އަންނަ ކުދިންނަށް ތައުރީފުކުރިއެވެ.

އޮންލައިންކޮށް ޝާލޫދަޓްރެއިނާގެ ނަމުގައި ފިޓްނަސް ކުލާސްތަކެއް ކުރިއަށް ގެންދާ ޝާލޫގެ އުއްމީދުތައް ބޮޑެވެ. ހުވަފެންތައް ވަރުގަދައެވެ. ސައުވީސްގަޑިއިރު ހުއްޓާނުލައި ހިންމަތާއެކު މަސައްކަތް ކުރަމުން އަންނަ ޝާލޫގެ ކޮންމެ ދުވަހަކީވެސް ހުރިހާ ކަމަކަށްމެ ވަކިވަކިން ވަގުތު ކަނޑައެޅިފައި ތާވަލުހެދި އެއަށް ތަބާވާގޮތަށް ހަމަޖެހިފައިވާ ދުވަހެކެވެ. ރާއްޖެތެރޭގެ ތަފާތު ރަށްތަކުންނާއި ރާއްޖެއިން ބޭރުގެއެކި ހިސާބުތަކުން ޝާލޫގެ ކުލާސްތަކުގައި ބައިވެރިވުން އަންނަނީ އިތުރުވަމުންނެވެ. މީހުންގެ އިތުބާރާއި ޔަގީންކަން ލިބިގެން އޭނާ އެމީހުންގެ ސިއްހަތާއި ހަވާލުވަނީ ދުޅަހެޔޮ އަދި ފިސާރި ރީތި ބައްޓަމަކަށް ވާސިލުކޮށްދޭނެ ކަމުގެ ވައުދަކާއެކުއެވެ. އަދި އެވައުދަށް ކަމޭހިތުމުގައި މިއަދާ ހަމައަށްވެސް ޝާލޫ ވަނީ ކަމޭހިތާފައެވެ.

"ސްކޫލު ނިންމި ގޮތަށް ހީޓާއި ޖޮއިން ކުރީ."

އޭރުގެ އުމުރަކީ ކޮބައިތޯ އަހާލުމުން ކިރިޔާ އަށާރައޭ ބުނެލީ ވަރަށް ރައްޓެހި ހިނިތުންވުމަކާއެކުގައެވެ.

މިދާއިރާއަށް ޝައުގުވެރިވެވުނީ ދައްތައާއެކު ހީޓަށް އައިސް އުޅުމުގެ ތެރޭގައި ކަމަށް ޝާލޫ ކިޔައިދިނެވެ. ދައްތަމެނާއިއެކު ޝާލޫ އޭރު ހީޓަށް ދިޔައީ ކްލައިންޓެއްގެ ގޮތުގައެވެ. ދައްތައަކީ ޓްރެއިނާއަކަށްވުމުން ދައްތައާއެކުގައި ގޮސް، ކްލައިންޓެއްގެ ގޮތުގައި ޕީޓީ ނަގަމުން ދިޔައިރު ޝާލުއަށް ފާހަގަ ކުރެވުނީ މިއީ ހަމައެކަނި ސިއްހަތަށް ފައިދާކުރުވާ ކަސްރަތު ކުލާހެއް ނޫންކަމެވެ. އެއަށްވުރެ މާބޮޑު ކަމެއް މީގެ ފަހަތުގައި އެބައޮތްކަމެވެ. ދަރިވަރުވަމުންދިޔަ ކުލާސްތަކުގެ ތެރެއިން އެކަކު އަނެކަކާ ގުޅުން އުފެދި، ގުޅުން ބަދަހިވެ، ގެއިން ބޭރު މުޅިން ތަފާތު މާހައުލެއްގައި އާއިލީވަންތަ އިހުސާސްތަކެއް ކުރުވައި ގުޅުންތަކެއް އުފަންވެ ކުރިފޯދޭތަން ޝާލޫއަށް ފެންނަން ފެށިއެވެ. އެހިސާބުން ޝާލޫއަށް އިހުސާސްކުރެވުނީ އޭނާގެ ދާއިރާއަކީ މިއީ ކަމެވެ.

