ކައުންސިލުތައް ޑިޖިޓަލައިޒްކޮށް ކައުންސިލުތަކުގެ ހިދުމަތް ފަސޭހައިން ހޯދުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ދުވަަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލުތަކުން ތައްޔާރުކުރާ ފަސް އަހަރުގެ ތަރައްގީގެ ޕްލޭނާއި އެކަންކަމަށް ހަރަދުކުރުމުގެ ޕްލޭންތަކަކީ މިހާރު ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި ރަށުގެ މަދަނީ ޖަމިއްޔާތަކުގެ ހިއްސާ ފުރިހަމައަށް އޮވެގެން އެކުލަވާލާ ޕްލޭނެއް ކަމަށެވެ.
"މިފަދަ ކަންކަމަކީ ކައުންސިލުން އެކަނި ކުރެވޭނެ ކަމެއް ނޫން. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޭނުންވާނެ އެހީތެރިކަން ލޯކަލް ގަވަމެންޓު އޮތޯރިޓިން ކައުންސިލުތަކަށް ފޯރުކޮށްދެމުންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކައުންސިލުތައް ޑިޖިޓަލައިޒްކޮށް ކައުންސިލުތަކުގެ ހިދުމަތް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އެޕްގެ ސަބަބުން ކައުންސިލުތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ބިންތައް ބޭނުންކުރުމުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުގެންދާ ކައުންސިލުތައް އެބަހުރި ކަމަށެވެ. އެގޮތުން ބިންތައް ތަސައްރަފުކުރުމުގެ ކުރިން ކައުންސިލުތަކުން ތައްޔާރުކުރަންޖެހޭ ބިނާވެށި ޕްލޭންތައް އެއްވެސް ވަރަކަށް ތައްޔާރުކުރެވިފައިނުވާ 43 ރަށެއް އެބައޮތް ކަމަށާއި އެ މަސައްކަތް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން އެލްޖީއޭގެ މާލީ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އޭގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ބޭނުންވާ އިދާރީ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ ނަމުުގައި ތަމްރީންދޭ މަރުކަޒެއް ރަޖިސްޓަރީކޮށް އެކަމުގެ މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު