ޚަބަރު

ދިރާގު ޓީވީ އާއި ފައިބާ އިންޓަނެޓުގެ ހިދުމަތް ވޭމަންޑުއަށް

މުހައްމަދު އިޝާން

ތ. ވޭމަންޑުއަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ، އެ ދެ ހިދުމަތް ވޭމަންޑުއަށް އިފްތިތާހުކޮށްފައިވަނީ ހާއްސަ އޮފާތަކާއެކުގައި ކަމަށާއި އޮފާތަކުގެ ތެރޭގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުން ހިމެނެ ކަމަށެވެ.

ދިރާގުން ބުނީ، މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ޓީވީއަށް ހުށަހަޅާ ކަސްޓަމަރުންނަށް ވެސް އެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ހިލޭ ދިނުމަށް ހަމަޖެހިފައިވެއެވެ. ވޭމަންޑޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ފޯރުކޮށްދޭ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް ދިރާގުން އެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 79 ރަށެއް ހިމެނެއެވެ.

އޭގެ އިތުރުން 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި ތަފާތުކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސަންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ދިރާގުން ބުނެއެވެ.