ނަސީބު ކަންދިމާކުރި ހެޔޮފާލެއްގެ ގޮތުން އެދުވަސްކޮޅު އަލަށް ޓްރެއިނިންގް ކުލާސްތަކެއް ހީޓުގަ ފަށަން އުޅޭ ކަމަށާއި ކަމަށް ޝައުގު ހުރި ކުދިން ބައިވެރިވުމަށް ހީޓްޝިފާނާ ހުށަހެޅިއެވެ. އެހުށަހެޅުމަށް ޝާލޫ އެއްބަސްވެ އާނބަސް ބުނީ ދާއިރާއާ މެދު ހުޅުވިފައިވާ ސިކުނޑިއަކުން ހާމަސީދާ އަދި ނުސީދާ ގޮތަށްވެސް ވިސްނާފައެވެ. 2006ގެ އަހަރުތަކުގައިވެސް، ދިވެހިންގެ ފިކުރު ހުންނަނީ ދަރިފުޅު ސުކޫލު ނިމި އޯލެވެލްއަށްފަހު ދާން ޖެހޭ ވަޒީފާ ނުވަތަ ދަރިފުޅު ކުރިމަގު ބިނާކުރުމަށް ވާން ޖެހޭނީ އެވެނި މިވެނި ދާއިރާއަކުންކަން އާއިލާއިން ހަމަޖައްސާ ގޮތަށެވެ. އަދި އެފިކުރުގެ ދާއިރާގެ ފުޅާމިނުގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، ޕައިލެޓުން، ފުލުހުންނާއި ސިފައިން ކަހަލަ މަދު ހޮވުންތަކެކެވެ. ސްކޫލު ނިންމާ ގޮތަށް މައިންބަފައިން ނުވަތަ އާއިލާއިން ހަމަޖައްސާފައި އޮންނަ ކޯހަށް ނުވަތަ ވަޒީފާއަށް ދިއުން ނޫން ގޮތެއް ނޯވެއެވެ. އެހެންނަމަވެސް ޝާލޫއަށް މާތްކަލާނގެ ދެއްވާފައިވަނީ ނުހަނު ލޮބުވެތި އެހާމެ ހެޔޮވިސްނޭ ދަރިފުޅުގެ ހުވަފެންތަކާއި އުއްމީދުތަކަށް ތަރުހީބުދޭ ފަދަ މަންމައަކާއި ބައްޕައެކެވެ.

"އަސްލު ވީގޮތަކީ ހީޓަށް ވަންގޮތަށް ފެމިލީ ފީލްވީ. މިހާރުވެސް އެކި ސީނިއާސް އަށް ދައްތަ ކިޔޭނީ. އެއީ އަސްލު ޝިފާނާ ބިލްޑުކޮށްދެއްވި ކަމެއް. އާއިލާއެއް ގޮތަށް މިތާނގެ މީހުންނާމެދު އިހުސާސް ކުރެވެނީ. މިތަނާމެދު ހީވަނީ....އަމިއްލަ ގޭގަ އުޅެވޭހެން."

މިދާއިރާގެ ތެރެއިން އޭނާގެ އެންމެ ބޮޑު ބަލިފައި، ލަދުވެތިކަން ހުންނަ، ރަކިވާ މީހަކަށްވުމުން ބާރަށް ވާހަކަދައްކާ ހެދުމަށް އާދަވެފައި ނެތުމުން އެއީ ދަތިކަމަކަށް ވިޔަސް ހީޓުގެ އާއިލީއިހުސާސް އެކަމުގެ ހައްލަކަށްވެސް ވިއެވެ. ޝާލޫއަށް އަމިއްލަ ގޭގައި އަމިއްލަ އާއިލާއަށް ހިދުމަތް ދިނުމުގައި ކުރާ އިހުސާސް ހީޓުގެ ތެރެއިން ކުރެވޭތީ ހީޓު ވެފައިވަނީ އޭނަގެ ގެއަށެވެ. ގޭގެ ފެންޑާ އާއި ބޮޑުކޮޓަރީގައި އުޅުމެކޭ ދާދި އެއްފަދަ އިހުސާސެއް އޭނާއަށް ހީޓުގެ ތެރޭ އުޅޭއިރު ކުރެވެއެވެ. ޝާލޫ ބޭނުންވީ އެތަނަކުން އަމިއްލަވަންތަކަމުގެ އިހުސާސް ކުރުވާފަދަ ތަނެއްގެ މީހަކަށްވުމަށެވެ. ހީޓު ވީ އެފަދަ ތަނަކަށެވެ. ޝާލޫ ބޭނުންވި ގޮތަށް ޝާލޫއަށް އަމިއްލަވަންތަކަން ހީޓުން އިހުސާސް ކުރެވެއެވެ.

ތަމްރީނުތައް ކުރިއަށް ދިޔައިރު ޝާލޫގެ މުޅި އުމުރުގައިވެސް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރު ގައުމަކަށް ދާން ޖެހުނީއެވެ. ހާސްވެ ކަންބޮޑުވެސްވިއެވެ. ސެޓްފިކެޓްތަކުގައިވެސް މުޅިންވެސް ފާހަގަ ކުރެވޭ އެއްކަމަކަށް އޮންނަނީ ޝާލޫގެ އަޑު މަޑުކަމާއި ހަތަރުކަޅި ހަމަކުރުމުގެ މައްސަލަ ހުންނަ ކަމަށެވެ. އެހެންނަމަވެސް މިއަދު ޝާލޫއަކީ އޭނާގެ އަޑުން ބަޔަކު ތަމްރީނު ކުރަމުން އަންނަ އަންހެނެކެވެ.

އެހެންނަމަވެސް އެދަތުރުގައި ޝާލޫއަށް އިހުސާސް ކުރެވުނީ އޭނާއަށް އެނގޭ މިންވަރު ކުޑަކަމެވެ. އަދިވެސް ދަސްކުރަން ޖެހޭ ބައިވަރު އެބައޮތްކަން ގަބޫލު ކުރެވޭތީ އެއްކަމުން އަނެއްކަމަށް ލޯހުޅުވެމުން، އެއްކޯހަށްފަހު އަނެއްކޯހުން އުނގެނެމުން މިއަދު އެހެރަ ހިސާބަށް އައިއިރު، ޝާލޫ ގަބޫލު ކުރާ ގޮތުގައި އަދިވެސް އުނގެނެން ޖެހެއެވެ. އުނގެނުމުގެ އުމުރަކަށް ހުއްޓުމެއް ނިމުމެއް ނާންނާނެކަން ކަށަވަރެވެ. އުނގެނެން ޖެހޭނެއެވެ. ދަސްކުރަން ޖެހޭނެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނޭށޭ އެބުނާ ބަހަކީ ވަރަށްވެސް ހަރު ހަރުބަހެކެވެ.

އާއިލާގެ އެއްބައިވަންތަކަމާއި ލޯބިވެތިގުޅުން ނުހަނު ބޮޑު ޝާލޫގެ އެއްބަނޑުއެއްބަފާ ހުރިހާ ކުދިންގެ ވަރަށް ބޮޑު ސިއްރެއް އޮންނަ ކަމަށާއި އެއީ ހަގީގީ ތެދެއްކަމަށް ޝާލޫ ބުނީ ހެވިފައެވެ. ބައްޔެއް ވަންޏާ އެންމެން އެއްފަހަރާ ބަލިވެފައި އެއްފަހަރާ ބައްޔަށް ޝިފާވެސް ލިބޭ ކަމަށް ޝާލޫ ބުންޏެވެ. "އެއްފަހަރާ ބަލިވާނީ. އެއްފަހަރާ ރަނގަޅުވެ ގަދަވެސް ވާނީ."

އާމްދަނީ ހޯދުމަށް ފިޒިކަލް ފިޓްނަސްގެ ދާއިރާ، ނުވަތަ ޖިމްގެ ދާއިރާއަކީ ހަމަ އެންމެ ރަނގަޅު ދާއިރާއެއްކަމަށް ބުނުމަށްފަހު ޝާލޫ ވަރަށް ޔަގީން އިންޒާރުގެ ރާގެއްގަ ބުނީ ސީދާ ފައިސާ ހޯދުމަށް އަމާޒުކޮށްގެން ކުރަން މިމަސައްކަތަކީ ވަރަށް ބިރުވެރިކަމަކަށް ވާނެ ކަމަށެވެ. ސަބަބަކީ މީހުންގެ ހަށިގަނޑާއި ނަފުސުތައް ހަވާލު ކުރަނީ ވަރަށްބޮޑަށް އިތުބާރުކޮށް ޔަގީންކަން ދީފައެވެ. އެހެންކަމުން އެތެރެހަށްޓާއި ގުނަވަންތަކާއި ނާރާއި ކަށްޓާއި ލެއާއި މިހެންގޮސް ނަންހުސްކޮށް ހަށިގަނޑުގެ ހުރިހާ ބައެއް ރަނގަޅަށް އެނގިގެން ނުހަނު ފަރުވާތެރިވެގެން ނޫނީ މިފަދަ މަސައްކަތެއް ކުރާކަށް ނުވާނެއެވެ. އިހުލާސްތެރިކަމާއި އިހުސާންތެރިކަމާ ނުލައި މިއީ ކައިރިވެސް ވާވަރުގެ ކަމެއް ނޫންކަމަށް ޝާލޫ ބުނީ ވަރަށް ސާބިތުކަމާއެކުގައެވެ. ހަމައެހެންމެ އަމިއްލަ ނަފުސު ތަރައްގީ ކުރެވޭނެ ހަމައެކަނި ގޮތަކީ ނިޔަތް ހާލިސްވެ ﷲއަށް އެނިޔަތް ހަލާސްކުރުމުންކަމަށެވެ.

ނިންމާލުމުގެ ކުރިން ޝާލޫގެ އެއްވެސް މެސެޖެއް އޮތްތޯ ސުވާލު ކުރުމުން ހިނިތުންވެލާފައި ދިން ޖަވާބުގައި ވަމީ ނަސޭހަތެކެވެ. އަަބަދުވެސް އުނގެނޭށެވެ. އުނގެނުމަކަށް ދުވަހަކުވެސް ދުނިޔެ ހިނގާހާ ހިނދަކު ނިމުމެއް ނޯންނާނެއެވެ. ކިތަންމެ ގިނަ ސެތްފިކެޓްތަކެއް ހުއްޓަސް އަދިވެސް ޝާލޫ ގަބޫލުކުރާ ގޮތުގައި އޭނާއަށް އެނގޭ އެއްޗަށްވުރެ ގިނައީ ނޭނގޭ އެއްޗެއްސެވެ.

ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނެއް ހުންނާނެއޭ ބުނާ އަޑު އަހަމެވެ. އެހެންނަމަވެސް ޝާލޫދަޓްރެއިނާގެ ފަހަތުގައި ހުރީ ލޯބި ލޮބުވެތި ފިރިއެކެވެ. ޝާލޫގެ ކާމިޔާބީގެ ޝުކުރުގެ ލިސްޓު ދިގު ނަމަވެސް އަލިގަދަކޮށް ފާހަގަ ކޮށްލި މަދު ނަންތަކުގެ ކުރު ލިސްޓު ފުރިހަމަކުރުމަށް ޝާލޫގެ ހިތްފިތި، އަޑުބެދިގެން ލޯތެމި އެސްފިޔަތަކުން ނިރާލި ކަރުނައިގެ ތިކިތައް ފޮހެލުމަށް ނެގި މިނިޓެއްހާ އިރު، 'ވަން' އަށްވެސް ޝާލޫގެ ތެދުވެރި ހާލިސް ނިޔަތާއި އިހުލާސްތެރި އިހުސާންތެރިވަރު އިހުސާސްކުރެވުނެވެ.

"ފުރަތަމަވެސް ހެއްދެވި ފަރާތަށް ޝުކުރު..." ޝާލޫގެ ލޯތެމުނީ އެހިސާބުންނެވެ. ހިނދުކޮޅަކު ހަމަޖެހިލުމަށްފަހު ޝާލޫ އޭނާގެ ޖުމްލަ ފުރިހަމަކޮށްލިއެވެ. "ދެން މަންމަ،ބައްޕަ، އަބަދުވެސް މަންމައާއި ބައްޕަ ބުނުއްވާ، ދަރިފުޅާއޭ ދެއެއްޗެއް ދޫނުކުރައްޗޭ ދުވަހަކުވެސް، ރިލިޖަސްއާއި ވެލިއުސް، ދީނާއި އަގުތައް، ދެން ފިރިމީހާގެ އެއްބާރުލުން، އާއިލާގެ ހުރިހާ އެންމެން.. ހީޓުގެ ފެމިލީ. ހުރިހާ ލޯބިވާ އެންމެންނަށްވެސް ޝުކުރިއްޔާ." ކޮންމެ ދެބަހުން ދެބަހުން ހާމަ ނުކުރި ނަމަވެސް ޝާލޫގެ ކޮންމެ މަސައްކަތެއްގައި އޭނާގެ ފަހަތުގައި އޭނާގެ ފިރިމީހާ ހުންނަކަމުގެ ޔަގީންކަން ފުރަތަމަ ވާހަކަ ދައްކަން ފެށި ހިސާބުންވެސް އޮތީ އެނގިފައެވެ.

"އައި ވޯޒް ނަތިން. އައި ކޭމް ފްރޮމް ނަތިން. އެކަމަކު މިހާރު އެއްކަލަ ނުކެރޭ ޝައި ކުއްޖާވެސް ކޮންމެވެސް މީހަކަށްވެއްޖެ. އައި އޭމް ސަމްވަން މިހާރު. ކޮންމެވެސް ދުވަހަކުން ރީޗްއައުޓް ވާން ބޭނުންވީ." ބައިގަޑިއެއްހާ އިރުތެރޭ ދެކެވުނު އެކި ވާހަކައިގެ ތެރޭގައި ޝާލޫ އެންމެ ގިނައިން ބޭނުން ކުރި ދެތިން ޖުމްލައަކީ އެންމެ ފަހުން ނިންމާލަމުންވެސް ތަކުރާރުކުރި މިޖުމްލަތަކެވެ.

ހުސްވަގުތުތަކުގައި ސިއްރު ހޮބީއެއްގެ ގޮތުން ފްރީޑައިވް ކުރާ ޝާލޫއަކީ އައިލެންޑްހޮޕާއެއްވެސް މެއެވެ. މިއީ އޭނާގެ ސިއްރު އުފާތަކެވެ. ހަމައެހެންމެ ޓްރެއިނާއަކަށް ވީހިނދު ޝާލޫ އަކީ ހަމަ ވަރަށް އާދައިގެ ވަރަށް ގެވެހި އަނތްބެކެވެ. ޒިންމާދާރު މަންމައެކެވެ. އޯގާތެރި ކިޔަމަންތެރި ދަރިއެކެވެ. އަދި ހިނިތުންވެލާފައި އަތްދިއްކޮށްލި ކޮންމެ މީހެއްގެ އަތުގަ ހިފާ މިތުރެއްވެސްމެއެވެ.

ޝާލު ކަހަލަ ކިތަންމެ ދިވެހި ދަރިންނެއް އަދު ދުނިޔޭގެ ކުރިއަރައިގެންދާ ސަފުތަކުގައި ގުނައިލެވޭ އިސް ހިސާބުތަކުގައި އެބަތިއްބެވެ. ދިވެހި އަންހެނުންނަކީ ހިންމަތާއި މިންނަތުން މަސައްކަތް ކޮށްގެން ކާމިޔާބީގެ ހަރުފަތްތަކުން އަރަމުންދާ ބައެއްކަން މިއަދު ދިވެހި އަންހެންދަރިން ދަނީ ސާބިތުކޮށްދެމުންނެވެ. 'ވަން'ގެ ފަރާތުން އެދެނީ ޝާލޫ އެދޭފަދައިން އަބަދުވެސް ކާމިޔާބާއެކު ދުނިޔޭގެ ތެރެއަށް އަދިވެސް އިތުރަށް ނުކުތުމުގެ މަގު ޝާލޫއަށް ފަހިވުމަށާއި ދާއިމީ ފެހި ފަހި ދުޅަހެޔޮ މުސްތަގުބަލެއް ލިބުމެވެ.