އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބުގެ ފަރާތުން ރާވައި އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް ރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އިފްތިތާހީ ހަފުލާގައި، ބަންޑާރަ ކަޕް 2022 އިފްތިތާހުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ. އެ ރަސްމިއްޔާތުގައި އޭޖީ އޮފީހުގެ އިސްވެރިންނާއި މުއައްޒަފުން އަދި މުބާރާތުގައި ވާދަކުރާ އެހެނިހެން ކްލަބުތަކުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

އިފްތިތާހީ އިވެންޓުގައި ވާހަކަދައްކަވަމުން ބަންޑާރަ ކްލަބުގެ ރައީސް ފާތިމަތު ހަލީމް ވިދާޅުވީ، ބަންޑާރަ ކަޕްގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، އެ ނޫންވެސް ގާނޫނީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާހައުލެއްގެ ތެރެއިން އެކުވެރިކަން އާލާކުރުން ކަމަށެވެ.

ބަންޑާރަ ކަޕް ކޮންމެ އަހަރަކު ބޭއްވުމަށް އޭޖީ އޮފީހުގެ ބަންޑާރަ ކްލަބުން ގަސްދު ކޮށްފައިވާ އިރު، މި އަހަރު ބޭއްވޭ ބަންޑާރަ ކަޕަކީ މުބާރާތުގެ ފެށުމެކެވެ. މިއަހަރުގެ މުބާރާތުގައި ގާނޫނީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ގާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން 16 ފިރިހެން ޓީމާއި، އަށް އަންހެން ޓީމު ވާދަކުރާނެއެވެ.

ބަންޑާރަ ކަޕް 2022 ގެ މެޗުތައް އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، މެޗުތައް ފޯރިގަދަ ވާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ބަންޑާރަ ފުޓްސަލް ކަޕް އިންތިޒާމު ކުރާ ބަންޑާރަ ކްލަބަކީ 2011 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.