(21 ފެބުރުއަރީގެ އަދަދާ ގުޅޭ)

އިސްލާމީ ނިޒާމު ޤާއިމުކުރާން މަސައްކަތް ނުކުރާހައި ހިނދަކު މުސްލިމުން ފާފަވެރިވާނެއެވެ. އިސްލާމީ ނިޒާމަކީ ހަމައެކަނި އެތަނެއްގައި މުސްލިމުންގެ އަކްސަރިއްޔަތު އޮތުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ނިޒާމަކީ އިސްލާމީ ޤާނޫނުތައް ތަންފީޒުވުމުން އުފެދޭ އެއްޗެކެވެ. އިސްލާމީ ޤައުމުތަކުގައި ދީނާއި ޝަރީޢަތް ދިރުވުމުގެ ތަޙްރީކުތައް އުންމަތުގެ މުޅި ތާރީޚުން ފެންނަނީ އެހެންވެގެންނެވެ. ވެރިކަމާ ދެކޮޅަކަށް ހިންގާ އިދިކީލަ ޙަރަކާތްތަކާއި ހަމަނުޖެހުންތައް އެހެނިހެން ޤައުމުތަކަށްވުރެ މާގިނައިން އިސްލާމީ ޤައުމުތަކުން ފެންނަ ސަބަބަކީ އެއީއެވެ.

ވަރަށްގިނަބަޔަކު ޖުމްހޫރިއްޔަތުގެ ފިކުރާ ގުޅުވަނީ އަފްލާޠޫނާއި އަރަސްޠޫއާއެވެ. އަފްލާޠޫނުގެ ފޮތްތަކުގެ ތެރެއިން އެއްފޮތެއްގެ ނަމަކީ ރިޕަބްލިކެވެ. އޭނާ ޖުމްހޫރިއްޔަތާ ދެކޮޅުހައްދަވަނީ ޖުމްހޫރީ ނިޒާމުގައި ސިޔާސީ ބާރު ހޯދުމަށްޓަކައި ދަމާކެނޑުމާއި ކޯޅުން އޮންނަ ކަމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވާގޮތުގައި ވެރިކަން އޮންނާންވާނީ ދުރުވިސްނޭ ބައެއްގެ އަތްމަތީގައެވެ. ޚިޔާލުތަނަވަސް އަދި ހިތުގެ މުއްސަނދިކަންހުރި ބައެއްގެ އަތްމަތީގައެވެ. އަޚްލާޤީ ރަނގަޅު ސިފަތައްހުރި ބައެއްގެ އަތްމަތީގައެވެ. އޭނާ ޤަބޫލުކުރައްވަނީ ނަމޫނާ ދައުލަތެކެވެ. އޭނާވެސް ދެކެވަޑައިގަންނަވާގޮތުގައި އިސްތިބުދާދީ ނިޒާމާ އަޅައިބަލާއިރު ޖުމްހޫރިއްޔަތަކީ ޣަނީމާއެކެވެ. އަފްލާޠޫން ވިދާޅުވާގޮތުގައި ޖުމްހޫރިއްޔަތެކޭ ބުނެވޭނީ މިނިވަން މުސްތަޤިއްލު އަދި ފަގީރު ބަޔަކު ކުރާވެރިކަމަކަށެވެ. އޭނާ ވިދާޅުވަނީ މުއްސަނދީންގެ ވެރިކަމަކީ މަދު އަޤައްލިއްޔަތެއްގެ ބައެއްގެ ވެރިކަމެއް ކަމުގައެވެ.

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ ބާނީއެއްކަމުގައި ބެލެވެނީ އަފްލާޠޫންގެ ދަރިވަރު އަރަސްޠޫއެވެ. އަރަސްޠޫ ވިދާޅުވާގޮތުގައި ސަރުކާރު އުފެއްދުމުގައި ހުރިހައި ރައްޔިތުން ބައިވެރިވާން ޖެހޭނެއެވެ. ފަހުގެ ތާރީޚަށް ބަލާއިރު ޖުމްހޫރިއްޔަތުގެ ޙަރަކާތްތަކެއް ހިނގައިގަތް އެންމެފުރަތަމަ ޤައުމަކީ އިނގިރޭސިވިލާތެވެ. 1688މ. ގެ އިންޤިލާބުގައި ރަސްރަސްކަލުންގެ ބާރުތައް ހަނިކޮށްލެވުނެވެ. ރަސްރަސްކަލުންނަކީ އޭގެކުރީން ކަލާނގެވަންތަ އިޚްތިޔާރުތަކެއްގެ ވެރީންނެވެ. ރަސްރަސްކަލުން "ބަނދެލުމަށްފަހު" ޕާލަމެންޓުގެ ބާރު ގަދަކޮށް ޕާލަމެންޓަށް ބާރު ދެވުނެވެ. އާބާދީގެ ބޮޑުބަޔަކަށް ސަރުކާރު އުފެއްދުމުގައި ބައިވެރިވުމުގެ އިޚްތިޔާރު ދެވުނެވެ. އެ އިންޤިލާބުގައި ކުރިޔަށްނުކުތީ ވިޔަފާރިވެރީންނެވެ.

ހުޅަނގުގެ ޖުމްހޫރިއްޔަތުގެ ދެވަނަ ބިންގަލެއްކަމުގައި ބެލެވެނީ ފަރަންސޭސި އިންޤިލާބެވެ. އެ އިންޤިލާބުގެ ނަޒަރިއްޔާތަކެވެ. މިނިވަންކަމާއި ހަމަހަމަކަމާއި އުޚުއްވަތްތެރިކަމަކީ އެ އިންޤިލާބުގެ ނަޒަރިއްޔާތަކެއް ކަމުގައި ބެލެވުނެވެ. ނަމަވެސް ވެރިކަމުގެ އިސްލާމީ ނަޒަރިއްޔާތުގައި މި އަސާސުތައްވަނީ މާކުރީއްސުރެ އެކަށައެޅިފައެވެ. އެހެންކަމާއެކުވެސް ބަޔަކަށް ހީވެފައިވާ ކުށްހީއަކީ މިދެންނެވި ނަޒަރިއްޔާތަކަކީ ފަރަންސޭސި އިންޤިލާބުގެ ހަދިޔާއެއްކަމުގައެވެ. ފަރަންސޭސި އިންޤިލާބަށް ޙަވާލާދީ މިދެކެވޭ ވާހަކަތައް އެ އިންޤިލާބުގެ އެއްހާސް އަހަރު ކުރީން އިސްލާމްދީނުގެ ނަބިއްޔާ

صلّــى اللّــه عليـه وسلّـم ވަނީ ދައްކަވައިފައެވެ. އެމާތް ސާހިބާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ބާރުލައްވައި މުސްލިމުންނަށް ވިދާޅުވެދެއްވައިފައިވެއެވެ.

"އެންމެހައި މުސްލިމުންނަކީ އެކަކު އަނެކެއްގެ އަޚުންނެވެ." އިތުރު ސާހިބާވަނީ އަޅުންނާއި ސާހިބުންގެ މެދުގައި ހަމަހަމަގޮތުގައި މުޢާމަލާކުރާން އިރުޝާދު ދެއްވައިފައެވެ. އަމުރުކުރައްވަނީ ޚުދު ތިމާ ކާއެއްޗެއް އަޅުމީހާއަށް ކާންދިނުމަށެވެ. ޚުދު ތިމާ ލައިއުޅޭ ފެންވަރެއްގެ ފޭރާން އަޅުމީހާއަށް ދިނުމަށެވެ. އިތުރު ސާހިބާ އިރްޝާދު ދެއްވައިފައިވެއެވެ. "އަންހެނުންގެ މައްސަލައިގައި މާތް اللّــه އަށް ބިރުވެތިވާށެވެ." އިތުރު ސާހިބާ ވިދާޅުވެފައިވެއެވެ. ތިޔަބައިމީހުންގެ ރައްބަކީ އެއްރައްބެކެވެ. ތިޔަބައިމީހުންގެ ބައްޕަޔަކީ އެއްބައްޕައެކެވެ. ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަކަށް ޢަޖަމީންގެ މީހަކަށް ޢަރަބީންގެ މީހެއްގެ މައްޗަކަށް ވަކިމޮޅުކަމެއް ލިބިގެނެއް ނުވެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށް މާތްކަމެއް ލިބިގެނެއް ނުވެއެވެ. އެންމެން އެއްވަރެވެ. މާތްކަމެއް އޮތްކަމުގައިވާނަމަ އެމާތްކަން އޮތީ ތަޤްވާގެ ބިންގަލުގެ މަތީގައެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙައްޖަތުލްވަދާޢުގައި ވިދާޅުވި ޚުޠުބާއަކީ މެދުޒަމާނުގެ ސިޔާސީ އަދި އިޖްތިމާޢީ ނިޒާމަށް ޖެއްސެވި ގޮމެއްފަދައެވެ. އެޚުޠުބާއިންވަނީ ކުލައާއި ނަސްލުގެ ހުރިހައި އިމްތިޔާޒުތަކެއް ނައްތައިލައްވައިފައެވެ. އަޅުންނަށްވަނީ މިނިވަންކަމުގެ ފަތިހަކަށް ދޮންކުރަމުން އެބައަންނަކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ.

ކައުސާހިބާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިސްވެދެންނެވި ފަދައިން އިންސާނީ ހަމަހަމަކަމުގެ އިޢުލާނެކެވެ. ވިދާޅުވެފައިވަނީ އެންމެންގެ ރައްބަކީ އެއްރައްބެއް ކަމުގައެވެ. އެންމެންނަކީވެސް އާދަމުގެފާނުގެ ދަރީންކަމުގައެވެ. އާދަމުގެފާނު ހެއްދެވީ މަށީންކަމުގައެވެ. މިދެންނެވި ހަމަހަމަކަމާއި އުޚުއްވަތްތެރިކަމުގެ ފިލާވަޅުދެއްވީ ފަރަންސޭސި އިންޤިލާބުގެ ޤަރްނުތަކެއް ކުރީންނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ވަނީ ކާބަފައިންގެ މޮޅުކަމާމެދު ފަޚުރުވެރިވުން މަނާކުރައްވައިފައެވެ. ނަސްލީ މަތިވެރިކަމުގެ ފިކުރިއްޔާތާއި އެކަމުގެ ބޮޑާކަން ނައްތައިލައްވައިފައެވެ.

އިސްލާމީ ޖުމްހޫރިއްޔަތެއްގެ ޙަޤީޤަތަކީ އެ ޖުމްހޫރިއްޔަތަކީ ޤައުމުގެ ރައްޔިތުންގެ މަންދޫބުން ހިންގާ ވެރިކަމަކަށްވުމެވެ. ނުވަތަ ރައްޔިތުން ތަމްސީލުކުރާ ބަޔަކު ހިންގާ ޖުމްހޫރީ ނިޒާމަކަށްވުމެވެ. މިނިވަން އިންތިޚާބީ މަންދޫބުންތަކެއްގެ ހިންގުމުގެދަށުގައިވާ އިދާރާތަކެއް އެކުލެވިގެންވާ ނިޒާމެއްކަމުގައިވުމެވެ.

(ރައްޔިތުންގެ މަންދޫބުންނަކީ މީހުންގެ ޒަމީރު ގަނެގެން (ވޯޓު ގަނެގެން) އިންތިޚާބުވެފައިވާ ބަޔަކުކަމުގައިވާނަމަ އެބަޔަކީ ޞައްޙަ މަންދޫބުންނެއް ނޫނެވެ. މިހާރަކަށްއައިސް ވޯޓުގަތުމަކީ ހުސްއެކަނި ކެންޑިޑޭޓުން ކުރާކަމެއް ނޫނެވެ. ވެރިކަންކުރާ ފަރާތުންވެސް ވޯޓު އެބަގަނެއެވެ. ކުރިޔަށް ރާވައި ހަމަޖެއްސުމެއްނެތި އިންތިޚާބެއް ކައިރިވުމުން ތަރައްޤީގެ ނަމުގައި އެދާއިރާއަކަށް ޚާއްޞަކޮށްގެން މިނެއްނެތި ޚަރަދު ކުރުމަކީވެސް ޙަޤީޤަތުގައި ވޯޓުގަތުމުގެ ބާވަތެކެވެ. ރައްޔިތުންގެ ޒަމީރު ގަނެލުމުގެ ވައްތަރެކެވެ. އެހެންކަމުން ހެޔޮލަފާ އަދި ޒިންމާދާރު ރައްޔިތުން މިފަދަ ކަންކަމުގެ ޙަޤީޤަތް ވިސްނާންޖެހޭނެއެވެ. ކޮންމެފަދަ ވެރިކަމެއް ކަމުގައިވިޔަސް ނުވަތަ މަޤާމެއް ކަމުގައިވިޔަސް ޙަވާލުކުރާންވާނީ އެކަމެއްގެ އަހުލުވެރީންނާއެވެ. (الـنّسـاء: 58) އެއްވެސް އަގެއްގައި ތިމާމެންގެ ޒަމީރު ވިއްކައިލުމަކީ ކުރާން ހެޔޮވާނެކަމެއް ނޫނެވެ.)

ޖުމްހޫރީ ވެރިކަމެއްގައި އެވެރިކަމުގެ މުޅި ނިޒާމުވެސް ޤައުމުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެއެވެ. ރައްޔިތުންނަށް އަމުރުވެވިގެންވަނީ މާތް اللّــه ގެ ފޮތް ތަންފީޒުކުރާ ޙުކޫމަތަށް ތަބާވުމަށެވެ. ޙައްޤުތައް ލިބުމާއި ވާޖިބުތައް އަދާކުރުމުގައި ހުރިހާ ރައްޔިތުން ހަމަހަމަވެގެންވުމަކީވެސް ޖުމްހޫރިއްޔަތުގެ މަފްހޫމެކެވެ. ޖުމްހޫރިއްޔަތުގައި އެންމެންގެވެސް މިނިވަންކަމަށް އިޢުތިރާފުވާން ޖެހޭނެއެވެ. އިސްލާމީ ވެރިކަމުގެ ނިޒާމުގެ ރަން ދައުރުގައި އެކަންއޮތީ އެގޮތަށެވެ. އެއީ އިސްލާމްދީން އިންސާނުންނަށްދިން ދިނުމެކެވެ. ދުނިޔޭގެ އެހެން އެއްވެސްތަނެއްގައި އެކަން ނެތީސް ދިން ދިނުމެކެވެ.

ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމަށްކިޔާ ނަމެކެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުން އުފައްދައިގެން ހިންގާ ވެރިކަމެއްގެ ނަމެކެވެ. ޖުމްހޫރިއްޔަތުގެ މާނައަކީ ވެރިކަމުގެ ޙަޤީޤީ ބާރު ރައްޔިތުންގެ އަތުގައި އޮތުމެވެ. އެބްރަހަމް ލިންކަން ވިދާޅުވާގޮތުގައި ޖުމްހޫރިއްޔަތަކީ ޢާންމުންގެ ވެރިކަމެކެވެ. އާންމުންނަށްޓަކައި އާންމުން ކުރާ ވެރިކަމެކެވެ. އެވެރިކަމުގައި ސަބަބަކާނުލައެއް އެއްވެސް މީހަކަށް އަދަބެއް ނުދޭނެއެވެ. ސަބަބަކާނުލައެއް މީހަކު ހައްޔަރެއް ނުކުރާނެއެވެ. ޖުމްހޫރިއްޔަތެއްގައި އާންމުންގެ ރައުޔަށް ވަރަށްބޮޑު އިސްކަމެއް ދޭނެއެވެ. އިސްލާމްދީންވަނީ ތަފާތު ޚިޔާލުތައް ބަރުދާސްތުކޮށްފައެވެ. ބަލައިގެންފައެވެ. ކަންކަމުގައި ދެކޮޅަށް ބަހުސްކުރުމުގެ ދޮރު ހުޅުވައިދީފައެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ اللّــه އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމަކާމެދު اللّــه އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއްބަލައި އެގޮތަށް ޢަމަލުކުރާށެވެ.) ތިޔަބައިމީހުން اللّــه އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައިވާނަމައެވެ." (الـنّسـاء: 59)

އެހެން ޢިބާރަތަކުން ދަންނަވާނަމަ އިސްލާމްދީންވަނީ ޢާންމު ރައުޔު އުފެއްދުމާއި ބަދަލުކުރުމުގެ ފުރިހަމަ މިނިވަންކަން ދީފައެވެ. އޮތީ އެންމެ ޝަރުޠެކެވެ. އެއްވެސް ރައުޔެއް ނުވަތަ އެއްވެސް ނަޒަރިއްޔާއެއް ކީރިތި ޤުރްއާނާއި ސުންނަތާ ފުށުނޭރުމެވެ. ވަޑިފަތިނުވުމެވެ. އެހެނީ އިސްލާމީ ވެރިކަމެއް ވާންޖެހޭނީ ހުރިހައި ޙާލަތެއްގައިވެސް ޤުރްއާނާއި ސުންނަތުގެ އިރުޝާދުތަކާ އެއްގޮތް ވެރިކަމެއްކަމުގައެވެ. ޤުރްއާނާއި ސުންނަތަކީ ހުރިހައި ޤާނޫނުތަކެއް މިންއަޅާ މިންގަނޑެވެ. އެހެންކަމުން އުންމަތުގެ ފުރަދާނައިން ބޭނުންކަމުގައިވާނަމަ ވޯޓުދިނުމަށްޓަކައި ދީނުގެ އަސާސުތައް އެނގުމަކީ ޝަރުޠެއްކަމުގައިވެސް ކަނޑައެޅިދާނެއެވެ. ކުރީންވެސް ދެންނެވިފަދައިން عــمــربـــن الخطّـاب رضى اللّــه عـنــه ވަނީ އުންމަތުގެ ކަންކަމާ ބެހޭގޮތުން އަންހެނުންނާވެސް މަޝްވަރާ ކުރައްވައިފައެވެ. އެހެންކަމުން އަންހެނުންނަށްވެސް ވޯޓުދިނުމުގެ ޙައްޤު ލިބޭންޖެހޭނެއެވެ. މަޖްލިސުއްޝޫރާ ނުވަތަ ޤާނޫނުހަދާ މަޖްލިސުގެ މެމްބަރުންކަމުގައި ވެވޭނެއެވެ.

ނަވާރަވަނަ ސައްތައިގެ ކްރިސްޓިޔަން ދުނިޔެއަށް ޖުމްހޫރިއްޔަތުގެ ޢަޤީދާއަކީ ވަރުގަދަ ގޮންޖެހުމެކެވެ. އެހެނީ ކްރިސްޓިޔަނިޓީގެ ތާރީޚުގައި ޖުމްހޫރީ އަގުތަކުގެ އެއްވެސް އަސާސެއްނެތެވެ. އެއުރެންނަށް އެކަން އާދަވެފައެއްވެސް ނެތެވެ. ކަންއެހެން ހުރުމާއެކުވެސް ކްރިސްޓިޔަން ދުނިޔެއަށް މަޖުބޫރުވީ ޖުމްހޫރިއްޔަތު ޤަބޫލުކުރާށެވެ. ޖުމްހޫރިއްޔަތު ޤަބޫލުނުކޮށް ފަރުޖެއްސޭކަށެއްވެސް ނެތެވެ. އެހެންކަމުން ކްރިސްޓިޔަން ދުނިޔެ ޖުމްހޫރީ ނަޒަރިއްޔާތުތައް ޤަބޫލުކުރިއެވެ. އިސްލާމީ ދުނިޔެއަށް ޖުމްހޫރިއްޔަތުގެ ގޮންޖެހުމާ ކުރިމަތިވީ އެކާވީސްވަނަ ސައްތައިގައެވެ. އެކަމަކު އިސްލާމީ ދުނިޔެއަށް ޖުމްހޫރިއްޔަތު ގޮންޖެހުމަކަށްވީ އެތަކެއް ސައްތަ އަހަރުތަކެއްގެ ކުރީއްސުރެ އިސްލާމީ ސިޔާސަތުގެ ރޭލު ދަގަނޑުން ކައްސައިލައިފައި ވާތީއެވެ. އެކާވީސްވަނަ ސައްތައިގައި މުސްލިމުންނަށްޖެހުނީ އަލުން އެރޭލު ދަގަނޑުމައްޗަށް އަރުވާށެވެ. މައްސަލައަކީ އެއީއެވެ. އެކަމަކު އިސްލާމީ ތާރީޚަށް ނަޒަރު ހިންގާއިރު އެތާރީޚުގެ އެންމެ ޝަރަފުވެރި އެންމެ ޤަދަރުވެރި ދައުރުގައި ޖުމްހޫރިއްޔަތަކީ މުސްލިމުންނާ ނުހަނު އޮޅުވެފައިވާކަމެކެވެ. ޖުމްހޫރިއްޔަތަކީ މުސްލިމުންނާ ބީރައްޓެހި ނިޒާމެއް ނޫނެވެ. އޭރު މުސްލިމުންގެ ތެރޭގައި ނެތީ ހަމައެކަނި ޖުމްހޫރިއްޔަތުގެ ނަމެވެ. އެ އިޞްޠިލާޙެވެ. ކީރިތި ޤުރްއާނުގައި ބޭނުންކުރައްވައިފައިވަނީ ކުރީންވެސް ދަންނަވަމުން އަންނަ ފަދައިން ޚިލާފަތުގެ ނުވަތަ ޝޫރާއިއްޔަތުގެ އިޞްޠިލާޙެވެ.

(ނުނިމޭ)