މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ކިޑްނެޕްކޮށް، ބަރަހަނާކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ކަމަށް ފުލުހުން ތުހުމަތުކުރާ ނެޓްވޯކެއްގެ ދެ މީހެއްގެ ޝަރީއަތް ދައުލަތުން އެދިގެން ސިއްރުކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ލ. މާވަށް، ޖަމީލާމަންޒިލް، އަލީ ސުނީލް އާއި ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުން، އަނިޔާއެއް ދިނުން، ފޭރުން، އަދި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ ސިއްރުކޮށް ދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ދައުލަތުން އެދިފައިވަނީ މައްސަލައިގެ ޝަރީއަތް ސިއްރުކޮށް ދިނުމަށެވެ. ކޯޓުން އެ ސިޓީއާ މެދު ގޮތެއް ނުނިންމިފައި ވަނިކޮށް މިއަދު އެ މައްސަލައިގެ ޝަރީއަތެއް ވަނީ ބާއްވައިފައެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ، އެ ދެ މީހުންގެ މައްސަލައިގެ ޝަރީއަތުގައި ކުޑަކުދިންގެ މައުލޫމާތުތަކެއްގެ އިތުރުން ހުށަހަޅާފައިވާ ހެކީގެ ގޮތުން ޝަރީއަތް ސިއްރުކުރަން ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި ކުޑަކުދިންތަކެއްގެ މައުލޫމާތު ހިމެނޭތީ އާއި ހުށަހަޅާފައިވާ ހެކިތައް ރައްކާތެރިކުރަން ޖެހޭތީ ޝަރީއަތް ސިއްރުކުރަން ޖެހޭ ކަމަށެވެ. އަދި ނޫސްވެރިން ޝަރީއަތުން ޑިސްކަނެކްޓު ކުރަން އިދާރީ މޭޒަށް ގާޒީ ޝަފީއު ވަނީ އަންގައިފައެވެ.
ސުނިލް އާއި ވިޝާންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ވިލިމާލޭގައި ހުންނަ ގެސްޓުހައުސްއަކަށް މީހުން ގެންގޮސް ބަރަހާނާކޮށް ބްލެކްމެއިލްކޮށް ފޭރޭ މައްސަލައެއްގައެވެ. ސުނިލް އާއި ވިޝާން އަކީ އެގޮތަށް މީހުންނަށް އޮޅުވާލައިގެން ފޭރޭ ނެޓްވޯކެއްގެ ދެ ބައިވެރިން ކަމަށް ތުހުމަތުކުރެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރު އޮޕް ޕޮލިސް މުހައްމަދު ލަތީފު ވެސް ވިދާޅުވެފައިވާ ގޮތުގައި އެ ނެޓްވޯކުގައި ކުޑަކުދިން އަދި އަންހެނުން ވެސް ހިމެނެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ނެޓްވޯކުން އެ މީހުން ބޭނުންވާ ތަންތަނަށް މީހުން ގެންދަނީ ސްނެޕްޗެޓް މެދުވެރިކޮށް، ވާހަކަދައްކައި ބައްދަލުކުރަން އެދޭ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތަށް ގެންދާ މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު، އެކި ފަހަރުމަތިން ފައިސާ ހޯދަނީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެންނެވެ. ލަތީފު ވިދާޅުވެފައިވަނީ އޮޅުވާލައިގެން ސްނެޕްޗެޓުން ވާހަކަދައްކަނީ 18 އަހަރު ނުފުރޭ ކުޑަކުދިން ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ދައުވާކުރާ ވިޝާންއަކީ ސިފައިންގެ މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެެއް ނިންމަން މިމަހުގެ ދިހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު