އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕޭން ށ. މިލަންދޫން ފަށައިފިއެވެ.
މިލަންދުއަށް އިއްޔެ ވަޑައިގެންނެވުމުން އެރަށުން ފައްޔާޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ފައްޔާޒަށް މަރުހަބާ ކިޔުމަށް އެއްވި އިރު, އެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ރައީސަކަށް ކިޔާ ފަދަ ހޫނު މަރުހަބާއެއް ކީ މަންޒަރެވެ. ފައްޔާޒް ރަށު ތެރެއަށް ވަޑައިގެންނެވީ ވެސް ރައްޔިތުންގެ ބޮޑު ޓީމާއެކުއެވެ.
މިލަންދުއަށް ފައްޔާޒާއެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަޑައިގެންނެވިއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިން ވެސް ފެށިގެންދިޔައީ އެ ރަށުންނެވެ.
ފައްޔާޒްގެ ކެމްޕޭން ރަސްމީކޮށް ފެށިގެންދިޔައީ މިލަންދޫގައި ރޭ ބޭއްވި ޖަލްސާއިންނެވެ. އެ ޖަލްސާގައި ފައްޔާޒް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރަން ޖެހޭ ކަމެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މަސައްކަތްތައް މިއަދު އޮތީ ލަދުވެތިވާން ޖެހޭ ހާލަތެއްގައި ކަމަށާއި ޕާޓީގެ ސްޕީޑު ދަށްވެ, މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ހިންގުން އޮތީ ޕާޓީގެ ސައިޒަކު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޕާޓީގެ އިސް ބޭފުޅުން މަޖިލީހާއި ސަރުކާރުގެ ތެރޭގައި ތިބި ނަމަވެސް ޕާޓީ ތެރޭގައި ހަރަކާތްތައް މަދުވެފައިވަނީ އެ ވިސްނުމުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އެކަން ނުކުރެއްވުމުން ކަމަށާއި ޗެއާޕާސަންކަމަށް އޭނާ ހޮވައިދީފިނަމަ އެމްޑީޕީ ހިންގާލާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު