ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގައި ތިބޭ އެމްޑީޕީގެ އަންހެން މެމްބަރުންނަކީ އެ ޕާޓީގެ އަންހެން ލީޑަރުން ކަމަށް ވިޔަސް ޕާޓީއާ ދެމެދު މާ ބޮޑު ގުޅުމެއް ނޯންނަ ކަމަށާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އޭނާ ހޮއްވަވައިފިނަމަ އެ ހުރިހާ އަންހެން ބޭފުޅުން އެމްޑީޕީގެ "ފިސާރި އަންހެންވެރިން" އަށް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ އާ ރައީސަކަށް ވާދަކުރައްވާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމާއި، ރޮޒެއިނާގެ ކެމްޕެއިން ފެށުމުގެ ގޮތުން ށ. މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ، ކިޔަވައިގެން ގޭގައި ތިބި ނަމަވެސް އެއްވެސް މީހަކު ސިޔާސީ ދައިރާއިން ކުރިއަށްދާން ފުރުސަތު ނުދޭ ކަމަށާއި އެކަމަށްޓަކައި ވަރަށް ބުރެ މަަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކްޓިވިސްޓުންގެ ގޮތުގައި އެކަނި، އަންހެނުން ތިބެގެން ފުއްދާލެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުގެ މަތިން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހޮވައިދީފިނަމަ "އަޅުގަނޑު ތިޔަބޭފުޅުންގެ އަތަކުން ދުލެއް" ނުކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސިޔާސީ ދާއިރާގައި އަންހެނުން ވަރަށް އެބަ ބޭނުންވާ ކަމަށެވެ.

"ތިޔަބޭފުޅުން އަޅުގަނޑާއެކު ނުކުންނަވައިފި ނަމަ ފިސާރި އަންހެންވެރިންނަށް އިރާދަކުރެއްވިއްޔާ ތިބޭފުޅުން ހަދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި "އަންހެނުންގެ ރޫހު" ހިންގާތާ 13 އަހަރު ވެފައިވާ އިރު، "ފިސާރި އަންހެން އެކްޓިވިސްޓުން" އެ މުއްދަތުގައި އުފައްދާފައިވާ ކަމަށާއި އެކަމަކު މިހާރު މިއީ "ފިސާރި އަންހެންވެރިން" އެ ޕާޓީން އުފައްދަންވީ ދުވަސް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ކިޔަވައިގެން ގޭގައި ތިއްބަސް ސިޔާސީ ދާއިރާގެ ފުރުސަތުތައް ތަބަކަކަށް ލާފައި މީހަކު ނުދޭނެ ކަމަށާއި އެކަން ހާސިލުވާނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"ސިޔާސީ ޕާޓީއާއެކު، ސިޔާސީ ދާއިރާގައި މަސައްކަތް ކޮށްފިއްޔާ ލިބޭ ފުރުސަތުތަކެއް އެއީ. އެހެން ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އައުމުގެ ފުރުސަތު ތިޔަބޭފުޅުން ދެއްވައިފި ނަމަ މި ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާއަކަށް، ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ،" ސިޔާސީ ދާއިރާގައި ރާއްޖެ އިން ފާހަގަކުރެވޭ އަންހެން ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ ހުރިހާ އަންހެންވެރިންނަށް ވެސް ފުރިހަމައަށް، ފުޅާކޮށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ބިރުކަނޑާލައި، ލަދުން ނުތިބެ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަކީ އޭނާގެ އެދިވަޑައިގަތުމެއް ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމުގެ މަގާމާއި، ނައިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބުކުރާނެއެވެ. އެ މަގާމުތަކަށް އަށް ބޭފުޅަކު ވާދަކުރައްވައެވެ.