އޯޝަން 6|50 ހަރަކާތުގައި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް 50 ގަޑިއިރުގެ ޑައިވް ފުރިހަމަކޮށް ތާރީހީ ރެކޯޑެއް ހަދައިފިއެވެ.
ޝަފްރާޒާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ފެށި އިވެންޓް މިއަދު ހަވީރަށް ނިންމާލާފައިވާ އިރު، ޝަފްރާޒް ވެފައި ވަނީ މި ސަރަހައްދުގެ ގައުމެއްގައިވެސް އެންމެ ދިގު ޑައިވްއެއް ކުރި ޑައިވަރަށެވެ. އަދި އޭގެ އިތުރުން އޭނާއަކީ މިހާރު ރާއްޖޭގައިވެސް އެންމެ ގިނަ އިރު ވަންދެން ޑައިވްއެއް ކުރި މީހާއެވެ.
ޓޫރިޒަމާއި ޑައިވިން އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ އިތުރުން ތިމާވެށީގެ މުހިންމު މައްސަލަތަކަށް ހޭލުންތެރިކަން ފެތުރުމަށް ޝަފްރާޒް ކުރި ޑައިވް ނިންމާލީ 50 ގަޑިއިރު އަޑީގައި އޮތުމަށްފަހުއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކުގެ އިތުރުން، އެމްއެންޑީއެފް، ފުލުހުން އަދި ޓޫރިޒަމް މިނިސްޓްރީގެ ވެސް ބައިވެރިވުމާއެކު ބޭއްވި އިވެންޓު ކުރިއަށްދިޔަ ވަގުތު އެ ތަނުގައި ޑޮކްޓަރުންނާއި ޑައިވަރުންގެ ޓީމެއް އަބަދު ވެސް ހަރަކާތްތެރިވިއެވެ.
ޝަފްރާޒަށް ހިތްވަރު ދިނުމަށް އިތުރު ޑައިވަރުންވެސް 50 ގަޑިއިރު ތެރޭގައި އޭނާއާއެކު އެކި މޫދު އަޑީގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ އިރު، އިއްޔެގެ ވަގުތެއްގައި އޭނާގެ ދެ ދަރިންވެސް ވަނީ ޑައިވްކޮށް ޝްފްރާޒާއެކު ފޮޓޯ ނަގައިފައެވެ. ޝަފްރާޒްގެ ޑައިވް ފުރިހަމަކުރީ ކ. އަތޮޅު އަނަންތަރާ ދިގު ރިސޯޓުގެ ބޭރުން އޮންނަ ކުޑަގިރީ ކައިރީގައެވެ.
ޝަފްރާޒުގެ ޑައިވް ކުރިއަށް ދިޔަ އިރު، އިވެންޓް މޫދު އަޑިން ލައިވް ކޮށްފައިވާ އިރު، ޝަފްރާޒް ވަނީ އޭނާގެ ތަޖުރިބާ ޓްވީޓްތަކުން ހިއްސާވެސް ކޮށްފައެވެ. ރޭވެސް މޫދު އަޑީގައި ހޭދަކުރި ޝަފްރާޒަށް މޫދުގައި ނިދުން ތަފާތު ތަޖުރިބާއަކަށްވެފައިވާ އިރު، އޭނާގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ބޮޑު ޓީމެއް ހަރަކާތްތެރިވިއެވެ. ޝަފްރާޒް އަޑީގައި ފޫހި ފިލުވުމަށް ޓެބްގެ ބޭނުންކޮށް ސީރީސް އާއި ފިލްމު ބެލުމަށްވެސް ވަގުތު ހޭދަކޮށްފައިވެއެވެ.
އޭގެ އިތުރުން ޝަފްރާޒް ދިން އެންމެ މުހިއްމު މެސެޖުތަކަކީ ކަނޑުފަޅުގެ ދިރުން ރައްކާތެރިކުރުމަށާއި މޫދަށް ކުނި ނޭޅުމަށް ކެނޑިނޭޅި ދިން މެސެޖުތަކެވެ. 25 ވަނަ ދުވަހު އިވެންޓް ފެށުން ސަފާރީއެއްގައި ކުރިއަށް ގެންދިޔަ އިރު، އިވެންޓް ފެށުމުގައިވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަތެވެ. މިއަދު 50 ގަޑިއިރު ފުރިހަމަކޮށް، ޝަފްރާޒް ރައްކާތެރިކަމާއެކު ސަފާރީއަށް އެރުމުންވެސް މަރުހަބާ ކިޔާފައި ވަނީ ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމެވެ.
ޚަބަރު
ޚަބަރު
ޚަބަރު