މިއަހަރުގެ ބޯހިމެނުމުގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ ލޯގޯ އަންނަ މަހުން ފެށިގެން ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިއަހަރަކީ ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރު ކަމަށްވުމާއެކު، "ބޯހިމެނުން 2022" ގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ލޯގޯ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ބޯހިމެނުމުގެ ލޯގޯއާ ބެހޭ މައުލޫމާތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ދޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއް އައިސްފައިވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ.