ދުނިޔޭގެ އެންމެ ބޮޑެތި ބިލިޔަނަރުންގެ މުއްސަނދިކަން ދައްކުވައިދޭ އެންމެ އަގުބޮޑު ކުޅޭ އެއްޗަކީ އެމީހެއްގެ މިލްކުގައި އޮންނަ ސުޕަރ ޔޮޓެކެވެ. ސުޕަރ ޔޮޓޭ ކިޔަނީ އެންމެ ބޮޑެތި، ދިރިއުޅެންވެސް އަދި ދަތުރުކުރަންވެސް އެންމެ އަރާމު ޔޮޓު ފަހަރަށެވެ. ސުޕަރ ޔޮޓުގެ ހުންނަނީ ދެ ވައްތަރެކެވެ. އެއްވައްތަރަކީ ހަމައެކަނި އިންޖީނުން ދުއްވާ ޔޮޓެވެ. އަނެއް ވައްތަރަކީ އިންޖީނު ހުރެފައި ރިޔަލުންވެސް ދުއްވޭގޮތަށް ކުނބު ހުންނަ ޔޮޓެވެ.
ހަމައެކަނި އިންޖީނުން ދުއްވާ އެންމެ ބިޔަ އެންމެ ރީތި އަދި ދަތުރުފަތުރު ކުރުމަށް އެންމެ އަރާމު ޔޮޓަކީ ރަޝިޔާގެ ބިލިއަނަރެެއް ކަމަށްވާ އަލިޝާ އުސްމަނޯފްގެ "ދިލްބާރު" ޔޮޓެވެ. ގާތްގަޑަކަށް ސޯޅަހާސް ޓަނުގެ މި ޔޮޓުގެ ދިގުމިން 500 ފޫޓަށްވުރެ ވެސް ދިގެވެ. އުސްމަނޯފުގެ ޔޮޓު މަޝްހޫރީ އޭގެ ބޮޑުކަމަކުން ނޫނެވެ. އޭގެ ޒީނަތްތެރިކަމާއި ފުރިހަމަކަން ބޮޑުކަމުންނެވެ. އެ ޔޮޓުގައި ބޮޑު ބަގީޗާއެއް އޮވެއެވެ. ދެ ހެލިޕެޑުވެސް އޮވެއެވެ. ސުވިމިންޕޫލްގެ ބޮޑުމިން 100 ފޫޓަށްވުރެ ބޮޑެވެ. އެއީ ޔޮޓެއްގައި ގާއިމުކުރެވިފައިވާ އެންމެ ބޮޑު ސުވިމިންޕޫލެވެ.
ގާތްގަޑަކަށް 600 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން 2016 ވަނަ އަހަރު ތައްޔާރު ކުރެވިފައިވާ މި ޔޮޓަކީ 100 ފަޅުވެރިންގެ އިތުރަށް 24 މެހުމާނުންގެ ހުރިހައި ބޭނުންތަކަށް ފަރުމާކުރެވިފައިވާ ޔޮޓެކެވެ. ދިލްބާރުގެ އިންޖީނަކީ ވެސް މިފަދަ ޔޮޓެއްގައި އެޅިފައިވާ އެންމެ ވަރުގަދަ އިންޖީނެވެ. ގަޑިއަކު 23 މޭލުގެ ބާރުމިނުގައި ދުވެއެވެ. މި ޔޮޓުގެ ވެރިޔާ އުމުރުން 68 އަހަރުވީ އުސްމަނޯފްގެ މިލްކިއްޔާތުގެ އަގު 18 ބިލިޔަން ޑޮލަރަށްވުރެ މައްޗެވެ. އޭނާގެ ވިޔަފާރީގެ މައިގަޑު ދާއިރާތަކަކީ މުވާސަލާތާއި މައުދަނުގެ ވިޔަފާރިއެވެ. ދެން މީޑިޔާއެވެ. އުސްމަނޯފަކީ އިންގްލެންޑުގެ މަޝްހޫރު ކުލަބެއް ކަމުގައިވާ އާސެނަލްގެ ހިއްސާދާރެއްވެސްމެއެވެ. އަދި ސްކޮޓްލެންޑްގެ ކުލަބެއް ކަމުގައިވާ ރޭންޖާޒްގެ ވެސް ހިއްސާދާރެކެވެ.
އުސްމަނޯފަކީ ދީލަތިކަމުގެ ގޮތުންވެސް ފާހަގަކުރެވޭ މަހުޖަނެކެވެ. ތައުލީމާއި ސިއްހީ ދާއިރާގެ ތަރައްގީއަށް އޭނާ ވަނީ މިހާތަނަށް ގާތްގަޑަކަށް ތިން ބިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. އުސްމަނޯފަކީ އުޒްބެކިސްތާނަށް އުފަން މުސްލިމެކެވެ. އެކަމަކު އޭނާގެ އަނބިމީހާ އައިރީނާއަކީ ރޫސީ ޔަހޫދީއެކެވެ. އުސްމަނޯފްގެ ޔޮޓަށް ނަންދީފައިވަނީ އޭނާގެ މަންމަގެ ހަނދާނުގައި މަންމަގެ ނަމުންނެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު