މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެ ދާއިރާއިން ކިޔަވައިގެން ތިބޭ ދިވެހިންގެ އެހީތެރިކަން ނުލިބުމަކީ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ޑުރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ޑުރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްވާން ކުރެވުނު އެންމެ ބޮޑު އިންގިލާބީ އެއް މަސައްކަތް ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ އަނދިރިވެފައިވާ ހަޔާތަށް އަލިކަމެއް ގެނެސްދީ، އުންމީދު އާ ކޮށްދޭނެ މަގަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މަސްތުވާތަކެެއްޗާ ގުޅޭ ދާއިރާތަކުން ތައުލީމު ހާސިލުކޮށްފައިވާ ދިވެހީންގެ އަދަދު ގިނަ ކަމުގައިވީ ނަމަވެސް ސަރުކާރާއެކު މަސައްކަތް ކުރަން އެ މީހުން ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކައުންސިލިންއާއި ސޯޝަލް ސާވިސަސްގެ ދާއިރާއިން ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލު ކޮށްފައިވާ އިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމީހުން ބައިވެރިވާން ބޭނުން ނުވަނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ސަބަބު ސަރުކާރުން ހޯދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައިވެސް މި ޕްރޮގުރާމް (ޑުރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް) ކުރިއަށް ގެންދަން. އެކަމަކު އިންސާނީ ވަސީލަތް ލިބުން ވަރަށް ބޮޑަށް ދަތި. އަޅުގަނޑު އާދޭހާ އެއްްކޮށް މި ދަންވަނީ މިކަމުގެ މައުލޫމާތު ލިބިވަޑައިގެން ނޫނީ ޑިގްރީ ހައްދަވައިގެން ތިބި ބޭފުޅުންނާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސްކުރަން އަޅުގަނޑުމެންނާ ޖޮއިން ކުރައްވާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓު ކޮށްގެން އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި އޭގެ އިތުރުން މުޖުތަމައުވެސް މިކަމަށް ހޭލުންތެރި ކުރުވަން ޖެހޭނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑުރަގް ރިހެބިލިޓޭޝަން ޕްރޮގުރާމުތަކެއް ފަށާނެ ކަމަށް ވިދާޅުވިއެވެ.