"މިހާރު މީނަ ކޮންމެ ތާކުން ފެނުނަސް ފާހަގަ ވާނެ. ތިކުޑަގަނޑު ހިފައިގެން އުޅޭކަށް އަޅެ ލަދެއް ނުގަނޭތަ؟"

މިއީ އާންމު ޝަކުވާއެކެވެ. ރައްޓެހީންނާއި ގާތްމީހުންގެ ވަރަށް ބޮޑު އެދުމެކެވެ. ދެކެފަރިތަ މީހުންގެ ހިޔާލެކެވެ. ދެކޭ މީހުންގެ ސުވާލެކެވެ. ސްކޫލުދޮށަށް ގޮސް ހުންނައިރު ބައެއް ފަހަރަށް މަންޒަރެކެވެ. ދަރިފުޅު ސްކޫލުން ނުކުތުމާއެކު އަވަހަށް ލޮލުގައި އައިނު އަޅުވައި ކުޑަ ނިއުޅުވައި ބޮލަށް ނަގައިދިނުމުގައި ބެލެނިވެރިން ނުވަތަ ދަރިފުޅު ބަލައި ގޮސް އެހުންނަ މީހަކު އަވަސްވެގަންނާނެއެވެ.

އެކަމަކު، ކިތަންމެ ރަތްދަކަ ހޫނުގަދަ އަވީގައިވެސް ކުޑައަކުން ތިމާ މީހާ ހިޔާވާ މަންޒަރު ނުވަތަ ދަރިފުޅު ހިޔާކޮށްލާ މަންޒަރު އެއީ މަދު މަންޒަރެކެވެ. ކުދިން ކުޑައިން ހިޔާކުރާތަން ހުރިހާ އެންމެންގެ ފަރާތަކުން ނުފެންނާނެއެވެ. އަމުދުން ދާދި ފަހުން އާބާދުވެ މީހުން ދިރިއުޅެން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތެރެއިން މިއީ ފެނުން ނާދިރު މަންޒަރެކެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިވެހި ރާއްޖެއަކީ ހަމައެންމެ ހޫނުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ހޫނު މޫސުމުގައި ރާއްޖެއަށް ވަރަށް މަދު ފަހަރެއްގައި ނޫނީ ވާރޭ ވެހި ނުވަތަ ފިނިވެލާފައި އޮންނަ ދުވަހެއް ނާދެއެވެ. ހޫނުމޫސުމުގެ ދުވަސްތައް ވޭތުވެގެންދާނީ ހަމަ ގަދަފަދަ ހޫނުގައެވެ. މިކަމުގެ ހެއްކަކީ ރާއްޖޭގެ ކިރިޔާވެސް ފޯރާ ގެއެއް ނަމަ އެއަރކޮންޑިޝަން ހަރުކޮށްފައިވާކަމެވެ. ހާއްސަކޮށް މާލޭގައި އެންމެ އާދައިގެ މީހާއާއި އެންމެ ކުޑަކުޑަ އެންމެ އާދައިގެ ކޮޓަރީގައިވެސް އެއާކޮންޑިޝަން ހަރުކުރެވިފައި ހުރުމަކީ ރާއްޖެއަށް އިރުގެ ހޫނުކަން ފޯރާ މިންވަރު ސާފުކޮށް އެނގޭ ހެއްކަކަށް ފުދެއެވެ.

"އައްދެ. މިއީ ލަންކާ ޓީޗަރުންގެ ގުރޫޕެއްތަ؟"

މިއީ ހުރިހާ ރައްޓެހިން އެއްބަސްވެގެން ކުޑަ ނަގައިގެން ރަސްފަންނަށް ދިޔަ ދުވަހެއްގެ ހަނދާނެކެވެ. ވަރަށް ކުރިއްސުރެވެސް އަޅުގަނޑަކީ ކުޑަ އަޅައިގެން އުޅެން އާދަވެފައި ހުރި މީހަކީމެވެ. ހަނދާން ހުންނަން ފެށީއްސުރެ މަންމަ އަޅުގަނޑުމެން ގޮވައިގެން ސްކޫލުދޮށަށް ދިޔަޔަސް އަދި އެހެން ތަނަކަށް ދިޔަޔަސް ކުޑަ ގެންގުޅޭނެއެވެ. ގޭގައި ވިއްސާރަ ދުވަސްތަކުގައި ގެންގުޅެން ހުންނަނީ ވިއްސާރަކޯޓެވެ. ކުޑަ އެއީ އަބަދުވެސް އަވިދޭ ދުވަހުގައި ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން މާލެފަދަ ތަރައްގީގެ ކުލަ ގަދައަށް އޮންނަ ރޭގަނޑުގައިވެސް ދުވާލު ފެންނަ ފަދަ ހަލަބޮލި ރަށަކަށް އާދެވުމުންވެސް މިއާދަ ބަދަލެއް ނުވިއެވެ.

އެހެން އުޅެމުން ގޮސް، އޮފީހުގައި އުޅުނު ކުދިންކޮޅަށް ކުޑަ ގެންގުޅުމުގެ މުހިންމުކަމާއި އޭގެ ބޭނުންތެރިކަން ބުނެދީދީ އެކުދިން ކުޑައާމެދު ދެކޭ ގޮތް ބަދަލުވެއްޖެއެވެ. ބޮލުގައި ތޮތްޕެއް އެޅުމަށްވުރެ ކުޑަ އެޅުން މާބޮޑަށްވެސް ރަނގަޅު ވެފައި ފަސޭހަކަމަށް ފިރިހެންކުދިން އެއްބަސްވިއެވެ. އަދި އެއްދުވަހު ރަސްފަންނަށް އެންމެން ކުޑަ ނަގައިގެން، މެންދުރުވާން ކައިރިވެފައި ހުއްޓާ ދިޔައީމެވެ. ބާރު އަވި ދީފައި އޮތް، ފިހެމުންދާ ގަދަ އަވީގައި ހިޔަލެއް ނެތް ރަސްފަންނުގައި ތިބިމީހުންގެ މޫނުތައް ހުރީ މޯޅިވެމިލާފައެވެ.

އެއަވިން ސަލާމަތްވުމަށް ގަހެއްގެ ހިޔަލުގައި ތިބި އަންހެންވެރީންނަށް އަހަރުމެން ފެނި ބަހެއް ނުބުނެ އެމީހުންނަކަށް ނުތިބެވުނެވެ.

"ޓީޗަރުންތަކެއްދޯ؟ ލަންކާ އިންޑިޔާ މީހުންނާއެކު އުޅެންޏާ ވަރަށް ކުޑަ މުހިންމު ވާނެ!"

"އޭހޭ. ހާދަބޯކޮށް ވާރޭ ވެހެއޭ ދޯ!"

އެއީ ވަރަށް އާންމުކޮށް އަޑު އަހާފައިވާ ބަސްތަކެކެވެ. ހިތަށް އެރިއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީ އޮންނަނީ ކިހިނެއް ކޮންގޮތަކަށް ހެއްޔެވެ. ހޭލުންތެރިކަމުގެ އެއްވެސް މިންވަރެއް ނުހުންނަނީ ބާވައެވެ. ނުވަތަ އެއްޗެއް އެނގެން ބޭނުން ނުވަނީބާވައެވެ.

އަހަރެންގެ ކުޑަ އެޅުމުގެ ހަނދާނަށް ބަލާއިރު ވަރަށް ކުޑައިރުއްސުރެ ކުޑައިގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް އެކުވެރިންނާ ގިނަ ފަހަރަށް ޖަދަލުކޮށް ޒުވާބު ކުރާން ޖެހޭފަހަރު އާދެއެވެ. ނުދަންނަ މީހުންގެ މަލާމާތާއި ޖެއްސުމުގެ ބަސްތަކަށް އާދަވެފައި އުޅުނު ދުވަސްތަކެއްވެސް ދިޔައެވެ. ރައްޓެހީންނާއި އޮފީސް އެކުވެރިންނާއި ގާތް ރަހުމަތްތެރިން މަލާމާތް ކުރެއެވެ. ޖެއްސުން ކޮށް ދިމާކޮށްގެންވެސް އެއާދަ ދޫކޮށްލާތޯ އެމީހުން ވަރަށް ހިތްވަރު ކުރިއެވެ. އެކަމަކު ގޮތްދޫނުކުރުމަށްވުރެ ކުޑަ ނެގުމުން ލިބޭ ފައިދާއާއި ހިތަށް ލިބޭ ހަމަޖެހުން ބޮޑުކަމުން އެއާދަ ދޫކޮށެއް ނުލެވުނެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އަވިއައިނާއި އަތުގައި ކުޑަ ގެންގުޅުމަކީ މޭކަޕުސާމާނާއި ފުށްދަޅާއި ސެންޓުފުޅި އަޅާފައި އޮންނަ އަތްދަބަހަށްވުރެ މުހިންމު އެއްޗެކެވެ. މަހަކު އެއްފަހަރު އާކޮށްލެވޭ ބައެއް މުހިންމު ސާމާނުތަކުގެ ތެރޭގައި، ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ ކުޑައެވެ. ބައެއް ފަހަރު ކުރީ މަހުގައި ގެންގުޅުނު ކުޑަ ރައްކާކޮށްފައި ބޭއްވުމަށްފަހު ހައެއްކަ މަސްފަހުން އަލުން ބޭނުން ކުރުމަށް ނަގައި ގެންގުޅެމެވެ. އެކަމަކު ގިނަ ކުޑަތަކުގެ މިހާ އުމުރު ދިގެއް ނޫނެވެ. ވަރަށް ފެންވަރު ރަނގަޅު މޮޅު ކުޑައެއް ނަމަ ހަލާކުވާން ދުވަސްކޮޅެއް ނަގާނެއެވެ. އެހެންނަމަވެސް އަހަރުދެއަހަރު ނުވަތަ ގިނަ އަހަރުތަކެއް ވަންދެން ކޮންމެ ދުވަހަކު ގެންގުޅޭ ކުޑައެއްނަމަ ހަލާކުނުވެ އޮތުމަކީ ނާދިރު ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ނަމަވެސް މިއަދުގެ މިހިނދުގައިވެސް ވިއްސާރަކުޑައެކޭ އެއްފަދައިން އަވިދޭއިރު އަޅާނެ ކުޑައެއް އަހަންނަށް ވަރަށް މުހިންމެވެ. އިރުގެ ދަޅަތަކުންނާއި އަވިން ލިބޭ ގެއްލުންތަކުގެ ދިރާސާ ކުރާ ފަރާތްތަކުން ހޯދާފައިވާ މައުލޫމާތުތަކުގައި އިރުގެ ދަޅަތަކުންނާއި އަވިން ސަލާމަތްވުމަކީ ކިހާ ބޭނުންތެރި އަދި ކިހާމުހިންމު ކަމެއްކަން ބަޔާންކޮށްފައިވެއެވެ. އިރުގެ އަލްޓްރާވައިލެޓް ދަޅަތަކުން އިންސާނުންގެ ހަންގަނޑާއި ލޮލާއި ދިފާއީ ނިޒާމަށް ނުރައްކާތެރި އަސަރު ފޯރުވާކަމަށް ސައްހަ ދިރާސާތަކުން ހާމަކޮށްފައިވެއެވެ. ލޮލުގެ ފެނުން ބަލިވެ ދެރަވެ ނިކަމެތިކޮށްލައެވެ. ގަދަހޫނުގެ އިރުގެ އަލިން ވިހައިގެ އަސަރުފޯރުމާ ބެހޭ ގޮތުން ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެއީ ސީދާ ހަންގަނޑަށް ގަދަ އިރުގެ ގަދަ އަވި ދިނުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ ގެއްލުންތައް ކުރިމަތިވާ ކަމެކެވެ. އިރުން ބޭސްއަވި ލިބޭ ގަޑިއެއްވާކަން ގަބޫލުކުރާއިރު ވިހައަވި ގަބޫލު ކުރަން ދަތިވަނީ ކީއްވެގެންކަމެއް ނޭނގެއެވެ.

* ގައިކެހުން

* ކުދި ބިހި ނެގުން

* ހަށިގަނޑުގެ ހަނި ދޭތެރެ ހުންނަ ތަންތަން ފާރުވެ ކަޑައިގެން ދިއުމާއި

* ކުދިކުދި ދުޅަތައް ވުން،

* މޭބޮޑުވެ ހޮޑުލުން،

* ބޮލުގަ ރިއްސުން،

* އަރުތެރެ ހިކި ޑީހައިޑްރޭޓްވުން، އަދި

* ހުންއައުން ވަރުބަލިވެ ނިދިބުރާންތިވުން މިއީ ހައްތާވެސް އިރުގެ ވިހަ އަވިން ދިމާވާ މައްސަލަތަކެވެ.

އިރުގެ އަވިންނާއި ދަޅަތަކުގެ އަލިން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކުޑަ ބޭނުންކުރުމަށް ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެންމީހުން މަލާމާތްކޮށް ބަސްބުނެފާނެތީ ތިމާގެ ސިއްހަތަށް ގެއްލުން ހުރި ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އެހެންނޫނަސް ތިމާ ހިތްހަމަޖެހޭ ގޮތަށް، އަނެކާގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް އަރައިނުގަނެ، ތިމާގެ 'ހުއްދަ' ދާއިރާގެ ތެރެއިން، ބޭނުން ކަންތައްކޮށްގެން ދިރިއުޅުމަކީ އަމިއްލަ ހައްގެކެވެ. އެހައްގު ނިގުޅައިގަނެވޭނެ އެއްވެސް މީހެއް ނުހުންނާނެއެވެ.

ކޮންމެ މީހަކަށް ކާރެއް ނުވަތަ ބަހެއްގައި ދަތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަމުދުން ރާއްޖޭގައި ފައިމަގުގަ ދަތުރުފަތުރު ކޮށް އެއްތަނުން އަނެއްތަނަށް އައިސްގޮސްވުމުގައި ހިނގާ އުޅުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. ރާއްޖެ ކަހަލަ ނިސްބަތުން ހޫނު ގައުމެއްގައި އިރުގެ އަވިން ރައްކާތެރިވުމަށް، ސަންސްކްރީން ލޯޝަނާއި އަވިއައިނާއި ކުޑަ ބޭނުން ކުރުމަކީ ވަރަށްވެސް ދުޅަހެޔޮސިއްހަތަކަށް ތަންދޭކަމެކެވެ. އެހެންކަމުން އަވިއައިނަކީ ހަމައެކަނި ހާއްސަ ތަނަކަށް ދުވާލު ދާނަމަ، ފެޝަނެއްގެ ގޮތުން އަޅާ އެއްޗަކަށް ނަހަދަމާތޯއެވެ. އަދި ކުޑައިގެ ކުރިއަށް އަންނަ 'ވިއްސާރަ' މިނަމާ އެއްގޮތަށް އެއީ ހަމައެކަނި ވާރެއިން ރައްކާތެރިވުމަށް ގެންގުޅޭ އައްޑަނައެއްކަމުގައި ނުހަދަމާތޯއެވެ. އަދި ކުޑަކުދިން އަވިން ރައްކާތެރިކުރުމަށް ކުޑަ ގެންގުޅޭ ގޮތަށް ކޮންމެ އުމުރެއްގެ މީހަކަށްވިޔަސް ކުޑަ ގެންގުޅެމާތޯއެވެ. އެއީ ހަމައެކަނި ލަންކާ، އިންޑިޔާ މީހުނަށް ހާއްސަ އެއްޗެއް ކަމަށް ދެކޭ ގޮތް ބަދަލުކޮށްލަމާ ހިންގަވާށެވެ.

ހޭލުންތެރިވުމުގައި އުމުރެއް ނޯވެއެވެ. އަދި އާދައެއް ބަދަލުކޮށްލުމަށް ފުރަތަމަ ފިޔަވަޅު ކެރިހުރެ ނެގުމަކަށް ވަކި އުމުރެއް ހާއްސަކުރެވިފައެއް ނޯވެއެވެ. އެހެންކަމުން ވިއްސާރަކުޑަ ހޫނު މޫސުމުގެ ހޫނުދުވަސްތަަކުގައި އަވިކުޑަ އަށް ބަދަލުކޮށްލުން އެންމެ ރަނގަޅު ނޫންތޯއެވެ.

ގައިކެހުން

ކުދި ބިހި ނެގުން

ހަށިގަނޑުގެ ހަނި ދޭތެރެ ހުންނަ ތަންތަން ފާރުވެ ކަނޑައިގެންދިއުން

ކުދިކުދި ދުޅަތައް ވުން،

މޭބޮޑުވެ ހޮޑުލުން،

ބޮލުގައި ރިއްސުން،

އަރުތެރެ ހިކި ޑީހައިޑްރޭޓްވުން

ހުންއަމާއި ވަރުބަލިވެ ނިދިބުރާންތިވުން

އިރުގެ އަވިންނާއި ދަޅަތަކުގެ އަލިން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކުޑަ ބޭނުންކުރުމަށް ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެންމީހުން މަލާމާތްކޮށް ބަސްބުނެފާނެތީ ތިމާގެ ސިއްހަތަށް ގެއްލުން ހުރި ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެހެންނޫނަސް ތިމާ ހިތްހަމަޖެހޭ ގޮތަށް، އަނެކާގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް އަރައިނުގަނެ، ތިމާގެ 'ހުއްދަ' ދާއިރާގެ ތެރެއިން، ބޭނުން ކަންތައްކޮށްގެން ދިރިއުޅުމަކީ އަމިއްލަ ހައްގެކެވެ. އެހައްގު ނިގުޅައިގަނެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

ކާރެއް ނުވަތަ ބަހެއްގައި ދަތުރު ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަމުދުން ރާއްޖޭގައި ފައިމަގުގައި ދަތުރުފަތުރު ކޮށް އެއްތަނުން އަނެއްތަނަށް އައިސްގޮސްވުމުގައި ހިނގައި އުޅުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. ވަކީން ހާއްސަކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ހޫނުކަން އިންތިހާއެވެ.

ރާއްޖެ ކަހަލަ ނިސްބަތުން ހޫނު ގައުމެއްގައި އިރުގެ އަވިން ރައްކާތެރިވުމަށް، ސަންސްކްރީން ލޯޝަނާއި އަވިއައިނާއި ކުޑަ ބޭނުން ކުރުމަކީ ވަރަށްވެސް ދުޅަހެޔޮސިއްހަތަކަށް ތަންދޭކަމެކެވެ. އެހެންކަމުން އަވިއައިނަކީ، ހަމައެކަނި ހާއްސަ ތަނަކަށް ދުވާލު ދާނަމަ، ފެޝަނެއްގެ ގޮތުން އަޅާ އެއްޗަކަށް ނަހަދަމާތޯއެވެ. އަދި ކުޑައިގެ ކުރިއަށް އަންނަ 'ވިއްސާރަ' މިނަމާ އެއްގޮތަށް އެއީ ހަމައެކަނި ވާރެއިން ރައްކާތެރިވުމަށް ގެންގުޅޭ އައްޑަނައެއްކަމުގައި ނުހަދަމާތޯއެވެ. އަދި ކުޑަކުދިން އަވިން ރައްކާތެރިކުރުމަށް ކުޑަ ގެންގުޅޭ ގޮތަށް ކޮންމެ އުމުރެއްގެ މީހަކަށްވިޔަސް ކުޑަ ގެންގުޅެމާތޯއެވެ. އެއީ ހަމައެކަނި ލަންކާ، އިންޑިޔާ މީހުނަށް ހާއްސަ އެއްޗެއް ކަމަށް ދެކޭ ގޮތް ބަދަލުކޮށްލަމާ ހިންގަވާށެވެ.

ހޭލުންތެރިވުމުގައި އުމުރެއް ނޯވެއެވެ. އާދައެއް ބަދަލުކޮށްލުމަށް ފުރަތަމަ ފިޔަވަޅު ކެރިހުރެ އެޅުމަށް ވަކި އުމުރެއް ހާއްސަކުރެވިފައެއް ނޯވެއެވެ. އެހެންކަމުން ވިއްސާރަކުޑަ ހޫނު މޫސުމުގެ ހޫނުދުވަސްތަކުގައި އަވިކުޑަށް ބަދަލުކޮށްލުން އެންމެ ރަނގަޅު ނޫންތޯއެވެ.