ޑުރަގު ރިހިބިލިޓޭޝަން ޕްރޮގްރާމާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާފުށި ޖަލުގައި މިއަދު ކުރިއަށްދިޔަ ޑްރަގު ރިހިބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު މިފެށި ޕްރޮގްރާމުގެ ސަބަބުން ޖަލުގައި ކަސްތޮޅުއެޅުވި، ނިކަމެތިވެ، މާޔޫސްވެފައިވާ އާއިލާތަކާއެކު އުފާވެރި ހަޔާތެއް ލިބިގެންދާނެ ކަމަށެވެ. އަދި ތަސައްވަރުވެސް ނުކުރާ އެތައް ޒުވާނެއްގެ ކުރިމަގު އުޖާލާކޮށް، އަލިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހުރި ނަމަވެސް ޖަލުން ނުކުމެ އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅޭ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެ މަގު މިޕްރޮގްރާމުން ކޮށައިދޭނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިމިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން. ﷲ އިރާދަކުރެއްވިއްޔާ ޖަލުން ނުކުމެ ލަފާދާރު ޒިންމާދާރު އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅޭ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެ މަގު މިޕްރޮގްރާމުން ކޮށައިދޭނެ. އެތައް ޒުވާނުން ހީވެސް ނުކުރާނެ ފަދަ އުފާވެރި ހަޔާތެއް ލިބިގެންދާނެ އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމުގެ ތެރެއިން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޅިރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު ބަލިމަޑުކަމުން އަރައިގަނެވޭނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި މިކަމުގައި ޝާމިލްވެ ބައިވެރިވާންޖެހޭ އާއިލާތައް ގުޅިގެން ވަށާޖެހޭ ނިޒާމެއް ގާއިމުކުރެވިގެން ކަމަށެވެ.
މިއަދު ފެށި ޕްރޮގްރާމަކީ ވަށާޖެހޭ ނިޒާމުގެ ދެކޮޅު ބައްދަލުވުމަށް ގާތްކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދު މި ފެށި ޕްރޮގްރާމުގެ ހެޔޮ އަސަރު ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކޮންމެ އާއިލާއަކަށް ފޯރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ އެކި ކަންކަމުގައި އުޅޭ ބޮޑެތި ނެޓުވޯކްތައް މި ޕްރޮގްރާމު ފެއިލް ކުރުމަށް ރެއާއި ދުވާލު މިންނެތް މަސައްކަތް ކުރަމުންދާނެކަން އެނގިތިބެ އަޅުގަނޑުމެން މި މަސައްކަތާ ކުރިމަތިލާންޖެހުނީ. ނަމަވެސް މިއަދުގެ ސަރުކާރުން އެއޮތީ ވަރަށް ސާބިތުކަމާއެކު ކެރިގެން މިފަދަ ކަންކަން ހުއްޓުވުމަށް މިންނެތް މަސައްކަތް ކުރަން ތައްޔާރަށް. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް އިސްނަގައިގެން ޓާސްކްފޯސް ހައްދަވައިގެން މަސައްކަތްތަކެއް ދަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމަކަމާއެކު ނިންމާލެވޭނީ ރިހިބިލިޓޭޝަން ޕްރޮގުރާމު ފުރިހަމަ ކަމާއެކު ނިންމާލާ މީހުންނަށް މުޖުތަމައުން ރަނގަޅު ވަޒީފާތަކެއް ލިބި އަދި ވަޒީފާ ހޯދައިދެވިގެން ކަމަށެވެ،
ޚަބަރު
ޚަބަރު
ޚަބަރު